ads
މުހައްމަދު މޫސާ (އުއްޗު) ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް އިންޓަވިއު ދެއްވަނީ
ރިސޯޓްތަކުން ޑޮލަރު މާރުކުރަން ޖެހޭ އާ ގަވާއިދު ސަސްޕެންޑް ކުރަން އުއްޗު އެދިވަޑައިގެންފި
ފަތުރުވެރިކަމުގެ ދާއިރާ އަށް އަމާޒުކޮށް ތައާރުފް ކުރި ބޭރު ފައިސާ އާ ބެހޭ ގަވައިދަށް ރަސްމީ ކޮށް އިއުތިރާޒް ކުރައްވާ ކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފުންނާބު އުސް އެއްފަރާތް ކަމަށްވާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ސޮއިކުރައްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފޮނުއްވި ސިޓީ އަކުން ދަންވައިފި އެވެ.
Advertisement

އުއްޗު، އެމްއެމްއޭ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކްތަކުން ޑޮލަރު މާރުކުރުމަކީ ވިޔަފާރިތަކަށް ބޮޑު ގެއްލުމަކާ ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން މިފަދަ ފިޔަވަޅެއް އެޅުމަކީ ވަރަށް ބޭ އިންސާފު ކަމެއް ކަމުގައި އެ ސިޓީގައިވެ އެވެ. 

ގަވާއިދަށް ތައްޔާރުވުމަށް ވަގުތު ނުދީ ގަވާއިދު ގެޒެޓް ކުރި ދުވަހުން ފެށިގެން އަމަލުކުރަން ފެށުމަކީ ވެސް އުއްޗުގެ ކަންބޮޑުވުމެކެވެ.

އާ ގަވާއިދުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނަށް އަސަރުކޮށް، އެކަމުގެ އަސަރު އިގްތިސާދު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އެ ސިޓީގައި އުއްޗު ވިދާޅުވެފައިވެ އެވެ. 

ބޭރު ފައިސާ އާ ބެހޭ އާ ގަވައިދަކީ ކަމާބެހޭ ފަރާތްތަކާ އެއްވެސް މަޝްވަރާކުރުމެއް ނެތި ވަރަށް ކުއްލިއަކަށް ތަޢާރުފު ކުރެވުނު ގަވައިދެއް ކަމީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށް ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.

"އެހެން ކަމުން، މި ގަވާއިދު އިންސާފުވެރި، އަދުލުވެރި، ހަމަހަމަ އަދި އަމަލީގޮތުން ތަންފީޒު ކުރެވޭނެ ގޮތަކަށް ބަދަލުކުރުމަށް ނުވަތަ އުވާލުމަށް ސަރުކާރުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވަގުތުން އެޅުމަށް އެދޭ ކަމުގައި،" އުއްޗުގެ ހިއްސާ އޮންނަ ކުރެއްދޫ ހޯލްޑިންސްގެ ލެޓަ ހެޑްގައި ފޮނުއްވި އެ ސިޓީގައި ވެއެވެ.

ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ޖެހޭ ގޮތަށް ލާޒިމްކުރި ގަވާއިދަށް ސަސްޕެންޑް ކުރުމަށް ޓޫރިޒަމް ދާއިރާގައި ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ކަމަށްވާ ޗަމްޕާ ބްރަދާސްގެ ވެރިޔާ އުއްޗު ސަރުކާރާއި އެމްއެމްއޭގައި އެދިވަޑައިގެންނެވިއިރު، ރާއްޖޭގައި އޮޕަރޭޓްކުރާ އެއް ރިސޯޓު ފިޔަވައި އެހެން ހުރިހާ ރިސޯޓަކުން އާ ގަވައިދަށް އަމަލުކުރަން ރަޖިސްޓަރީ ވެއްޖެ ކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފަ އެވެ.

އެ ގަވައިދަށް ރެޖިސްޓާ ނުވާ ރިޒޯޓާ ގުޅޭ މައުލޫމާތެއް އެ ބޭންކުން ހާމައެއް ނުކުރެއެވެ.

އެމްއެމްއޭ އިން ބުނީ ގަވާއިދާ ގުޅިގެން ބައެއް ރިސޯޓުތަކުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، އަދި ޝަކުވާ ހުށަހެޅި ރިސޯޓުތަކުގެ އަދަދު ސާފެއް ނުވެ އެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ގަވާއިދުގެ ދަށުން، ބޭރު ފައިސާއިން ލިބޭ އާމްދަނީ ޑިޕޮސިޓް ކުރުމަށް، އަލަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރަޖިސްޓަރީވުމަށް 30 ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އެ ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރަން ފަށަން ޖެހޭނީ އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެންނެވެ. ޖެނުއަރީގައި ބޭންކަށް މާރުކުރާނީ އޮކްޓޫބަރު މަހު ރިސޯޓަކަށް އައި ޓޫރިސްޓުންގެ ބޮލަކަށް ޖެހޭ އަދަދުގެ ނިސްބަތުންނެވެ.

އެމްއެމްއޭ އިން މިހާރު އަމަލުކުރަން ފަށާފައިވާ ގަވައިދުގައިވާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކްތައް މެދުވެރިކޮށް މާރުކުރަން ޖެހެ އެވެ.

އެގޮތުން ކެޓަގަރީ "އޭ" ގައި ހިމަނާފައިވަނީ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކެވެ. މިކެޓަގަރީގެ ތަނަކުން ހިދުމަތް ހޯދާ ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކުރަން ޖެހެ އެވެ.

ކެޓަގަރީ "ބީ" ގައި ހިމެނެނީ ރާއްޖޭގައި މިހާރު އިތުރުވަމުންދާ ގެސްޓް ހައުސްތަކެވެ. މިތަންތަނުގައި ހުންނަ ގެސްޓުހައުސްތަކާއި އެ ރަށްރަށުގައި ހުންނަ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ހުންނަ ތަންތަނުން މާރުކުރަން ޖެހެނީ ޓޫރިސްޓަކަށް 25 ޑޮލަރު ރޭޓުންނެވެ.

މިގޮތަށް މިކަން ކުރަން ޖެހޭނީ ކޮންމެ މަހެއް ނިމި 87 ދުވަހުގެ ކުރިން ކަމަށްވެސް ގަވައިދުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް