ads
ސިއްރު - ހަތް ވަނަ ބައި
އެޕިސޯޑް 7
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

ބުނާނެ އެއްޗެއް ދުލަށްނައިސް އަނގަހުޅުވިފައި ހުރެވުނީ އަހަންނަށެވެ. އެވަރުގެ ތަނަވަސް އާއިލާއަކަށް އެވަރުގެ ބޮޑު ދެރައެއް ދޭން ކެރުނީ ކީއްވެބާ އެވެ. އަދި އަންހެން ކުއްޖެއްގެ ރީތި ސޫރަ ބޭނުންކޮށްގެން އެފަދަ ހީލަތްތެރިކުޅިއެއް ކުޅުނީ ކޮން މަގުސަދެއްގައިބާ އެވެ. 

"އޭނާގެ ހުރިހައި ބޭނުމެއް ހާސިލްކޮށްފައި އެނބުރި ދިޔައީ އޭގެ ސަބަބެއްވެސް ބުނެނުދީ.. އަދި އަދަށްވެސް އެކަން އެއޮތީ ސިއްރެއްގެ ގޮތުގައި.. އެ ހާދިސާއަށްފަހު އަހަންނަކީ 'ލޯބި' ލަފުޒު ގަބޫލުކުރާ މީހެއްނޫން.. ބޭވަފާތެރިކަމުގެ ގަދަވިހައިގެ ސަބަބުން، އަހަރެންގެ އަމިއްލަ ނަފުސާއި މިޒާޖު ބަދަލުކުރީ ދުނިޔޭގެ އޮޔާއި ވައިގެ ރޫހަށް ބަލާފައި.. އެ ހާދިސާއަށްފަހު އަހަރެންގެ މައިންބަފައިންނާއި އަދަބުވެރިކަމާއެކު އަނގައިންވެސް ނުބުނަން.. ހަނދާނެއް ނެތް އެމީހުންނާއި ހެޔޮހިތުން އަހަރެން މުއާމަލާތުކުރި ދުވަހެއް.. ވާހަކަތަކުގައި ލިޔެފައި ހުންނަ 'ހެޕިލީ އެވަރ އާފްޓަރ' ނުވަތަ މުޅި އުމުރަށް އުފަލުގައި އަމާންކަމާއެކު ދިރިއުޅެވޭނެކަމުގެ ހުވަފެނަކީ އަހަރެން ގަބޫލުކުރާ އެއްޗެއް ނޫން.. އަހަރެންގެ ވަށައިގެން ވައި ދައުރުވާ ފަދައިން  އަހަރެން 'އަންހެން ކުދިން ގެންގުޅެން'..! އަހަރެން އަންހެން ކުދިން ބޭނުންކުރަނީ 'އޭނާ' އަހަރެން ބޭނުންކުރި ފަދައިން ހަމަ އެގޮތަށް..! ތުންފޮހެފައި އެއްލައިލާ ޓިޝޫއެކޭ، އަންހެން ކުދިންނެކޭ އަހަރެންގެ ކުރިމަތީގައިވާނީ ހަމަހަމަ.." އީތަންގެ ވާހަކަ ނިންމާލި އެވެ.

ކިތަންމެ ގަދަބަސްބުނުމަށް ކަރުގައި ބާރުލިޔަސް، އެއަޑުގައި ހުރި ރިހުމާއި ވޭން ފޮރުވުމަށް އީތަންއަށް ކުރެވވުނު އެއްކަމެއްވެސް ނެތެވެ. 

"ސޯ ޔޫ ޑޯންޓް ބިލީވް އިން ހެޕިލީ އެވަރ އާފްޓަރ؟!" ގަސްތުގައި އަހަރެން ބޫނީއެއް ނޫނެވެ. ދުލުން ބޭރުވީ އެވެ.

ހަމަ އެހިނދުގައި އެކަމަށްޓަކައި މޮޔަ ހިތަށްއެރި އެވެ. ވިސްނައިނުލައި ދުލަށް އައިހައި އެއްޗެއް އަހަންނަށް ބުނެވެނީ ކީއްވެބާ އެވެ. އީތަން ހިތަށް އަރާނީ ކީކޭބާ އެވެ. އޭނާގެ ހަޔާތުގެ އެންމެ ހިތްދަތި ސަފްހާތަކުން އަހަރެންގެ ކުރިމަތީގައި އެ ހުޅުވާލީ ބަދަލުވި ހަޔާތުގެ ހުލާސާ އެވެ. އެކަމަކު އަހަރެންގެ މޮޔަ ސިކުނޑީގައި އަޅައިގަތީ އެންމެ ޖުމުލައެކެވެ. 

މޫނަށް ބަލައިލާފައި ލުއި ހިނިތުންވުމެއް އީތަން ބަދަލުކޮށްލީ އަހަރެންގެ ހަރަކާތް ނުވަތަ އެކަމަށް އަމަލުކުރި ގޮތް ގަބޫލުނުކުރެވިގެންނެވެ. 

"ކުޑަކޮށްވެސް ގަބޫލެއް ނުކުރަން..! އެއީ ކުޑަކުދިންގެ ފޮތްފޮތުގައި ލިޔެފައި ހުންނަ ހިޔާލީފޮލާ..! އެފަދަ ކަންކަން ގަބޫލުކުރާނެ މީހަކު ބުއްދިވެރިންތެރޭގައި ނޫޅޭނެ.. ރިދީ ގަބޫލުކުރަންތަ؟" އަހަރެންގެ ނުވިސްނޭ ސިކުނޑިއަށް މަލާމާތްކުރަމުން އީތަން ސުވާލުކުރި އެވެ. 

އަހަރެންގެ ބޮލަށް ހޫނުއަރަމުން ރުޅިގަދަވާންފެށި ގޮތެއްވެސް ނޭގުނެވެ. ކުޑައިރުންފެށިގެންވެސް އަހަންނަކީ ފެއަރީޓޭލްސްގެ އެންމެ ގާތްއެކުވެރިޔާ އެވެ. ދެބުމަ ގޮއްޖަހައިލާފައި އަހަރެން ކުރިމަތީލީމެވެ.

"ޔެސް، އައި ޑޫ! އެންޑް ހެޕިލީ އެވަރ އާފްޓަރސް ޑޫ އެގްޒިސްޓް" ޒުވާބު ކުރުމުގެ ރޫހުގައި އަހަރެން ބުނެލީމެވވެ. 

"އޯހ.. ރިއަލީ..!؟ ލިޓްރޭޗަރގެ ކޮން ކެރެކްޓަރއެއް ތިއީ..؟" އިންތިހާއަށް މަލާމާތްކުރަމުން އީތަން ސުވާލުކުރި އެވެ. 

އެހައި އަވަހަށް މި މައުލޫގައި ހަތިޔާރު ބަހަށްޓާކަށް އަހަރެން ގަސްދެއް ނުކުރަމެވެ. 

"އައި އެމް ޖޫލިއެޓް! ވެއިޓިންގ ފޯރ މައި ރޯމިއޯ!" އަޑަށް ބާރުލާފައި އަހަރެން ބުނީމެވެ. 

"ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެ ދެ މީހުންވެސް ވީ މަރުވެފައި" ހަމަ ކުއްލިޔަކަށް އަޑަށް ގޮތެއް ހަދާލާފައި އީތަން ޖަވާބުދިނެވެ. އަހަންނާއި ދިމާކުރުމުގެ ރޫހު ނޫނީ އެ ބުނެލުމުގައި ނުވެ އެވެ. އަހަރެންވެސް ދުލެއް ނުދޭނަމެވެ.

"ހިޔާލީ ވާހަކަ ނުކިޔާ މީހަކަށް ކިހިނެއްބާ އިނގެނީ އެދެމީހުން މަރުވިކަން..؟ އެޒާތުގެ ފޮތް ކިޔާކަން ތިއޮތީ ފަޅާއަރާފައި" ހަށަންބަންނަމުން އަހަރެންބުނެލީ އެއްބުމަ މައްޗަށް ހިއްލާލަމުންނެވެ. 

"ގިނައިންނެއް ނުކިޔަން- ވަރަށް މަދުން ކިޔަނީ" ނޫން ގޮތަކަށް އީތަން ބުނެލި އެވެ. 

"އަހަރުމެން ކޮންމެ އިންސާނަކީވެސް ކޮންމެވެސް ގޮތަކުން ހިތް ހަލާކުވެ، ވޭންލިބިފައިވާ މީހެއް.. ކޮންމެ މީހަކުވެސް ރޭ ދުވާ ގުނަނީ، އެ ޒަހަމްތަކަށް ފަރުވާއެއް ލިބޭނެކަމުގެ އުއްމީދުގައި" އީތަންގެ ލޮލަށް ބަލައިލަމުން އަހަރެން ބުނީމެވެ. 

"އަހަރެންގެ މި ޒަހަމްތަކަށް ދުވަހަކުވެސް ފަރުވާއެއް ނުކުރެވޭނެ.. މިއީ ފަސޭހަވުމެއް ނެތް ފުން ޒަހަމްތަކެއް.. އަހަރެންގެ މާޒީ ދިން ލަކުނުތަކަކީ ދުވަހަކުވެސް ފަސޭހަވުމެއް ނެތް ރިހުންތަކެއް" އަހަރެންގެ ލޮލަށް ބަލައިވެސް ނުލައި ދުރަށް ބަލަމުން އީތަން ބުނެލި އެވެ. 

"ފަރުވާއެއް ނެތް ޒަހަމެއް ނުހުންނާނެ ސަރ.. ލޯތްބަކީ ކޮންމެ ބައްޔަކަށް އަދި ކޮންމެ ރިހުމަކަށް އޮތް ހަމައެކަނި ފަރުވާ" އަހަރެން ބުނެލީ އަމިއްލަ ނަފުސަށް މުހާތަބުކޮށެވެ.

"އަހަރެންގެ މި ޒަހަމްތައްވެސް ލޯބީގެ ފަރުވާއިން ފަސޭހަކުރެވިދާނެތަ؟" ހައިރާންވެފައި ސަރ ސުވާލުކުރީ މޭގައި އަތް ޖައްސާލާފަ އެވެ.

"ހަމައެކަނި ހަގީގީ ލޯބިން" ހިނިތުންވެފައި ޔަގީންކަމާއެކު އަހަރެން ބުނީމެވެ. 

ފުން ނޭވާއެއްލާފައި އިސްޖަހައިލި އެވެ. ސަރ އެއްވެސް އެއްޗެއް ނުބުންޏެވެ. ވަރަށް ހިތްވަރުކޮށްފައި ސަރގެ އަތް މަތީގައި އަހަރެންގެ އަތް ބާއްވާލީމެވެ. ޒައްރެއްގެ މިންވަރުގެ ހަރަކާތެއްވެސް ސަރ ނުގެނަ އެވެ. އިރުކޮޅަކު ވިސްނަން އިނދެފައި އަހަރެންގެ މޫނަށް ބަލައިލި އެވެ. ޔަގީންކަން ދިނުމަށްޓަކައި އަހަރެންގެ އެސްފިޔަތަކުން ހަރަކާތްކޮށްލާފައި ހިނިތުންވީމެވެ.

ހާލަތު ވިސްނުމުން ސަރގެ އަތްމަތީން އަހަރެންގެ އަތް ދަމައިގަތީމެވެ. ލަދުންގޮސް ވަންނާނެ ހޮރެއް ނަމަވެސް ފެނޭތޯ އެވަގުތު ހޯދީމެވެ. އެހަރަކާތަށް ސަރގެ ހަމައެކަނި ޖަވާބަކީ ލުއި ހިނިތުންވުމެކެވެ. 

އަހަރެންގެ ހާލަތު އިހްސާސްވީކަންނޭގެ އެވެ. މަޑުމަޑުން އަހަރެންގެ އަތް އުފުލާލާފައި ސަރގެ ދެއަތުގެ ތެރޭގައި ފޮރުވާލި އެވެ. ލޯބި ހަރަކާތެކެވެ. ލިބުނީ ހައިރާންކަމެވެ. ނަމަވެސް މި ހިނދުކޮޅު އިތުރު ލަދުވެތިކަމަކަށް ނުގޮސް ސަލާމަތްވޭތޯ އަހަރެން ހިއްވަރުކުރީމެވެ. 

ސަރގެ މަޑުމަޑު އަތުގެ ބީހިލުމުން އަހަރެންގެ ނާރުތަކަށް ކުރަމުންދިޔަ އަސަރުތައް އެވަގުތު ވިސްނޭނެބާ އެވވެ. ދިގު އިނގިލިތަކުގެ ތެރޭގައި އަހަރެންގެ އަތުގެ ކުދިކުދި ސެލްތައް ނަށަމުންދިޔައީ އެތައް ދުވަހެއްގެ ނާއުއްމީދުތަކުގެ ހާލަތު ބަދަލުކުރަމުންނެވެ. 

ލަދުން ރަތްވަމުންދިޔަ މޫނުމަތީގެ ކުލަ ކޮންޓްރޯލްކުރެވޭތޯ އަހަރެންގެ ދެ ކޮލުގައި ބާރަށް ދަތްއެޅުމުންދިޔަކަން އިހްސާސްވާންވެސް ވަގުތު ނެގި އެވެ.

"ވަރަށް ލަސްވެއްޖެ! ގެއަށްދިޔުން ކަންނޭގެ ދެން އެންމެ ރަގަޅުވާނީ.. ބަރުހިތަކާއެކު އަހަރެން ބުނީމެވެ. ހަގީގަތުގައި މިރޭގެ މި ހިނދުކޮޅަށް ނިމުން އަންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. 

"ހޫމް- އޯކޭ!" އުނދަގުލުން ބުނެލުމާއެކު އަހަރެންގެ އަތުން ސަރ ދޫކޮށްލި އެވެ. އަމާންވެފައިވާ މޫނުން ހިނިތުންވުން ފިލައިގެނން ދިޔަ އެވެ.

"ގެ މާ ދުރެއް ނޫން.. އަހަރެން ހިނގާލާފައި ގެއަށް ހިނގައިދާނަން.. ތެންކިއު ސޯ މަޗް ސަރ" އަދަބުވެރިކަމާއެކު އަހަރެން ބުނީމެވެ.

"ހިނގާފަ..؟ ގެއަށް..؟ މިތަނުން..؟ އެކަނި..؟" ކުއްލިޔަކަށް ސުވާލުތައް އަމުނާލި އެވެ. 

"ނުވާނެ ތިކަމެއް... ރިދީ ތިހުރީ އަހަރެންގެ ޒިންމާގެ ދަށުގައި.. ކާރަށް އަރަން ބޭނުން ނުވަންޏާ، ރިދީއާއެކު އަހަރެންވެސް ހިނގާލާފައި ދާނަން..!؟" ނިއްކުރިއަށް ރޫ އަރުވާލާފައި ސަރ ބުނެލި ސަބަބެއް ނޭގުނެވެ. 

"އޯ-ކޭ" ބުނާނެ އިތުރު އެއްޗެއް ދުލަކަށް ނުވެސްއައި އެވެ.

ހިމޭންކަމާއެކު އަހަރުމެން ހިނގަމުންދިޔައީމެވެ. ނަމަވެސް ދެމީހުން ދެމެދުގައި ނުތަނަވަސްކަމެއް ނެތެވެ. ކުރިން އިހްސާސްނުކުރެވޭ އަމާންކަމެއް އަހަރެންގެ ހިތާއި ކުޅެލި އެވެ.

"އަހަރެންގެ މި ޒަހަމްތައް ފަސޭހަކޮށްދީފާނަންތަ މިސް ރިދީ..؟" ހިމޭންކަމާއެކު ހިނގާލާފައި ދަމުން ސަރ ސުވާލުކުރި އެވެ. 

އިވުނު އަޑާއެކު އަހަރެންގެ ދެފައިގެ ކޮންޓްރޯލް ގެއްލުނީ އަރައިގެންހުރި ހީލްސްގެ ސަބަބުންކަމަށް ވެދާނެ އެވެ. ހިތް ތެޅެންފެށީ ނުހަނު ބާރަށެވެ. ދެ ލޯ ބޮޑުވެ، އަނގަ ހުޅުވިފައިވާކަމެއްވެސް ނުދެނަހުރީމެވެ.

"މިއީ ވެމްކޯގެ ޕިކަޕްތައްވެސް މަގުމަތީގައި އުޅޭ ވަގުތެއް- މެއްސެއް ނުވަންނަނީސް އަނގަ ލައްޕާ، މިސް ރިދީ..؟" ގަތް ލަދުން އަނގަ ލައްޕައިލީމެވެ. ލޮލުގެ އެސްފިޔަތައް މާ އަވަސްއަވަހަށް ހަރަކާތްކުރަންފެށީ ލޮލުގެ ތެތްކަން އިހްސާސްވިޔަ ނުދިނުމަށެވެ. 

"ސަރ.. ތިޔަ ޒަހަމްތަކަށް ފަރުވާކުރުމަށް... ބޭނުންވަނީ..  ހަގީގީ.. ލޯބި!" ކޮންމެ ލަފްޒަކަށް އަހަރެންގެ ދދޫ ބަންދުވާހެން ހީވި އެވެ.

"އެހެންވެ، މި އެދުނީ! އެވާހަކަ މި ބުނަނީ!" އަހަރެންގެ ލޮލަށް ބަލަމުން ސަރ ބުނެލި އެވެ. 

ހަގީގަތުގައި އީތަން އެބުނި އެއްޗެއް އަހަންނަށް ދޭހައެއް ނުވި އެވެ. އެބުނަނީ ލޯބި ބޭނުންވާ ވާހަކަ ބާއެވެ؟ ނޫނީ އަހަރެންގެ ކިބައިން އެ ލޯތްބަށް އީތަން އެދެނީބާ އެވެ؟

އޮޅުންބޮޅުމުން ހަލަބޮލިވެފައިވާ ބެލުމަކުން އަހަރެންގެ މޫނަށް ސަރ ބަލައިލި އެވެ. 

"މަޑުމަޑުން، ލަސްލަހުން، ކުދިކުދި މަސައްކަތްތަކުން ފަށައިގެން އަހަރެންގެ މި ރިހޭރިހުމަށް ލުއިކޮށްދެވޭތޯ، ނޫނީ މި ޒަހަމްތައް ފަސޭހަކޮށްދެވޭތޯ ރިދީ މަސައްކަތް ކޮށްދީފާނަންތަ؟" އަހަރެންގެ ނުތަނަވަސްކަން ދުރުކޮށްދިނުމަށް ސަރ މަސައްކަތްކުރި އެވެ. 

މާނައަކީ ކޮބައި ހެއްޔެވެ؟ އަހަރެންގެ ލޯތްބަށް ސަރ އެދެނީ ހެއްޔެވެ؟ ވިސްނަންވީ އިތުރު ސަބަބެއް މީގައި އެބައޮތް ހެއްޔެވެ؟

"ޔެސް" އަހަރެންގެ ކަންފަތާއި ހިސާބަށްވެސް އެއަޑު އައީ ނުހަނު ފަނޑުކޮށެވެ.

މަޑުހިނގުމުގައި އަހަރެންގެ ކުޑަކުޑަ ގެއާއި ހަމައަށް އާދެވިއްޖެ އެވެ.

"މިސް ރިދީ..! އުމް..މް..މް މާދަމާ އޮފީހަށް ނުނިކުމެ އަރާމްކޮށްލާ!" ލިބުނީ ހައިރާންކަމެވެ. ލޯ ބޮޑުކޮށްފައި އީތަންއަށް ބަލައިލީމެވެ. 

"އަހަރެންވެސް މާދަމާ އޮފީހަށް ނުދާނަން.. ގޭގައި މަޑުކޮށްލާނީ.. މާ ބައިވަރު މަސައްކަތެއް ނުހުންނާނެ.. މީޓިންގތަކެއްވެސް މާދަމާ ނޯންނާނެ" ހިމޭންކަމާއެކު ތަފްސީލްކޮށްދިނެވެ.

"އޯ-ކޭ" އެއްބަސްވުން ނޫން ގޮތެއް ނެތެވެ. އެކަމަކު އީތަން ނުފެނި އަހަންނަށް ކުރެވޭނެ އަރާމެއް އެބައޮތްބާ އެވެ.

"އިރޮއޮއްސޭހައި އިރު ދެމީހުން އެބަޖެހޭ ބޭރަށްވެސް ދާން!" ސަރ ބުނެލި އެވެ.

"އޯ-ކޭ ސަރ.. ކޮން ފައިލްތަކެއްތޯ ތައްޔާރުކުރަންވީ..؟" އިރުއޮއްސޭއިރަށް އަހަރެން އެއްވެސް މީޓިންއެއް ޝެޑިއުލް ނުކުރަމެވެ. އެހެންވީމާ ސަރ ނިންމި މީޓިންއެއްވިއްޔާ ތަފްސީލް ލިބޭނީ ސުވާލުކޮށްގެންނެވެ.

ސުވާލާއިއެކު ސަރގެ މޫނަށް އަހަރެން ބަލައިލީމެވެ. މަޑުފިޔާތޮށި ކުލައަށް ސަރގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔަ އެވެ. 

"އުމް.މް.މް.. ނޯ! އިޓްސް ނޮޓް އަ ފޯމަލް މީޓް!" ސަރގެ އަތް ކަނދުރާގައި ހާކާލަމުން ބުނެލި އެވެ. ދެބުމަދޭތެރެއަށް ރޫއަރުވާލާފައި ސަރގެ މޫނަށް ބަލައިލެވުނެވެ.

"ޔޫއަރމައިޑޭޓްޓުމޯރޯ" އެކީ އެއްޗެއް ނޭގުނެވެ. ކުޑަކޮށްވެސް ސާފެއް ނުވި އެވެ.

"އައި އެމް ސޮރީ ސަރ! ތި ބަސް، އަޅުގަނޑަށް ފަހުމެއް ނުވި! ސާފުވާނެ އިބާރާތަކުން ބުނެލަދީފާނަން ތޯ؟" މަޑުމައިތިރިކަމާއެކު އަހަރެން ސުވާލުކުރީމެވެ. ހަގީގަތުގައިވެސް އެ ބުނި އެއްޗެއް ސާފު ނުވި އެވެ.

"ޔޫ އަރ މައި ޑޭޓް ޓުމޯރޯ!" ލަސްލަހުން ސަރ ބުނެލީ އަހަރެންނާއި ދިމާލަށް ނޫން އެހެން ހުރިހައި ދިމާއަކކަށް ބަލަމުންނެވެ.

އަނެއްކާވެސް ޝޮކެކެވެ. ފުލުފުލުގައި ޝޮކެވެ. މިފަހަރު ހުޅުވުނީ އަނގަޔާއި އަހަރެންގެ ބޮޑު ދެ ލޯ އެކަންޏެއްވެސް ނޫންކަންނޭގެ އެވެ. ކޮކާތަކާއި މާބުރުބަޅިދުތައް އަހަރެންގެ ކުރިމަތީގައި ރާގުރާގަށް އުދުހެން ފަށައިފި އެވެ. މި ހުވަފެނުން ހޭލާކަށް ބޭނުމެއް ނޫނެވެ. ކަންފަތުގައި ކުޅެމުންދިޔަ ހިތްގައިމު މިއުޒިކަށް ނަށަންވެސް މިވަގުތު ބޭނުމެވެ. މަގުހިނގާ މީހުން އަހަރެން މިއީ މޮޔައަކަށް ހެދިޔަސް އެންމެ ރަގަޅެވެ.

އީތަން އެބުނީ، ނުވަތަ އަމުރުކުރީ ޑޭޓްއަކަށް ދިއުމަށް ހެއްޔެވެ؟ ހުރި ފިޔަވަޅުމަތީން ގުޑައިލާންވެސް ނޭގުނެވެ.

"އަހަރެންގެ ކޮލެޖް ފްރެންޑެއް ލަންޑަނުން އައިސް އެބައުޅޭ.. މާދަމާ ރޭ އޭނާގެ ޕާޓީއެއް އެބައޮތް.. އައި ނީޑް އަ ޑޭޓް، ސޯ.." ތަފްސީލްކޮށްދެވޭތޯ މަސައްކަތްކުރި އެވެ. އެކަމަކު ނަށަމުންދިޔަ ހިތް އަހަރެންގެ ކޮންޓްރޯލުން ބޭރުވަނީ އެވެ.

އީތަން މުހައްމަދު މަނިކުގެ ޑޭޓްއަކަށް ވުމަށްވުރެން ބޮޑު އުފަލެއް އަންހެން ކުއްޖަކަށް މިރާއްޖޭގައި ލިބިދާނެބާ އެވެ. މިއީ ޒުވާން ކޮންމެ އަންހެންކުއްޖެއްގެ ހިތުގެ އެދުމެވެ. މިފަދަ ބޮޑު އުފަލަކަށް ފުރަގަސްދޭނީ ކިހިނެއް ހެއްޔެވެ؟

"އޯ-ކޭ ސަރ" ރަސްމީ ގޮތް ދައްކައިލެވޭތޯ މަސައްކަތްކުރަމުން އަހަރެންގެ އަޑު ކޮންޓްރޯލް ކުރީމެވެ. 

ހަށިގަނޑުގެ ކޮންމެ ސެލް އެއް ނަށަނީ އެވެ. ލިބުނު އުފަލުގައި ހިތް މައިތިރިއެއް ނުވި އެވެ. އަހަރެންގެ ހުދު ދަތްތައް ރޭގަނޑުގެ އަނދިރިކަމުގައި އަލިކަމަކަށްވެސް މިވަގުތު ފުދޭނެ އެވެ.

"އޯ-ކޭ ދެން! ގުޑްނައިޓް މިސް ރިދީ!" ފަނޑު ހިނިތުންވުމަކުން އަހަރެންގެ ހިޔާލްތައް މަޑުޖެހިލި އެވެ.

މިފަދަ ވަގުތެއްގައި އަހަރެން ކަންތައް ކުރާންޖެހޭނީ ކިހިނެއް ހެއްޔެވެ؟ ފެއަރީޓޭލްގެ ދުނިޔޭގައި އުޅެވިފައެއް ނެތެވެ. އީތަންގެ އަތުގައި ހިފާލަން ވީ ހެއްޔެވެ؟ ލޯބިން، ލުއި ގޮތަކަށް ބައްދާލަން ވީ ހެއްޔެވެ؟ ނޫނީ ހަރަކާތެއް ނެތިފައި ހުންނާންވީ ހެއްޔެވެ؟ ގޮތެއް ނުނިންމުމެވެ. ގެއަށް ވަނުމަށް އެނބުރުނީމެވެ.

"މިސް ރިދީ!" އީތަން ގޮވައިލި އެވެ.

"ޔެސް!" ޖަވާބު ދިނީމެވެ. 

އީތަންއާއި ދިމާއަށް އެނބުރުނީމެވެ. ދެމެދުގެ ދުރުކަން ގާތްކޮށްލުމަށް އީތަން ފިޔަވަޅެއް ކުރިއަށް އެޅި އެވެ.

"ލޯ މަރާލަބަލަ!" ފަނޑު ގޮތަކަށް ބުނެލި އެވެ. ސަބަބެއް ނުވިސްނުމުން ހައިރާންވި އެވެ. (ނުނިމޭ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް