ads
ވެލާނާގެ-- ފޮޓޯ: ސީއެންއެމް
ނަތީޖާ ނެރެން ބޭނުން ނަމަ ސިޔާސީ ތަޅުތައް ހުޅުވާ!
ވޭތުވެދިޔަ 40 ވަރަކަށް އަހަރުދުވަހަށް ބަލައިލާއިރު، މުޅި ދުނިޔޭގައިވެސް ފާހަގަކުރެވޭ އެންމެ މުހިއްމު އެއް ކަމަކީ، ޑިޖިޓަލް ޓެކްނޮލޮޖޯގެ ރޮގުން މުޅި ދުނިޔެއިން ފެންނަމުންދާ ކުރިއެރުންތަކެވެ. މިގޮތުން، މުއާސަލާތީ އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މިވަނީ އިންގިލާބީ ބަދަލުތަކެއް އައިސްފައެވެ.

އަތުގައި އޮންނަ ސްމާޓް މޮބައިލް ފޯނަކީ މިހާރު ވަރަށް ގިނަ ޚިދުމަތްތައް އަވަސްކަމާއި ފަސޭހަކަމާއިއެކު ލިބިގަތުމަށް ބޭނުންކުރެވޭ ވަސީލަތެކެވެ. މީގެ އިތުރުން އަތުގައި އަޅާ ގަޑިއަކީވެސް ކުޑަވަރެއްގެ ކޮމްޕިއުޓަރެކެވެ. ޑިޖިޓަލް ޓެކްނޮލޮޖީއާއި އިންޓަނެޓްގެ މުހިއްމުކަން އެންމެ ބޮޑަށް އިހްސާސްކުރެވެން ފަށާފައިމިވަނީ މިދުވަސްވަރެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ލޮކްޑައުންވެ، ގޭގައި ތިބެގެން މަސައްކަތާއި، އެހެނިހެން ގުޅުންތައް މިވަނީ ކުރިއަށް ގެންދަންޖެހިފައެވެ. ދިރިއުޅުމުގެ ވައްޓަފާޅި މިވަނީ ޑިޖިޓަލް ޓެކްނޮލޮޖީއާއެކު ބަދަލުވެފައެވެ.

ދުނިޔޭގެ ހުރިހާ ގައުމެއްގައި މިހާލަތު އޮތީކީ މިދަންނަވާހާ ފަސޭހަކަމާއެކު ކުރިއަރާފައެއް ނޫނެވެ. ދުނިޔޭގެ ތަރައްގީގައި އަދިވެސް ވަރަށް ގިނަ ގައުމުތައް އޮތީ ފަގީރު ހާލަތުގައި، އެންމެ ކުޑަކޮށް ތަރައްގީވެފެއިވާ ގައުމެއްގެ ގޮތުގައި، ނުވަތަ ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައެވެ. ފަގީރުކަން އެންމެ ބޮޑު ގައުމުތައް އެންމެ ގިނައީ ސަބްސަހާރަން އެފްރިކާ، ދެކުނު އެމެރިކާ އަދި އޭޝިޔާގައެވެ. އެފްރިކާގެ ބައެއް ގައުމުތަކުގެ މިހާރުގެ އިގްތިސާދީ ދުވެލި ހުރި މިންވަރަށް ބަލާއިރު، ތަރައްގީވެފައިވާ ގައުމަކަށް ވުމަށް އަދި 50 އަހަރަށް ވުރެ ގިނަ ދުވަސް ނަގާނެއެވެ.

މިހިސާބުން އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ ތަރައްގީވެފައިވާ ގައުމުތައް ތަރައްގީ ވުމުގައި އަދި ފަގީރު ގައުމުތަކަށް ތަރައްގީ ނައުމުގެ ސަބަބުތަކަކީ ކޮބައިތޯއެވެ. ފަގީރު ހާލުގައިވާ އެފްރިކާގެ އަދި ދެކުނު އެމެރިކާގެ ގައުމުތަކަކީ ގުދުރަތީ ވަސީލަތްތައް ވެސް ހުރި، އަދި އިންސާނީ ވަސީލަތްވެސް ހުރި ގައުމުތަކެކެވެ. އެހެންކަމަށްވާއިރުވެސް، ގައުމު ތަރައްގީކުރުމުގައި އެބައިމީހުންނަށް މިވަނީ ކުރިއެރުން ނުހޯދިފައެވެ.

