ads
ފުނަމާ
ސިއްރު - ނުވަ ވަނަ ބައި
އެޕިސޯޑް 9
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

ކާރުން ފައިބާ ވަގުތުޖެހުމުން އަހަރެން ޖެހިލުންވި އެވެ. މިފަދަ ޕާޓީތަކުގައި ބައިވެރިވުމަކީ އަހަރެންގެ ހައިސިއްޔަތެއް ނޫނެވެ. މިފަދަ މާހައުލަކުން މީޑިއާގެ ސަމާލުކަމަށް އަތުވެއްޖެނަމަ، އަހަރެންކަހަލަ ނިކަމެތި އަންހެންކުއްޖެއްގެ އަބުރު، ތަބަކަށް ލާފައި ރަށު މެދުގައި ބެހެއްޓުމެކޭ އެއްވަރުވީ އެވެ. އާރެއް ބާރެއް ނެތް ކޮންމެ މީހެއްގެ އިއްޒަތާއި ކަރާމާތަކީ މިއަދުގެ ދުނިޔޭގައި އެހެންމީހުން ފުރައްސާރަކޮށް އަބުރުކަތިލުމަށް އޮތް ލައިސަންސެކެވެ.

ކާރުން ފޭބުމަށް ތައްޔާރުވީމެވެ. ފުންނޭވާއެއްލާފައި ފޭބީމެވެ. ހަމައެވަގުތު އަހަރެންގެ އުނަގަނޑުގައި އީތަން ސަރ ހިފަހައްޓާލާފައި ސަރގެ ގަޔާއި އަހަރެންގެ ހަށިގަނޑު ގާތްކޮށްލި އެވެ. ލިބުނީ ހައިރާންކަމާއި ސިހުމެވެ. އަހަރެންގެ މޫނަށް ބަލައިލާފައި ސަރ އިޝާރާތްކޮށްލީ ކުރިއަށް ހިނގައިގަތުމަށެވެ. 

އާއެކެވެ. ސަރ ބުނީ ތެދެކެވެ. ކެމެރާތައް ހިފައިގެން ކޮޅުކޮޅަށް ހަރަކާތްތެރިވާ މީޑިއާގެ ފަރާތްތައް ހަރަކާތތް އަވަސްކޮށްލާފައިވެ އެވެ. ދެފައިގައި ހުރި ބާރެއްލާފައި އަހަރެން ސަރއާއެކު ކުރިއަށް ހިނގައިގަތީމެވެ. މޫނުގެ އެއްފަރާތުގެ ފަރުދާއަކީ އިސްތަށިގަނޑުކަމުގައި ހެދީމެވެ. މޫނުގެ އަނެއްފަޅި ނިވާވެފައިވަނީ ސަރގެ ހަށިގަނޑުގައި އަހަރެން ތަތްކޮށްލާފައިވާ ގޮތުންނެވެ. ހިނދުކޮޅޅެއްގެ ތެރޭގައި ރައްކާތެރިކަމާއެކު އެތެރެއަށް ވަދެވިއްޖެ އެވެ. އެތެރެއަށް ވަދެވުމާއެކު އަހަރެންގެ އުނަގަނޑުން ސަރ އަތް ދޫކޮށްލައިފި އެވެ. ހިތުގެ އެންމެ އަޑިން އެދެވުނީ މިރޭގެ ހަފްލާގައި ދެންއޮތްބައިގައި އެއަތް އަހަރެންގެ އުނަގަނޑާއި ވަކިވިޔަނުދިނުމެވެ. އެކަމަކު އެއީ އީތަންސަރ އެވެ. މިއީ ސަރގެ 'މިސް ރިދީ' އެވެ.

ސަރއާއި އެއްވަރަށް ހިނގާފައި އަހަރެންވެސް އެތެރެއަށް ވަނީމެވެ. އުމުރުން ދުވަސްވީ ފިރިހެނަކު ހިނިތުންވެފައި ސަރއަށް ގޮވާލީ މެހެމާންދާރީ އަދާކުރުމުގެ ގޮތުންނެވެ. އަހަންނަށް ހީކުރެވިފައި އޮތީ މިއީ ސަރގެ ކޮލެޖް ފްރެންޑެއްގެ ޕާޓީއެއްކަމަށެވެ. ނަމަވެސް މެހެމާންދާރީ އަދާކުރުމަށް ގާތުގައި މިހުރީ ބޮލުގައި ނުރަޖަހާފައިހުރި އުމުރުން ދުވަސްވީ މީހެކެވެ. 

"އީތަން" އުމުރުން ދުވަސްވީ މީހާ ގޮވާލުމާއެކު ނުހަނު އުފަލުން ސަރގެ ދެއަތް ހުޅުވާލި އެވެ.

ގައިހުރިބާރެއްލާފައި ދެމީހުން ބައްދާލި އެވެ. މަޑުމައިތިރިކަމާއި ލޯތްބާއި އިހްތިރާމާއެކު ސަރ އެހެންމީހުންނާއި މުއާމަލާތުކުރުމަކީ މަދުން ނޫނީ ނުފެންނާނެ މަންޒަރެކެވެ. މިއީ އެފަދަ މަދު ވަގުތުތަކުގެތެރެއިން ހިނދުކޮޅެކެވެ. މޫނުމަތީގައި ހުންނަ ހަރުކަށިކަމެއް އަދި އަޑުގައި ބަހަށްޓާ ބޮޑާގޮތެއް މިވަގުތުނެތެވެ. 

"އެންޑް ހޫ އިޒް ދިސް ޔަންގް ލޭޑީ؟" އަހަރެންގެ އަތުގައި މަޑުމަޑުން ހިފާލަމުން އޭނާ ސުވާލުކޮށްލީ ހިނިތުންވަމުންނެވެ. ޖަވާބުގައި އަހަރެންވެސް ހިނިތުންވީމެވެ. 

"ޝީ'ޒް- - - މިސް ރިދީ!" ހަމަވަގުތުން ސަރގެ ރަސްމީ ޖަވާބު ދިނެވެ. މިފަދަ ވަގުތެއްގައިވެސް އެނޫން ގޮތަކަށް އަހަރެން ތައާރަފްކޮށް ނުދެވުނީ ހެއްޔެވެ؟ 

"މިސް ކިޔައި އުޅެނީ ޓީޗަރުންނަށް ދޯ! އެކަމަކު ތިއީ އީތަންގެ.. .... " އެއް ލޯ މަރައިލަމުން އޭނާ ސުވާލުކޮށްލީ ދުލަށްއައި ލަފްޒު ހާމަނުކޮށް، އެކަމަކު ގާތްގޮތަކަށެވެ. އުމުރުން ދުވަސްވެފައި ހުއްޓަސް، އޭނާއާއެކު ވަގުތުހޭދަކުރަން އަހަރެން ޝައުގުވެރިވެއްޖެ އެވެ. އޭނާގެ ސަމާސާކުރުމުގެ ރާގާއި އުކުޅު އަހަންނަށް ކަމުދިޔައީ އެވެ. 

"ނޫނޭ- ނޫނޭ- އޭނާގެ ނަމަކީ- ނަމަކީ – މް މް މްމ" 

އަޖައިބުން އަންތަރީސް ނުވާނެ ހެއްޔެވެ؟ އަހަރެންގެ ނަމުގައި ހިމެނެނީ އެންމެ ދެއަކުރެވެ. ކިޔާލަން ފަސޭހަ ނަމެކެވެ. ޅަ ބަކަރިއެއްހެން މޫމޫމޫ ލައްވަލައްވަ ސަރ މިހުންނަނީ ކީއްވެފަބާ އެވެ.

