މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލާން ހުޅުވައިލީ މި މަހުގެ 26 އާ ހަމައަށެވެ. ބްރޯޑްކޮމްގެ މެންބަރު ކަމަށް ހުޅުވައިލީ މިހާރު ތިބި މެންބަރުންގެ ތެރެއިން ދެ މެންބަރެއްގެ މުއްދަތު ހަމަވާތީ އެވެ.
ޓީވީތަކާއި ރޭޑިއޯ ރެގިއުލޭޓްކުރާ ކޮމިޝަނުން އެންމެ އަވަހަށް ހަމަވަނީ ރައީސް މަރިޔަމް ވަހީދާ އާއި މެމްބަރު އަލީ ޔޫސުފްގެ ދައުރެވެ. އެ ދެ ބޭފުޅުންގެ ފަސް އަހަރުގެ ދައުރު އަންނަ މަހުގެ 5 ގައި ހަމަވާނެ އެވެ.
ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވައިލި އިރު، އެ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އެމްއެމްސީ) އެއްކޮށްލައި، މީޑިއާ ކޮމިޝަނަށް އުފައްދަން މަޖިލީހަށް އޮތީ ބިލެއް ހުށަހަޅައިފަ އެވެ. އެ ބިލާ ގުޅިގެން މީޑިއާގެ ދާއިރާގެ ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލުމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިސްނަވާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިއްޔެ ވަނީ ބުނެފި އެވެ.
އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ދެ މެންބަރެއްގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިއަދެވެ. އެ ކޮމިޝަންގެ މެންބަރުކަމަށް މި މަހުގެ 26 އާ ހަމައަަށް ކުރިމަތިލުމަަށް ހުޅުވާލަަފައި ވެއެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރާ މީހަކީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވެ، އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިން ކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ ނުވާ މީހަކަށް ވެސް ވާން ޖެހެއެވެ.
މީގެ އިތުރުން ސިވިލް ސާވިސް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ މީހުންނަށާއި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކު ކަމުގައި ނުވުން ހިމެނެއެވެ.