ތަރައްގީވެފައިވާ ގައުމުތަކަށް ބަލާއިރު، ފާހަގަކުރެވޭ އެންމެ މުހިއްމު އެއް ސިފައަކީ، މިގައުމުތަކުގެ މުއައްސަސާތަކުގެ ހަރުދަނާކަމެވެ. އަދި ފަގީރުގައުމުތަކުގައި މުއައްސަސާތައް ނުވަތަ އިންސްޓިޓިއުޝަންތައް ވަނީ ވަރަށް ނިކަމެތިކޮށެވެ. މުއައްސަސާތައް ހަރުދަނާ ނުވުމުގެ އެންމެ ބޮޑު އެއް ނަތީޖާއަކީ ކޮރަޕްޝަނާއި، ވައްކަމުގެ އަމަލުތައް ގިނަވުމެވެ. މިއާއެކު، ގައުމުގެ ޚަޒާނާއާއި މުއްސަނދިކަން މަދު ބަޔަކު އަމިއްލަ ފައިދާއަށް ބޭނުންކޮށް، މުޅި ގައުމުގެ ތަރައްގީއަށް އެކަމުގެ ހިޔަނި އެޅިގެން ދިއުމެވެ. ސަރުކާރުގެ އިދާރާތަކާއި، ސަރުކާރުގެ ކުންފުނިތަކަށް މީހުން ވަޒީފާއަށް ނެގުމުގައިވެސް، ތައުލީމާއި ތަޖުރިބާއާއި ގާބިލްކަމަށްވުރެ، އާއިލީ ގުޅުމާއި، ސިޔާސީ ގުޅުމަށް ބަލައި މީހުން ލެވެއެވެ. އާޚިރުގައި މުއައްސަސާތައް ދަނީ ދުވަހެއް ދުވަހުން ނިކަމެތިވަމުންނެވެ. ގައުމުގައި ކޮރަޕްޝަނާއި ފަސާދަ ދަނީ އިތުރުވަމުންނެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރުވެސް، މިދެންނެވި ކަހަލަ ފަގީރު ގައުމުތަކާއި އެއްގޮތް ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ޖުމްލަ ގޮތެއްގައި ރާއްޖޭގެ ގިނަ މުއައްސާތަކަކީ ވަރަށް ދެރަވަރު ނިކަމެތި ހާލަތުގައި ހުރި ތަންތަނެވެ. ސަރުކާރުގެ މުއައްސަސާތައް ޚާއްސަ ގޮތެއްގައި މިވަނީ ވަރަށް ބޮޑަށް ސިޔާސީވެފައެވެ. ދައުލަތުގެ "މިނިވަން" މުއައްސަސާތައް ވެސް މިވަނީ ސިޔާސީވެ، މުޅިންހެން އަސްލު މަގްސަދު އޮޅިފައެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނިތައްވެސް ވަނީ ވިޔަފާރިއަށް ވުރެ، ސިޔާސީ މެޝިނަރީއަކަށް ބަދަލުވެފައެވެ. މިފަދަ ކުންފުނިތަކުގެ ބޯޑުގައިވެސް ގިނައިން މިތިބެނީ ސިޔާސީ ގޮތުން އައްޔަންކުރެވިފައިވާ މެމްބަރުންނެވެ. ނަތީޖާއަކަށް ވަނީ ކުންފުނީގެ އަދި ވިޔަފާރީގެ މަސްލަހަތަށްވުރެ ސިޔާސީ ނުވަތަ އަމިއްލަ މަސްލަހަތު އިސްކުރެވޭ ގޮތްވުމެވެ. މީގެ ވަރަށް ސާފު މިސާލެއް އަޅުގަޑުމެންނަށް ދާދި ފަހުން ފެނިގެން ދިޔައީ، އެމްއޭސީއެލް އިން ސީޕްލޭން ޓާމިނަލްއާއި ގުޅޭގޮތުން އަމަލުކުރަން އުޅުނު އަދި ފަހުންވެސް އަމަލުކުރި ގޮތެވެ. ގައުމާއި ކުންފުނީގެ މަސްލަހަތަށްވުރެ އެހެން ބައެއްގެ މަސްލަހަތު ކުރިއަށް ނެރެވިފައިވާކަން މިވަނީ ޒަމާނުއްސުރެ ފާޅުވެފައެވެ. އެހެނިހެން ކުންފުނިތަކަށް ބަލާއިރުވެސް ހާލަތު އޮތީ މިހެންނެވެ.

