ސަރުކާރަށް އަހަރެއް ވުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުން ކާމިޔާބު ލިބުމުން އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު މަރުހަބާ ދެންނެވުމަށް ގުޅުއްވުމުންވެސް، އެންމެ ފުރަތަމަ އެދިވަޑައިގަތީ ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ކަމަށެވެ.
ރައީސް މުއިއްޒު މިރޭ ވިދާޅުވީ އިންތިހާބުން ކާމިޔާބު ލިބުމުން އޭރުގެ ރައީސް ސާލިހާ އެކު ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު އެދިވަޑައިގެން ގޮތަށް ޔާމީން ގެއަށް ބަދަލުކުރެއްވުގެ ކަންކަން ކުރިޔަށްދާތީ އެކަމަށް ރައީސް ސާލިހަށް ޝުކުރު އަދާކުރެއްވިކަމަށެވެ. އަދި ވެރިކަމާއި ހަވާލުވެވަޑައިގެން ރައްޔިތުންނާއުި މުހާތަބުކޮށް ދެއްކި ވާހަކައިގައި ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް އިއުލާން ކުރެއްވި ހިސާބުން ފެށިގެން އެ ވައުދު ފުއްދަވާފައިވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެހެންނަމަވެސް މި ވާހަކަތައް ރައީސް ޔާމީނާއި ރައީސް ސާލިހް ދޮގުކުރައްވައެވެ. ރައީސް ސާލިހް މިއަދު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް މުއިއްޒު އެދިވަޑައިގެންފައި ނުވާކަމަށެވެ. އެގޮތުން ރައީސް ޔާމީން ގެއަށް ބަދަލުކުރާކަން ޑރ. މުއިއްޒަށް އެނގިވަޑައި ގަންނަވާނީވެސް އިންތިިހާބަށް ފަހު ބައްދަލުވުމުގައިކަމަށާއި އެ ވާހަކަ ހިއްސާކުރެއްވުމުން ޑރ. މުއިއްޒުގެ މޫނުފުޅުމަތިން ހައިރާންކަން ފެނިވަޑައިގެންނެވިކަމަށްވެސް ރައީސް ސާލިހް މިއަދު ވިދާޅުވިއެވެ.
މިނިވަންވުމަށް ފަހު ރައީސް ޔާމީންވެސް ވިދާޅުވީ އެމަނިކުފާނު ގެއަށް ބަދަލުކުރުމުގައި ރައީސް ޑރ. މުއިއްޒުގެ އެއްވެސް މަސައްކަތެއް ނުވާކަމަށެވެ. އެކަން ކުރެއްވީ ކުރީގެ ސަރުކާރަށް ފެނިވަޑައިގެންކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ގެންދަވަނީ ވިދާޅުވަމުންނެވެ.