ހަގީގަތް ރެއަކާލީ ކުއްލިޔަކަށެވެ. އަހަރެންގެ ފުރިހަމަ ނަން ސަރއަށް  ހަމަނޭގެނީ އެވެ. އަހަރެންގެ ދެ ލޮލުން ފޫހިކަން ދައްކާލެވުނެވެ. ކޮންފަދަ ކަމެއް ހެއްޔެވެ؟ ފާޑަކަށް ލޯތްބަށްވެސް އެދިއްޖެ އެވެ. އެކަމަކު އަހަރެންގެ ފުރިހަމަ ނަންވެސް ސަރއަށް ނޭގެ އެވެ. ހަގީގަތަކީ ހިތަށް ތަދުވެއްޖެ އެވެ. ސަރގެ ކުރިމަތީގައި އަހަރެންގެ އަގަކީ މިއީ އެވެ. ހަޔާތުން އަލަށް ފިރިހެނެއްގެ ކޮލުގައި އަހަރެން 'ކިސްކުރި' ފުރަތަމަ އިންސާނާއަށް އަހަރެންގެ ފުރިހަމަ ނަންވެސް ނޭގެ އެވެ. މިއަށްވުރެން ބޮޑު ލަދެއްގައި އަހަރެން އަދިވެސް ބެދެން ޖެހިދާނެބާ އެވެ. ދެން މިވަގުތު އޮތީ އެންމެ ގޮތެކެވެ. 

"ރިދީ.." އަޑުގެ ނެތްތަނަށް އަހަރެންގެ ނަމުން މީހަކު ގޮވާލުމުން ތިންމީހުންނަށް އެކުގައި ބަލައިލެވުނެވެ.

އަހަރެން އަމިއްލަޔަށް ތައާރަފްވާން ކަނޑައެޅި އަޒުމު ހިތުގެ އަޑީގައި ފޮރުވާފައި އެއަޑުއައި ދިމާއަށް ސަމާލުކަން ދިނީމެވެ. 

ލިބުނު ޝޮކްގައި ކަރަންޓްޖެހުނީ ކިހައި ބާރުމިނެއްގައިކަން އިނގޭނީ 'މިނެކިރާނެ ގޮތެއް' އެވަގުތު އޮތްނަމައެވެ. 

"އިކާން!" ނުހަނު ބާރަށް އިކާންގެ ނަމުން އަހަންނަށް ގޮވައިލެވުނެވެ.  

ލިބުނު ޝޮކްގައި އިކާން ނޫން އެހެންމީހަކު އަހަރެންގެ ވަށައިގެން ތިބިކަމެއްވެސް ނޭގުނެވެ. އެހެން އެކަކުވެސސް ނުފެނެ އެވެ. ކުއްލިޔަކަށް ސަރގެ އަތުގެ ތެރެއިން އަހަރެންގެ އަތް ދަމައިގަނެގެން އިކާންއާއި ދިމާއަށް ދެވުނީ އިހްތިޔާރަކު ނޫނެވެ. 

އެއްއަރިޔަކުން އަހަރެން ގައިގައި އިކާން ބައްދާލި އެވެ. ކޮލްގޭޓް އިޝްތިހާރެއްފަދައިން އަހަރެންގެ ހުދު ދަތްތައް ފެންނަވަރަށް އަހަރެން ހިނިތުންވީމެވެ. 

އީތަން ސަރވެސް އަހަރުމެންނާއި ހަމައަށް އައި އެވެ. އިކާން ގައިގަ އީތަން ސަރ ބައްދާލި އެވެ. ނިއްކުރިއަށް ރޫ އަރުވާލާފައިވާކަން އަހަންނަށް ފާހަގަކުރެވުނެވެ. 

"އަހަރެންގެ ކޮލެޖް ފްރެންޑަކީ މިއީ.. މިއީ  އޭނާގެ ޕާޓީއެއް..!" 

އަހަރެންގެ ސިކުނޑީގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބުދިނީ އީތަން ސަރ އެވެ. އެކަމަކު ސަރއަށް ސަމާލުކަން ދިނުމަށް މިވަގުތު އަހަރެން ގަސްތެއް ނުކުރަމެވެ. ސަރ އާއިމެދު އަހަރެން މިހުރީ ވަރަށްބޮޑަށް ނުރުހުންވެ، ހިތްހަމަނުޖެހިފަ އެވެ.

"އެންޑް ޝީ އިޒް... " ލަދެއްގައި ބެދުމަށްޓަކައި އަނެއްކާވެސް އަހަރެން ތައާރަފްކޮށްދިނުމުގެ ބުރަބޮޑު މަސައއްކަތަށް ސަރ ކުރިމަތިލި އެވެ. މިފަހަރު ސަރ ހުއްޓުވީ އިކާން އެވެ.

"މިއީ ރިދީ- ރިދީ އިމާދު.. ބްރޯ! މިރޭގެ ޑޭޓްގެ ގޮތުގައި ރިދީ ގޮވައިގެން އައިސްތިހުރީ—އެކަމަކު ރިދީގެ ފުރިހަމަ ނަންވެސް ނޭގޭދޯ" 

ހައިރާންވެފައި އީތަން ސަރގެ މޫނަށް އިކާން ބަލައިލި އެވެ. އީތަން ސަރގެ ހަޔާތުގައިވެސް މިފަދަ ބޮޑު ލަދެއްގައި ބެދެންޖެހުނުކަމެއް ނޭގެ އެވެ. އަހަރެންގެ ސިކުނޑިން އަތްތިލަބަޑިވެސް ޖެހީމެވެ. މިސް ރިދީ ކިޔާކިޔާ، އެނޫން އެއްޗެއް ނޭގެ އެވެ. ސަރގެ މުވައްޒަފެއްގެ ގޮތުގައި އެތައް މަހެއް ފާއިތުވެއްޖެ އެވެ. މިރޭ މިއައީ ސަރގެ ޑޭޓްގެ ގޮތުގަ އެވެ. އެކަމަކު އަހަރެންގެ ފުރިހަމަ ނަންވެސް ސަރއަށް ނޭގެ އެވެ. 

"ކަލޭމެން ދެމީހުން އެކަކު އަނެކަކު ދަންނަނީ ކިހިނެއް؟" ކުއްލިޔަކަށް ސަރ ސުވާލުކުރި އެވެ. އެތަށް ސުވާލެއއް އެސިކުނޑީގައި އެނބުރެމުންދިޔަކަން އަހަރެން ދެނެގަތީމެވެ. 

އަހަރެންނާއި ދިމާއަށް ބަލައިލާފައި އިކާން އެއް ލޯ މަރައިލި އެވެ. ނުހަނު ސާފުކޮށް އެމަންޒަރު ސަރއަށް ފެނުނެވެ. ކޯކަށިގަނޑުގައި ހުރި ބާރެއްލާފައި ދަތްކުނޑިވިކާލި އެވެ. އަހަރެންނާއި އިކާންގެ ހަރަކާތްތަކަށް ސަރ ހިތްހަމަނުޖެހޭކަން ސާފުކޮށް ފެނެ އެވެ. އެކަމަކު މިވަގުތު ސަރއަށް ކާމިޔާބުލިބޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ގޭމްގައި ބައިވެރިވުމަށް އަހަރެންގެ ސިކުނޑި ތައްޔާރުކޮށްލީމެވެ. ކުރިއަށްވުރެން އިކާންއާއި ގާތަށްވެސް ޖެހިލީމެވެ.

"ޔޫ ލުކް އެބްސަލިއުޓްލީ ސްޓަނިންގ ރިދީ! އަހަރެންގެ އެންމެ މަގުބޫލުކުލަޔަކީ ރަތްކުލަ! އަހަރެންގެ މި ހަށީން ފުރާނަ ނެރެން ތައްޔާރުވެގެންތަ މިރޭ ތިޔައައީ..؟ ތިޔަށްވުރެން ފުރިހަމަ އަންހެންކުއްޖަކު މި ޕާޓީގައި ނުވެސް ނެތް.." އަހަރެންގެ މާބޮޑު ބައިވެރިވުމެއް ނެތިވެސް މި ގޭމްގައި އިކާން ބައިވެރިވެއްޖެ އެވެ. އަހަރެން އެއްޗެއް ބުނުމުގެކުރިން އެދެމެދަށް ސަރ ވަދެއްޖެ އެވެ. 

"ރެޑް އިޒް މައި ފޭވަރިޓް ކަލަރ! އެންޑް ޝީ އިޒް މައި ޑޭޓް! އޭނާ މިރޭ ތައްޔާރުވެގެން އައީ އަހަރެންގެ މި ހަށީން ފުރާނަ ނެރެން.. މިހިތުގެ އެންމެ ފަހު ވިންދު ޖަހުވާލަން..!"

އިކާންގެ ލޮލަށް ބަލަމުން އިންޒާރުގެ ރާގުގައި، އަޑަށް ބާރުލާފައި ސަރ ބުނެލީ ނުރައްކާ ގޮތަކަށެވެ. އަހަރެންގެ މައިބަދަ ތުރުތުރު އެޅި އެވެ. އަހަރެންގެ އަތުގައި ހިފާފައި ޖެހި ލުއްކިއަކާއެކު ސަރގެ ގައިގައި ތަތްކޮށްލި އެވެ. އަދި ނުހަނު ބާރަށް އަހަރެންގެ އުނަގަނޑުގައި ސަރ އަތް އަޅުވާލާފައި ދެހަށިގަނޑު ކުރިއަށްވުރެންވެސް ގާތްކޮށްލި އެވެ. 

ދުލުން އެންމެ ލަފްޒެއްވެސް ބޭރު ނުވި އެވެ. ލިބުނު ޝޮކްގައި ސިކުނޑިވެސް ހުއްޓުނީ އެވެ. އެވަގުތު އަހަރެންގެ ނަން، އަހަރެން ކުރެން އެހިޔަސް، އެއިގެ ޖަވާބުވެސް އަހަރެން ކިބައިން ލިބޭނެކަމާމެދު މިވަގުތު ޝައްކެވެ. އަހަރެންގެ މުޅި ސިސްޓަމްމިވަނނީ ހުއްޓިފަ އެވެ. 

"ސުބުހާނަﷲ އީތަން.. އެތައް އަހަރެން ފާއިތުވެއްޖެ! އެކަމަކު ޒައްރެއްގެ މިންވަރުވެސް ތަފާތެއް ނެތް! ސްޓިލް ދެޓް ޕޮސެސިވް ބޮއިފްރެންޑް ތިންގ..!؟" ސަރ އާއި ދިމާއަށް އެއް ލޯ މަރައިލާފައި އިކާން ބުނެލި އެވެ.

އިކާންގެ ބުނެލުމުގައި ތަފާތުގޮތެއް ހުއްޓެވެ. މާޔޫސްކަން ހެއްޔެވެ؟ ނަފްރަތު ހެއްޔެވެ؟ ޖަވާބެއް ނުލިބުނެވެ.

ޖެހުނު ކޮންމެ މީހަކާއި ދިމާއަށް ކޮންމެފަދަ ހާލަތެއްގައިވެސް އެއް ލޯ މެރުމަކީ އިކާންގެ ހާއްސަ ހުނަރަކީބާ އެވެ. 

ދެންމެ އިކާން ބުނި އެއްޗެއް ސިކުނޑިއަށް ނަގައިގަތުމަށް އަހަންނަށް ވަގުތުކޮޅެއް ބޭނުންވި އެވެ. ދެ ލޯ ބޮޑުކޮށްލެވުނެވެ. އިކާން ބުނި އެއްޗެއް ކަންފަތުގައި ތަކުރާރުވި އެވެ. 'ޕޮސެސިވް ބޯއިފްރެންޑް' އޫޕްސް... ކުށް އިސްލާހްކުރަން ޖެހުނީ އެވެ. ލަސްކުރެވޭކަށް ނެތެވެ.

"ހީ އިޒް ނޮޓް މައި ބޯއިފްރެންޑް" ޖެހިލުމެއްނެތި ބުނީމެވެ. ސާބިތުހެކި ދައްކަންޖެހުނަސް އަހަރެން ތައްޔާރެވވެ.

"އޯހް! ސޯ މައި ޕްރިޓީ ލޭޑީ އިޒް ސްޓިލް ސިންގަލް؟" އުފަލާއެކު އިކާން ސުވާލުކޮށްލި އެވެ.

ކުޅެމުންދާ ގޭމްގައި އަހަރެންގެ ކޮޅަށް ޕޮއިންޓެއް އިތުރުވީ އެވެ. އިކާންގެ މަގްސަދު އޭނާގެ މޫނުން އަހަރެނން ދެނެގަތީމެވެ. ގޭމްގައި އަހަރެންވެސް ފިޔަވަޅެއް ކުރިއަށް އެޅީމެވެ. ބޮލުގެ އިޝާރާތުން އާއެކޭ ބުނެލާފައި ހަށަން ބަނދެލީ ފަހުރުވެރިކަމާއެކު އެވެ. 

"އެހެންވީމާ އަހަންނަށްވެސް ފުރުސަތު އެބައޮތް ދޯ.." މަޖާވެލާފައި އިކާން ބުނެލީ ޖެހިލުމެއް ނެތި އެވެ. 

"ނޯ!  ޔޫ ޑޯންޓް! ނެތް ފުރުސަތެއް!" ބަރުއަޑުން ހަރުކަށިކަމާއެކު އީތަން ސަރ ބުނެލި އެވެ. ހަމަ އެވަގުތު އަހަރެންގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަގޮތަކަށް އިކާން ގާތުން ދުރަށް ގެންގޮސްފި އެވެ.

ކުއްލިޔަކަށް ކުރިމަތީން ފެނުނު މަންޒަރު އަހަންނަށް ގަބޫލެއް ނުކުރެވުނެވެ. ދެ ލޯ ބޮޑުވެ އަނގަމަތީގައި އަތް އެޅުނެވެ. 

"ގައިސަރް" އަހަރެންގެ އަޑަށް ބާރުލާފައި ގޮވައިލެވުނީ މާބާރަށެވެ. އެތައް ލޮލެއް އަހަންނަށް އަމާޒުވީ އެހެންވެކަން ޔަގީނެވެ. ގައިސަރް ލައިގެންހުރި އަޅިކުލައިގެ ގައުން ދެއަތުން އުފުލާލާފައި އަހަންނާއި ދިމާއަށް ބާރަށް އައިސް ބައްދާލި އެވެ. ވެއްޓުނަނުދީ އަހަރެންގެ ހަށިގަނޑު ބެލަންސްކުރީމެވެ.

"އައި އެމް ސޯ ސޮރީ ދޫންޏާ! ހެޕީ ހެޕީ ބަރތްޑޭ! ވަރަށް ބޮޑަށް ސޮރީ!" އަހަރެންގެ ކަންފަތް ބުޑުގައި ގައިސަރް ބުނެލި އެވެ. ކުރިއަށްވުރެން ބާރަށް އެކުވެރިޔާގެ ގައިގަ އަހަރެން ބައްދާލީމެވެ.

އޭގެފަހުގައި އެހެން އެއްވެސް ކަމެއް އަހަންނަށް މުހިއްމެއްނުވި އެވެ. ނުފެނި އަހަރުތަކެއް ފާއިތުވެފައިވާ އެކުވެރިޔާއަށް އަހަރެންގެ މި ވަގުތުކޮޅު ދިނުމަށްވުރެން މުހިއްމު ކަމެއް މިވަގުތު ނެތެވެ. ގައިސަރްއަށް ވުރެން މުހިއްމު އެހެން މީހަކުވެސް އަދދި އެހެން ކަމެއްވެސް ނެތެވެ. 

"ރިދީ.. އަހަރެންގެ ލޯބިވާ! މިހިތުގެ ވިންދު ހުއްޓުވާލަން ގަސްދުކޮށްގެންތަ މި ޕާޓީއަށް ތިޔައައީ..؟" އެންމެންގެ ތެރެއިން ކުއްލިއަކަށް ކާމިލްގެ ޖުމުލައާއެކު އޭނާވެސް އަހަރެން ގައިގައި ބައްދާލި އެވެ.