ގައުމުގެ ތަރައްގީގައި މުހިއްމު ރޯލެއް ކުޅޭ މުއައްސަސާތަކުގެ ތެރެއިން، ސަރުކާރުގެ ކުންފުނިތަކަކީ ވަރަށް ބޮޑަށް ރިފޯމްކޮށް ހިންގުން ހަރުދަނާ ކުރަންޖެހިފައިވާ ތަންތަނެވެ. ކޯޕަރޭޓް ގަވަނަންސްގެ މުހިއްމު އުސޫލްތައް ތެދުވެރިކަމާއެކު ހިފަހައްޓަންޖެހޭ ބައެކެވެ. މިކަން ފެށިގެން އަންނާނީ ކުންފުނީގެ ބޯޑުންނެވެ. މިހެންކަމުން، ބޯޑު މެމްބަރުން އައްޔަން ކުރުމުގައި ސިޔާސީ ފިކުރަށްވުރެ ބޮޑަށް ތައުލީމީ، އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި، ތަޖުރިބާއަށް ބަލައި މީހުން ނެގުން މުހިއްމެވެ. 

ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ނުވަތަ ހިންގުމުގައި އެންމެ އިސްކޮށް ހުންނަ މީހާ އައްޔަންކުރަންޖެހޭނީވެސް މިދެންނެވި ކަންތައްތަކަށް ބަލާފައެވެ. އެއްވެސް ހާލެއްގައި ސިޔާސީ އެކްޓިވިސްޓުންނެއްނޫނެވެ. މީގައި އެންމެ އެދެވޭ ގޮތަކީ، ސަރުކާރު ބަދަލުވާއިރަށް ބަދަލުނުވާގޮތަށް، ކުންފުނީގެ ބޯޑުން އިންޓަވިއުކޮށް، ވަކި މުއްދަތެއްގެ ކޮންޓްރެކްޓަކަށް ސީއީއޯއެއް ހޮވުމެވެ. އޭރުން އެފަދަ ސީއީއޯއެއް މަސައްކަތްކުރާނީ ކޮންޓްރެކްޓްގައިވާ ލަނޑުދަނޑިތަކާއި މަގްސަދުތައް ހާސިލްކުރުމަށެވެ. އަދި އެކަން ނުވާނަމަ، ސީއީއޯ ޖަވާބުދާރީ ކުރުވާ ނުވަތަ ވަކިކުރުމުގެ އިޚްތިޔާރު ބޯޑަށް ލިބިގެންވާނެއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ވަރަށް ބޮޑެތި ފައިދާ ލިބޭ ކުންފުނިތަކާއި، އަދި އެއްވެސް ފައިދާއެއްނުވާ ގެއްލުމުގައި ހިނގާ ކުންފުނިތައްވެސް އެބަވެއެވެ. ފައިދާއެއް ނުލިބޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތައް ފިޔަވައި ދެންހުރި ކުންފުނިތަކަކީ އުވާލެވިދާނެ ގިނަ ކުންފުނިތަކެކެވެ. މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެއްކަމަކަށް ވެސް އެކި ނަން ނަމުގައި ތަފާތު ކުންފުނި ހެދިފައި އެބަހުރެއެވެ. 

ފަހަކަށް އައިސް ބައެއް ކުންފުނިތަކަކީ މިނިސްޓްރީއެއްގެ ތެރޭގައި ހިމެނޭ މިނިސްޓްރީއެއްގެ ބައެއްގެ ގޮތުގައިވެސް ފެންނަން އެބަހުއްޓެވެ. ސިވިލް ސާވިސްގެ މިންގަނޑާއި، ސަރުކާރުގެ އެހެނިހެން އުސޫލްތަކުން ބޭރުން ގިނަ ކަންތައްތަކެއް މަގުފަހިކުރުމަށްޓަކައި،"ޝޯޓް ކަޓެއް" ގެ ގޮތުގައި ކުންފުނިތައް ހެދި އޭގެ ބޭނުން ކުރެވެއެވެ. އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް ހިންގާފައިވަނީވެސް ހަމަ މިގޮތަށެވެ.

ކޮންމެއަކަސް، ދުނިޔޭގެ ސަފުގައި ތަރައްގީވަމުންދާ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ރާއްޖެވާއިރު، ގައުމުގެ މުއައްސަސާތަކާއިމެދު ފުންކޮށް ވިސްނާލަންޖެހެއެވެ. އަދި މީގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގްސަދުތަކާއި މެދުވެސް ވިސްނާ، ރިފޯމްކުރަންޖެހޭ ކަންތައްތައް ވީހާވެސް އަވަހަކަށް ރަނގަޅުކުރަންޖެހެއެވެ. ސަރުކާރުގެ ކުންފުނިތަކަކީ ދައުލަތުގެ ބަޖެޓަށް ބުރައަކަށްވުރެ ބޮޑަށް ދައުލަތުގެ ބަޖެޓަށް އިތުރުކޮށްދޭ ބައެކެވެ. އަދި ގައުމުގެ ތަރައްގީގައި، ކުރިއަށް އެޅޭ ފިޔަވަޅަކަށްވެސް ވާންޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް