ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ
"ލޯ މަ ރާ ލަ ބަ ލަ" ކޮންމެ އަކުރަކަށް ދަމާލާފައި އީތަން ބުނެލި އެވެ.
އެހައި ހަރުކަށިކޮށް ބުނަން ޖެހޭ ހެއްޔެވެ؟ ރާގުގައި ރަހުމެއް ނެތަސް، ލާނެއް ހިނިތުންވުމެއް އީތަންގެ މޫނުން އަހަރެން ފާހަގަކުރީމެވެ. ގަތް ބިރުން އަހަރެން ދެ ލޯ މެރީމެވެ.
ލޯ މަރައިލައިގެން އަހަރެން ހަމަޖެހިލީމެވެ. ހިމޭން ނޭވާއެއް ލުމުގެކުރީން އީތަންގެ ހޫނު ނޭވާ އަހަރެންގެ ކޮނޑާއި ދިމާއިން، ހާމައަށް އޮތް ކަނދުރާއަށް އަމާޒުވެއްޖެ އެވެ. މުޅި ހަށިގަނޑުގެ ހިމަ ލޯލިތައް ކޮޅަށް ޖެހިއްޖެ އެވެ. ހިއްސުތައް ތުރުތުރު އަޅަންފަށައިފި އެވެ.
ދެފަރާތުން އަހަރެންގެ އުޅަބޮއްޓާއި ހިސާބުގައި އީތަން ހިފަހަށްޓާލި އެވެ. މަޑުމަޑުން ލުއިކޮށް ފިރުމަމުން އަތް ތިރިއަށް ގެނެސް އަހަރެންގެ އަތްތިލައިގެ ތެރޭގައި އީތަންގެ އިނގިލިތައް މަހައިލި އެވެ. ނުހޭލާ އެންމެ ސެލްއެއްވެސް ހިއްސުތަކުގައި ނެތެވެ. މިއީ ކޮންފަދަ ޖާދޫއެއް ބާއެވެ. ދުވަހަކުވެސް އިހްސާސްނުވާ ޒާތުގެ ގޮތްތަކެއް ވާންފަށައިފި އެވެ. މިފަދައިން އަހަރެން ގައިގަ ފިރިހެނަކު ދުވަހަކުވެސް ބީހިފައި ނުވޭ އެވެ.
"ތޭންކް ޔޫ! އަހަރެންގެ ބޭކާރު ވާހަކަތައް އަޑުއެހީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ! އެހެންމީހުން ފަދައިން އަހަންނަށް ޖަޖު ނުކޮށް، އެހީތެރިވާން އެއްބަސްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ! އަހަރެންގެ ހާލަތު ދެނެގަތީތީވެ، ވަރަށް އުފާވެއްޖެ!" ހަސްކީ އަޑަކުން ނުހަނު މަޑުމަޑުން އަހަރެންގެ ކަންފަތް ބުޑުގައި އީތަން ބުނެލި އެވެ.
ދެންމެ ދެންމެ އަހަރެންގެ މޭ ފަޅާފައި ހިތް ނިކުމެދާނެހެން ހީވެ އެވެ. ފިލްމްތަކުގައި ފެންނަ ފަދައިން އަހަރެންގެ ހިތް ތެޅޭތަން ފެންނަ ފަދަ އެވެ.
'ޔޯ ވެލްކަމް' ހުވަފެނީ ގޮތަކަށް ބުނެލެވޭތޯ ތުންފަތް ހަރަކާތްކުރުމުގެ ކުރީން އަހަރެންގެ ކޮލުގައި އީތަންގެ ތުންފަތް ބީހިލައިފިކަން އިހްސާސްވެއްޖެ އެވެ.
ސުބުހާނަﷲ އެވެ.
އަހަރެންގެ ދެ ލޯ މަރައި ތަގުޅިކޮށްލެވުނެވެ. ތުންފަތުގައި ތުރުތުރެއް އުފެދުނެވެ. އަހަރެންގެ ހަޔާތުގެ އެންމެ ހިތްގައިމު އެންމެ އަގުހުރި ވަގުތުކޮޅު، ހަނދާނާއި ތާރީހްގެ ތެރޭގައި ރައްކާކުރުމަށް މަސައްކަތްކުރީމެވެ. ދުވަހަކުވެސް ސަރ އަހަންނާއި މިހައި ގާތްވެދާނެކަމަށް ހީކުރެވިފައެއް ނެތެވެ. ސަރގެ ތުނިތުނި ތުންފަތް އަހަރެންގެ މަޑުމަޑު ހަންގަނޑުގައި ބީހިލައިފި އެވެ.
އަހަރުމެންގެ ނޭފަތް ކިރިޔަކިރިޔާ ބީހޭ ނުބީހޭ ހިސާބުގަ އެވެ. ދެމީހުންގެ ނޭވާއިން އެކަކު އަނެކެއްގެ ހޫނުކަން އިހްސާސްވެއްޖެ އެވެ. މިއީ ހުވަފެނަކުންވެސް ދުށް އަރާމެއް ނޫނެވެ.
ހަޔާތުގެ އެންމެ އުފާވެރި އުފަންދުވަހުގެ އެންމެ ފަހު ވަގުތުތައް ނިންމާލުމަށް ކޮންފަދަ ހާއްސަ އިހްސާސެއް ހެއްޔެވެ؟ މިއަށްވުރެން ބޮޑު އުފަލެއް އަހަރެންގެ ހަޔާތުގައި ލިޔެވިފައި އަދިވެސް ވާނެ ބާއެވެ؟
މިފަދަ އެތަށް ހިނދުކޮޅަކަށް މި ހަޔާތް ގުރުބާންކުރާން އަހަރެން ތައްޔާރެވެ.
ދުނިޔޭގެ ހުރިހައި އުފަލަކުން އަހަރެންގެ ނާރުތަކުގެ އޮއެވަރު ބަދަލުކޮށްފައި ސަރ އަހަރެންނާއި ދުރަށް ޖެހިލި އެވެ. ކުރެވުނު ކަންތަކާއިމެދު ސަރ ލަދުގަތްފައިވާކަން ސަރގެ މޫނުން، ސާފުކޮށް އަހަރެން ދުށީމެވެ. އެއީ އިހްތިޔާރުގައި ކުރެވުނުކަމެއް ނޫންކަމަށް އަހަރެންގެ ލޮލުންބޮލުން ހެކިވަމެވެ. މިހެދުނީ 'މިސްޓޭކް'އެކޭ ސަރ ނުބުނެފިއްޔާ ކިތަންމެހާވެސް ރަގަޅެވެ. މޭގައި ޖަހައިލި ބާރު ވިންދާއެކު އެސްފިޔަތައް ލައްޕާލި ވަގުތު ސަރގެ އަޑު އިވުނެވެ.
"މާދަމާ އިރުއޮއްސި ހަތެއް ޖަހާއިރު އަހަރެން އަންނާނަން ރިދީ ބަލައި.. ބާއި- ގުޑްނައިޓް!" ނުހަނު އަވަސްއަވަހަށް އަކުރުތައް އަމުނާލާފައި ހަލުވި ފިޔަވަޅުތަކާއެކު ސަރ ހިނގައްޖެ އެވެ. ގަބޫލުކުރަން މަޖުބޫރު ހަގީގަތެއް ފަހަގަކުރެވިއްޖެ އެވެ. އަހަރެންގެ ނަން 'ރިދީ' އެހެން މީހެއްގެ ދުލުން މިފަދަ ހާއްސަގޮތަކަށް ބޭރުވިއަޑެއް ދުވަހަކުވެސް ނާހަމެވެ. އެ ބުނެލުމުގައި ހާދަހައި ހިތްގައިމު އަސަރެއް އެބަހުއްޓެވެ.
ސަރގެ ހަރަކާތް ހުރިގޮތުން އަހަންނަށް ހެވުނީ އިހްތިޔާރަކު ނޫނެވެ. ހިނިގަނޑު ނުވެސް ހިފެހެއްޓުނީ އެވެ.
ސަރ ކަހަލަ ފިރިހެންކުއްޖަކު މިހައި 'ކިއުޓް'ވާނެ ކަމަށް ހީކުރާނީވެސް ކާކު ހެއްޔެވެ؟
.....................
ޖެހިގެން އައިދުވަހުގެ އިރު ދުނިޔެއަށް ފާޅުވީ، ވަކި ހާއްސަކަމެއް ނެތި އެވެ. ނަމަވެސް ހިނިތުންވުން އަހަންނާއި ދުރަށް ނުދޭ އެވެ. ދުވަސް ފެށުނީ އަންޔާގެ ތަހުގީގީ ފޯނުކޯލުންނެވެ. ރޭގެ ހުރިހައި ތަފްސީލެއް އަކުރުން އަކުރަށް އެހި އެވެ. ހުރިހައި އެއްޗެއް ސާފުކޮށް ކިޔައިދިނީމެވެ. އެންމެ ކަމެއް ފިޔަވާ އެވެ. އަހަރެންގެ ކޮލުގައި ސަރ 'ކިސް ކޮށްލި' ހިނދުކޮޅު އެއީ ހަމައެކަނި އަހަންނަށްޓަކައި ހާއްސަ ސިއްރެކެވެ. އަހަރެންގެ އެފަދަ ކޮންމެ ހަނދާނަކީ ހަމައެކަނި އަހަރެންގެ ހައްގެކެވެ. އެހެންމީހުންނާއި އެފަދަކަންކަން ހިއްސާކުރުމަކީ އަހަރެން މާ ގަޔާވާ ކަމެއް ނޫނެވެ.
އޮފީހަށް ނުދިއުމަކީ މިއަދު ސިއްހަތަށް މާ ފައިދާހުރި ގޮތެއްނޫނެވެ. ވަގުތުތައް ފާއިތުވާންފެށީ މާ ލަސްލަހުންނެވެ. އޮފީހުގެ މަސައްކަތްތަކަށް ލެޕްޓޮޕް ނަގައިގެން އިށީނީ ސިކުނޑި އެކަމަށް މަޖުބޫރުކުރާތީ އެވެ.
ފޯނަށް ލިބުނު މެސެޖަކާއެކު ގަޑިއަށް ބަލައިލެވުނެވެ. އިރޮއޮއްސި ހައެއް ޖަހަނީ އެވެ. މެސެޖް ހުޅުވާލީމެވެ.
'ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ހުންނާނެކަމާއިމެދު ޝައްކެއް ނުކުރަން- އައި ވޯންޓް މައި ޑޭޓް ޓު ލުކް ދި ބެސްޓް ؛)'
އީތަން ސަރގެ މެސެޖެއްކަން ދެނެގަންނާން ހިނދުކޮޅެއްވެސް އަހަރެން ބޭނުން ނުވި އެވެ. މެސެޖް ލިބިފައިވަނީ 'ޕްރައިވެޓް ނަމްބަރ'އަކުންނެވެ. އެއީ ސަރގެ 'ޕަރސަނަލް' ނަމްބަރކަމަށް ވެދާނެ އެވެ. އެ ނަމްބަރަކީ މަދު މީހަކަށް ނޫނީ އެނގޭނެ ނަންބަރެއް ނޫނެވެ. ޔަގީންވީ ކަމަކީ ސަރ ގެ 'ކުޑަކުޑަ ދުނިޔޭގައި' އަހަރެން ޝާމިލުކޮށްފިކަމެވެ. މިއަށްވުރެން ބޮޑު އުފަލެއް ވަކި ލިބިދާނެބާ އެވެ. އެއް ލޯ މަރައިލާފައިވާ އިޝާރާތުގައި އަހަރެން ފިރުމާލީމެވެ. ސަރ އަހަރެންނާއި ދިމާއަށް އެފަދަ ހަރަކާތެއް ނެގެސްފާނެކަމަށް ހިތަށް އެރުމުންވެސް ކޯތާފަތް ހޫނުވެ ބްލަޝްގެ ހުރިހައި ކުލައެއް މޫނަށް ވެރިވެއްޖެ އެވެ.
މެސެޖްގެ ރިޕްލައި ފޮނުވާލީމެވެ.
'ޔޯ ޑޭޓް އިޒް އެނީވޭ ގޮއިންގ ޓު ލުކް ދި ޕްރިޓިއެސްޓް ؛)' މެސެޖް ފޮނުވާލެވުމުން ފުން ނޭވާއެއްލީމެވެ. ދުވަހަކުވެސް މިފަދަ އިހްސާސެއް އަހަރެން ތަޖުރިބާ ނުކުރަމެވެ. އަމިއްލަ ނަފުސަށް ތައުރީފްވެސް ކުރެވެނީ އެވެ. މޫނުމަތީން ހިނިތުންވުން ފަނޑުނުވި އެވެ.
'އިޒް އިޓް؟ އަހަރެންގެ ޑޭޓް ދެކިލުމަށް މިހިތުގެ ކެތްތެރިކަން ކޮޅުންލައިފި! ޕާޓީގެ ދެބައިކުޅައެއްބަޔަކީ ޒުވާން ފިރިހެންކުދިން.. އަހަރެންގެ ހިތުވިންދު ނުހުއްޓި އެތަނުން ސަލާމަތުން ނިކުމެވޭނެކަމަށް އުއްމީދުކުރަން :)' ލިބުނު ޖަވާބު ވަގުތުން ކިޔާލީމެވެ.
ސަރ ފްލަރޓް ކުރަނީބާ އެވެ. ދި އީތަން މުހައްމަދު މަނިކު ފްލަރޓް ކުރަނީބާ އެވެ! ސުބްހާﷲ އެވެ.
'މިރޭ ވާނެގޮތެއް ދުރާލާ އަންދާޒާކުރާކަށް ނޭގޭނެ - ނާޒުކު ހިތުގެ ފަހު ވިންދުވެސް ތަޖުރިބާކޮށްލަން ޖެހިދާނނެ' ޖެހިލުން ކުޑަކަމާއެކު އަހަރެން ޖަވާބު ފޮނުވާލީމެވެ.
ސުބްހާނަﷲ އެވެ. އަހަރެންވެސް ފްލަރޓް ކުރަނީ އެވެ. މިއަށްވުރެން ހައިރާންކުރަނިވި ދުވަހަކަށް އިރުއެރި ބާ އެވެ. ދުވަހަކުވެސް އިހްސާސްނުވާ އުފަލަކުން އަހަރެންގެ މޫނު އުޖާލާވެއްޖެކަން ޔަގީނެވެ. ހިނިތުންވުން އަހަރެންނާއި ދުރަށް ނުދިޔަ އެވެ.
'އަހަރެންގެ ހިތެއް ނޯވޭ! ހަނދާން އެބަހުރި..؟ އައެމް އަ މޮންސްޓަރ!'
ﷲއަކުބަރު! އަހަރެން ސަރއަށް އެ ނަންދީފަ އޮންނަކަން ސަރއަށް އިނގެނީ އެވެ. އެކަމާ ރުޅިއެއް ނާދޭބާ އެވެ؟ އަހަރެން ބިރުގަތްފި އެވެ. ބަދަލުގައި އަހަންނަށް ހަދާލާނެ ގޮތެއްވެސް ނުވިސްނުނެވެ. މައާފަށް އެދެންވީބާ އެވެ! ނޫނީ އަޅައިނުލައި ހުންނާންވީބާ އެވެ.
ހަމައެވަގުތު އެހެން މެސެޖެއް ލިބުނެވެ.
'މާބޮޑަށް ނުވިސްނާ މިސް ރިދީ- ގަޑިއެއްހައި އިރުތެރޭގައި އަހަރެން އެބައަންނަން!' މެސެޖް ކިޔާލީމެވެ.
ހިތުގެ ފަރުވާއަށް ސަމާލުވާންވީ ސަރ އެއްނޫންކަންނޭގެ އެވެ. ބަރިބަރިއަށް ލިބިދާނެ އެތައް ޝޮކަކަށް އަހަރެންވެސް ތައްޔާރުވާންޖެހުނީ އެވެ.
މިދިޔައަހަރު އޮންލައިންކޮށް އަހަރެން ގަތް ހެދުމެއް އިންނާނެ އެވެ. ގައިސަރްއާއި ދެމީހުން ވަރަށް ގިނަ ހެދުން އެބުރުގައި ގަތީމެވެ. މިއީ އަހަރެންނަށް އެންމެ ހާއްސަ ހެދުމެވެ. މިރޭ އަހަރެންގެ ހޮވުމަކީ މި ހެދުމެވެ. މިރެއަށް މިއަށްވުރެން ފުރިހަމަ ހެދުމެއް ނުލިބޭނެކަން ޔަގީނެވެ. ހުރިހައި ހިޔާލްތައް އެއްފަރާތްކޮށްފައި އަހަރެން ތައްޔާރުވާން ފެށީމެވެ.
ތަންކޮޅެއް ފުން ކަރެއް ލާފައިވާ، ރޫބީ ރަތްކުލައިގެ ގައުންއެކެވެ. ވާތްފަރާތުން އަހަރެންގެ ފަލަމަސްގަނޑާއއި ހިސާބުން އެންމެ ތިރިއާއި ހަމައަށް ފަޅާލާފައިވެ އެވެ. ފުރަގަހުން ކަނދުރާގެ ފަރުދާއަކީ ހުރަސްކޮށްލާފައިވާ ހަމައެކަނި ހިމަހިމަ ދެ ވާފަށެވެ.
އަހަރެންގެ ދޮންހަންގަޑާއި ގުޅޭގޮތަށް ވަރަށް ފަނޑު މޭކަޕެއް ކޮށްލީމެވެ. އެންމެ ފަރުވާތެރިވީ ގުދުރަތުން ލިބިފައިވާ އަހަރެންގެ ރީތި ދެ ލޮލާއި ކަޅިރަވައިގެ ހިތްގައިމުކަން މިރޭ ފަނޑުވިޔަނުދިނުމަށެވެ. އާންމުކޮށް ބޭނުންކުރާ އައިނު ބާއްވާފައި ލެންސް ލައްވާލީމެވެ. ކޮފީގެ މުށިކުލައިން ހައިލައިޓްކޮށްފައިވާ، އަހަރެންގެ އިސްތަށިގަނޑު ސެޓްކޮށްލުމަށްފަހު އެއިގެ މަންޒިލަށް ދޫކޮށްލީމެވވެ. 'ނިއުޑް'ކުލައިގެ ހައިހީލްއަކީ އަހަރެންގެ މިރޭގެ ހޮވުމެވެ.
ތައްޔާރުވެ ނިމުމުން އިސްކޮޅާއި އެއްވަރު ލޯގަނޑު ކުރިމަތީގައި ހުއްޓުނީމެވެ. މިއީ ހަމަ އަހަރެން ހެއްޔެވެ؟ ކާރުގެ ބަރުގޮނުއަޑު ދެފަހަރު އިވުނުއިރުވެސް ހިރިލާން ނޭގިފައި ލޯގަނޑަށް ބަލަހައްޓައިގެން ހުރެވުނެވެ.
އަމިއްލަ ނަފުސުގެ އިތުބާރު ވަރުގަދަކުރުމަށް ހިނިތުންވާން މަޖުބޫރުވި އެވެ.
ފޯނު ހިފައިގެން އަވަސްއަވަހަށް ނިކުތީ ބޭރަށެވެ. މާލޭ މަގުމަތީގައި ކާރެއް މަޑުކޮށްގެން އޮތުމަކީ ކިހައިވަރެއްގެ 'ޝައުގުވެރިކަމެއްކަން' ކޮންމެ ދިވެއްސަކަށްވެސް އިނގޭނެ އެވެ.
މަގުގެ އެއްފަރާތުގައި ޕޭމަންޓް މައްޗާއެކު ކާރު ޕާކުކޮށްގެން ސަރ ހުރީ ކާރުގައި ލެނގިލައިގެން ފޯނުން ކޮންމމެވެސް އެއްޗެއް ޓައިޕްކުރާށެވެ. ނޭވީބްލޫ ސޫޓްގައި ގަދަ ރަތްކުލައިގެ ޓައި އަޅައިގެން ސަރ ހުރީ އަހަރެންގެ އިންތިޒާރުގަ އެވެ. ސަރގެ ހެދުންއެޅުމަށް ބަލައިލާފައި ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ޕާޓީގެ ހައިބަތު ވިސްނުނީ އެވެ.
ސަރގެ ސަމާލުކަން ހޯދަން އަހަރެން ކަރުކެހިލީމެވެ. އަހަރެންނާއި ދިމާއަށް ބަލައިލުމާއެކު ސަރގެ ދެ ލޯ ބޮޑުވެ އަނގަހުޅުވިއްޖެ އެވެ. އިސްޖަހައިލެވުނީ ގަތް ލަދުންނެވެ. ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް ނުލިބި ތުންފަތުގައި ދަތްއެޅީމެވެ. ސަރގެ މެދުކެނޑުމެއް ނެތް ބެލުމުން އަހަރެންގެ ދެ ކޯތާފަތުން ހޫނު އުފައްދާލައިފި އެވެ.
"ތިއީ ކާކު..؟ ކޮބާ އަހަރެންގެ 'ވޯކްހޯލިކް' މިސް ރިދީ..؟" މަޑުމަޑުން ސަރ ސުވާލުކޮށށްލި ސަމާސާކޮށްލުމަށެވެ.
ސުބުހާނަﷲ އެވެ. ސަރ އެބުނީ 'ސަރގެ މިސް ރިދީ' އޭ ހެއްޔެވެ؟ ހަޔާތުގެ ހުރިހާ ޝޮކެއް އެއްފަހަރާ ލިބި ނިމެނީ ހެއްޔެވެ؟ ހަގީގަތުގައިވެސް ވިންދެއް އިހްސާސްނުވެ، ހިތުގެ ތެޅުން ހުއްޓިދާނެ އެވެ.
"އިޓް ހެޕަންޑް!" ސަރ ބުނެލިއަޑު އިވުނެވެ.
ހައިރާންވެފައި އަހަރެން ސަރއަށް ބަލައިލީމެވެ. ސަރގެ އަޑުގައި ހުރި ތެދުވެރިކަމާއި އެ ބުނެލުން މިފަހަރު ވަރަށް ތަފާތެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި އެވެ.
"އަހަރެންގެ ހިތް... މި ނާޒުކު ހިތުގައި ފަހު ވިންދު ޖަހާލިފަދަ އިހްސާސެއް ތަޖުރިބާ ކުރެވިއްޖެ" އަހަރެންގެ ލޮލުން ނަޒަރު ދުރަށްނުލައި ހުރެ، ސަރ ބުނެލީ އިޝްގީ ރޫހެއްގަ އެވެ.
އަހަރެންގެ މޫނުގެ ކުލަ ތާޒާ ޓޮމާޓޯއެއްފަދައިން ރަތްވެފައިވާކަން ޔަގީނެވެ.
މައިބަދައިން ހިތްވަރު ނެރިފައި ސަރގެ އަތުގައި އަހަރެން ހިފާލީމެވެ. ފައިގެ އިނގިލިތަކަށް ބާރުލާފައި ހަށިގަނޑު އުފުލާލުމުން، ހައިރާންވެފައި ސަރ ބަލައިލި އެވެ.
"ވަޓް-އާރ-ޔޫ-ޑުއިންގ؟" ނުހަނު އުނދަގުލުން ހަސްކީ އަޑުން ސުވާލުކޮށްލި އެވެ.
"ރިޓަރނިންގ ދި ފޭވަރ" ބުނެދޭން ނޭގޭ އިހްސާސަކުން އަހަރެން ބުނެލީމެވެ. ސަރގެ އަތް ފިނިވެ ތުރުތުރުއެޅިކަން އަހަރެން ފާހަގަކުރީމެވެ.
އަހަރެންގެ އުނަގަނޑުގައި ސަރގެ އަތް ގެނެސް ބާއްވާލީމެވެ. އަދި އަހަރެންނާއި ގާތަށް ލުއްކިއެއްޖެހި ވަގުތު ސަރގެ ލޯ މަރައިލީ އިހްތިޔާރުން ބޭރުންކަން ޔަގީނެވެ. ހަމައެވަގުތު އަހަރެންގެ ތުންފަތް ސަރގެ ކޯތާފަތުގައި ޖައްސައި ފިއްތާލީމެވެ.
........................
ޕާޓީގެ މަންޒިލް މިސްރާބަށް ކާރު ދަތުރުކުރަމުންދިޔައީ ބާރުބޮޑު މަގުތަކުންނެވެ. ހިތްގައިމު މިއުޒިކެއް ޖަހާލާފައިހުރީތީ ދަތުރުގެ ހިތްގައިމުކަން އަހަންނަށް ކަމުދިޔަ އެވެ. ދޭތެރެއަކުން ދެމީހުންގެ ލޮލުގެ އިޝާރާތުން ކުރެވެމުންދިޔަ މުއާމަލާތު ދެ ހިތާއި ހަމައަށް ވާސިލްވަމުންދިޔަ އެވެ.
"މިސް، ރިދީ؟" ސަރ ގޮވައިލުމުން އަހަރެން ބަލައިލީމެވެ. މަންޒިލަށް އާދެވުނު އިރެއްވެސް ނޭގުނެވެ. ކާރުން ފޭބުމުގެ ކުރިން ސަރ އަށް ބަލައިލާފައި އަހަރެން ހިނިތުންވީމެވެ.
"މިތަނުގެ ބޭރުގައި މީޑިއާ އުޅޭނެ.. އެހެން މީހުންގެ ސަމާލުކަން ހޯދަން، ސުރުހީތަކަށް އެރުމުގެ ޝައުގުވެރިކަމެއް ރިދީގެ ނުހުންނާނެކަން އަހަންނަށްވެސް އިގޭ.. އެހެންވީމާ، އެތެރެއަށް ވަދެވެންދެން އިސްޖަހައިގެން ހުރޭ.. ރަގަޅީ، ބޮލުގެ އިންތަށިގަނޑުނން މޫނުވެސް ފަރުދާކުރިއްޔާ..! އެއްވެސް ދިމާލަކަށް ބަލައިނުލާ، ހުރިގޮތަށްގޮސް އެތެރެއަށް ވަންނާނީ.. އޯ - ކޭ؟"
ސަރގެ ހިޔާލު އަހަންނަށް ކަމުދިޔަތޯ ޔަގީންކުރަން ބޭނުންވީތީ އަހަރެން އުފާވި އެވެ. ޖަވާބުގެ ގޮތުގައި ހިނިތުންވެފައި އަހަރެން ބޮލުން އިޝާރާތްކޮށް، އެއްބަސްވީމެވެ.
ލޯބި ހޯދުމަށް ދަތުރު ނުފަށާށެވެ. ތިބާއާއި ހަމައަށް ލޯބި ދަތުރުކުރިޔަ ދޭށެވެ. މަޖުބޫރުކަމެއް ނެތި ހިތުގެ އެންމެ ފުނުން ލޯބި ވާށެވެ. ލޯތްބަކީ އިހްސާސެކެވެ.
(ނުނިމޭ)