އެންމެން ފިއްތާ ފިއްތާ އަހަރެންގެ މި ނިކަމެތި ހަށިގަނޑުން ކިތައް ކިލޯ މިރޭ ލުއިވާނެބާ އެވެ. އީތަން ސަރއަށް އަހަރެން ބަލައިލީމެވެ. އަހަރެން ދަންނަ ކޮންމެ ފިރިހެނަކު މިރޭ އެއް ޖުމުލައެއް ތަކުރާރުކުރުމަށް އަޒުމުކަނޑައަޅައިގެން ތިބިފަދަ އެވެ. ކާމިލް އާއި ދިމާއަށް އީތަން ސަރ ލޯ އަޅައިލިގޮތުން ހިނިވެސް އައި އެވެ. މިވަގުތު ސަރގެ ދުޝްމަނަކީ ހަމައެކަނި އިކާން އެއްނޫނެވެ. ކާމިލްވެސް އެ ލިސްޓަށް އިތުރުވީ އެވެ. 

ކާމިލްއާއި ގައިސަރްގެ ގުޅުމަށް އަހަރުތަކެއް ވެއްޖެ އެވެ. ދެމީހުންވެސް މަސައްކަތްކުރަނީ ރޭޑިއޯގަ އެވެ. މިޒާޖުގެ ގޮތުންވެސް އެއީ ފުރިހަމަ ދެ ލޯބިވެރިންކަމަށް އަހަރެން ގަބޫލުކުރަމެވެ. 

މިރޭގެ ޕާޓީއަށް އަންޔާއެއް ނާދެ އެވެ. އޭނާގެ އަމިއްލަ ކަންކަން ހުރިގޮތުން މިރޭ ޕާޓީއަށް އާދެވެން ނެތީ އެވެ. މިތާގައި އަންޔާ ނެތްކަމުގެ ހުސްކަން އަހަރެން އިހްސާސްކުރަމުންދިޔަކަން އެހެންމީހެއްގާތު ބުނާކަށް ބޭނުމެއް ނޫނެވެ. ކާމިލްގެ ވާހަކައިގައި ޝާމިލްވުމުން އީތަން ސަރގެ މަތިން އަހަރެން ހަނދާންނެތުނެވެ. ގާތުގައި ނެތްކަން އިހްސާސްވުމުން ވަށައިގެން ބަލައިލީމެވެ. ފެނުނީ ބަލަން މާ ފަސޭހަ މަންޒަރެއް ނޫނެވެ. ސަރ ފެނުނީ ޒުވާންފުރައިގެ އަންހެންކުދިންތަކެއްގެ ތެރޭގައި ހުއްޓަ އެވެ. ފެންނަ ކޮންމެ އަންހެނަކާ ގައިގޯޅިވުމަކީ ސަރއަށް ހާދަހައިވާ ފަސޭހަ ކަމެކޭ ހިތަށް އެރި އެވެ. ތަންކޮޅެއް ދުރުގައި ހުސްކޮށް ހުރި މޭޒަކަށް އަހަރެން މިސްރާބުޖެހީ އެމަންޒަރަށް ފުރަގަސްދީގެން އިންނަން ބޭނުންވާތީ އެވެ. 

"ސޯ.. ޔޫ ލައިކް ހިމް އަ ލޮޓް ދޯ!" ދާދި ގާތުން މީހަކު ބުނެލުމުން ބަލައިލީމެވެ. 

"ނޫން.. ހައު ކޭން އައި ލައިކް އީތަން ސަރ.. އެއީ އަހަރެންގެ ބޮސް!" ހަމަ ކުއްލި ޖަވާބެއްގެ ގޮތުގައި އަހަރެން ބުނެލީމެވެ.

"އަހަރެން މިބުނީ އީތަންގެ ވާހަކައެއް ނޫން.. މިދައްކަނީ ކާމިލްގެ ވާހަކަ!" އިކާންގެ ބަލައިލުން އަހަރެންގެ އެސްފިޔަތައް ތިރިކުރަން މަޖުބޫރުކުރި އެވެ. މި ކުރެވުނު ކުށް ވިސްނާލެވުނުއިރު އަހަރެންގެ ދުލުގައި ދަތް އެޅިއްޖެ އެވެ.

"ކުރިއަށް ފިޔަވަޅުއަޅަންވާނީ ވިސްނާފަ" މަޑުމަޑުން އިކާން ބުނެލި އެވެ. މާނައަކީ ކޮބައިބާ އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް