ads
ސިއްރު - 10 ވަނަ ބައި
އެޕިސޯޑް 10
Advertisement

ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ

"ޔޫ ޑޯންޓް ލައިކް ޑާންސިންގ ރައިޓް؟" އީތަން ބުނި އެއްޗަކަށް އަހަރެން ސުވާލުކުރުމުގެ ފުރުސަތުދޭން އޭނާ ބޭނުން ނުވިކަން އަހަރެން ފާހަގަކުރީމެވެ. 

"ނޫނޭ..! އެކަމަކު އެކަކު އަތުން އަނެކަކު އަތަށް ދިއްކުރާ ކުޅޭކުޅޭ އެއްޗަކަށް ވާކަށް ބޭނުމެއް ނޫން" ޑާންސްކުރުމަށް ހާއްސަކުރެވިފައިވާ މަންޒިލްގައި ހިނގަމުންދިޔަ ކަންކަން އަހަންނަށް ކަމުނުދާކަން ބުނެދިނުމަށް އިތުރު ޖުމުލައެއް ދުލަކަށްނައި އެވެ.

އަހަރެން ބުނި އެއްޗެއް ވިސްނުނު ފަދައިން ބޮލުން އިޝާރާތްކޮށްލާފައި އިކާންވެސް ބަލައިލީ ފަނޑު އަލީގައި ޑާންސްކުރަމުންދިޔަ މަންޒަރަށެވެ. އިސްޖަހައިލީ އެމަންޒަރު އިކާންއަށްވެސް ކަމުނުދިޔައީތީ އެވެ. އެކަން ޔަގީނެވެ.

ދެމީހުންގެ އަމިއްލަ ވާހަކައިގައި ހޭދަކުރެވުނީ ކިހައި ވަގުތެއް ކަމެއް ނޭގެ އެވެ. އަހަރެންގެ 'ޑޭޓް' ކޮބައިތޯ ބެލުމުގެ ބޭނުމެއް ނެތެވެ. އެތައް އަންހެން ކުއްޖަކު އެއަތުގެ ތެރޭގައި ވަނިކޮށް އަހަރެން ދުށީމެވެ. ލިބުނު މާޔޫސްކަމާއި ހިތުގައި ހިނގަމުންދިޔަ ޝަކކުވާތައް އަހަރެން ޖެހޭނީ ކަފުންކުރާށެވެ. ހިތަކީ މޮޔައެއްޗެއްކަމަށް ލިޔުންތަކުން ފެނިފައިވެ އެވެ. އެކަމަކު މިއީ މިފަދަ ރިހުމެއްކަން އެ ލިޔުންތަކުގައި ބުނެދީފައި ނުހުންނާތީ އަހަރެން ޝަކުވާ ކުރަމެވެ. 

މެހެމާންދާރީ އަދާކުރުމަށް އިކާން ދާންޖެހުނެވެ. އަނެއްކާވެސް އަހަރެން އެކަނިވީ އެވެ. ޖޫސްތައްޓެއް ހިފައިގެން ކަރުއެލުވާލައިގެން އިނދެވުނީ އަމިއްލަ ނަސީބާއިމެދު ހިތާއި ޝަކުވާކުރާށެވެ. މިކަމަށް އެއްބަސްވީއިރުވެސް ހަގީގަތް އޮތީ ކުރިމަތީގަ އެވެ. ފާޅުގައި ފެނުނަސް، ނުފެންނަކަމަށް ހަދަނީ އަހަރެންގެ ނަފުސެވެ.

"ދުރަށް ދާން މަސައްކަތްކުރާ ވަރަކަށް، އެއަށް ވުރެން އެތައް ގުނައެއް އަހަރެންނާއި ގާތަށް ތިބާ ގެންނާނެކަން ރިދީ ހަންދާންކުރާތި" 

ކަންފަތުގައި ތުންފަތް ބީއްސާލާފައި ބުނެލުމުން އަހަރެން ސިއްސައިގެން ދިޔަ އެވެ. 

ފަހަތުން އައިސް އެފަދަ ކަމެއް ކުރާނެ މީހަކު އެތަނުގައި ހުރެދާނެކަމަށް ވިސްނާލެވިފައިވެސް ނެތީ އެވެ. އަހަރެންގެ ދެ ކޮނޑުގައި ހިފާލާފައި ފުރަގަހުން ސަރ އާއި ގާތްކޮށް، ކަނދުރާގައި ފިރިހެންވަންތަ މޫނު ފޮރުވާލާފައިވެ އެވެ. ހަމަ އެ ދެއަތުގެ ތެރެއިން އެތަށް އަންހެންކުއްޖަކު އަހަރެން ދުށީ މީގެ ވަގުތުތަކެއް ކުރިންނެވެ. ދުރަށް ދާން ސިކުނޑި މަޖުބޫރުކުރަނީ އެވެ. އެކަމަކު ހިތް އެކަމަށް އެއްބަހެއް ނުވި އެވެ. ދިފާއުގައި ހަށިގަނޑަށް ގުޑުމެއްވެސް އަރުވާލާނެ އިހްތިޔާރެއް އަހަރެންގެ އަމިއްލަ ނަފުސުގައި ނެތެވެ. 

އީތަން ސަރއާއި ދުރަށް ދާން އަހަރެން މަސައްކަތެއް ނުކުރަމެވެ. އަހަރެންގެ ގާތަށް އައުމުން ދުރަށްލާނެ ހިތްވަރެއްވެސް ނެތެވެ. މިއީ ކޮންފަދަ ބޮޑު ބަދަލެއް ހެއްޔެވެ؟ ސަރގެ ގާތްކަން އަހަރެންގެ ހިއްސުތަކަށް ދިރުން ގެނުވާ އެވެ. ފަނޑުއަލީގައި އަހަރެންގެ އެސްފިޔަތައް ބާރު ދެރަވާންފަށައިފި އެވެ. ނިންޖެއް ނާދެ އެވެ. ލޯ ހުޅުވާނެ ބާރެއް ނެތެވެ. މިފަދަ ގޮތްތަކެއް މިނޫނީ ދުވަހަކުވެސް ތަޖުރިބާއެއް ނުކުރަމެވެ. ފެނުނު މަންޒަރުތައް ކަނު ލޮލަކުން ދުށްފަދަ އެވެ. ސަރގެ ހަރަކާތްތަކަށް އަހަރެންގެ ގުނަވަންތައް އާދދަވެފައިވާ ކަހަލަ އެވެ. ކޮންމެ ބީހިލުމަކަށް ހިތުވިންދު އަވަސްވި އެވެ. އެހެން މީހެއްގެ ބާރު އަހަރެންގެ ނަފުސުގެ މައްޗަށް މި މިންވަރަށް ގަދަކުރުމުގެ އިހްތިޔާރު ދިނުމަކީ ނުރައްކަލެއް ނޫންބާ އެވެ.

އެކަމަކު ކޮންމެ ގޮތެއްވެސް ވަރިހަމަ އެވެ. ލިބެމުންދިޔަ އަރާމާއި އުފާ އަހަރެންގެ ހަށިގަނޑަށް ބޭނުމެވެ. ކަނދުރާއާއި ކަންފަތާއި އަދި ހާމައަށް ބުރަކަށީން ފެންނާންއޮތް ކޮންމެ އިންޗިއެއް ސަރގެ ބާރުގެ ދަށުގައި ގައިދުކޮށްލުމާއިމެދު އިއުތިރާޒެއް ނެތެވެ.

ބުނެދޭން ނޭގެ އިހްސާސްތަކުން އަހަރެންގެ ހިތް މޮޔަކޮށްލައިފި އެވެ.

ގޮނޑީގައި އިނުމަކީ މިވަގުތު އަހަންނަށް ފަސޭހަކަމެއް ނޫނެވެ. އެކަން ސަރ ދެނެގަތީކަންނޭގެ އެވެ. ބާރުދޫވަމުންދިޔަ އަހަރެންގެ ހަށިގަނޑު އުފުލާލާފައި ސަރގެ އުނގުމަތީގައި ބޭންދީ ހިނދުކޮޅެއްގެ ތެރޭގަ އެވެ. ބާރުގަދަ ދެއަތުގެ ތެރޭގައި އަހަރެން ބޮނޑިކޮށްލި އެވެ.

"ވަޓް އިޒް ދިޒް، ސަރ" ނުހަނު އުދަގުލުން ފަނޑުގޮތަކަށް ސުވާލުކޮށްލީމެވެ.

"އައި ޑޯންޓް ނޯ! އެނގޭކަށް ބޭނުމެއްވެސް ނޫން.. މި އިހްސާސް އަހަރެންގެ ރެއާއި ދުވާލުގެ ކޮންމެ ވަގުތެއްގައި ބޭނުން.. އުމުރަށްވެސް ބޭނުން.. އަހަރެންގެ އަމިއްލަ ކަންކަމާއި، އަމިއްލަ އެއްޗިއްސާއި އެހެންމީހުން މާބޮޑަށް ގާތްވުމަކީ އަހަރެން ރުހޭކަމެއް ނޫން" ސަރގެ ފިރިހެންވަންތަ އަޑުން ބުނެލި އެވެ.

އަހަރެންގެ ހިތް ފަތަހަ ކުރަމުން ސަރ ބުނެލި ޖުމުލަތައް ވަރުގަދަ އެވެ. އުފަލުން އަހަރެންގެ ހިތް ނަށަނީ އެވެ. ފޮރުވިފައިވާ މާނައާއިމެދު ފަރުވާލެއް ނެތެވެ.

އަހަރެންގެ ނިއްކުރީގައި ސަރ ތުންފަތް ޖައްސައި ފިއްތާލި އެވެ. މޫނުގެ ދެފަރާތުން ހިފަހައްޓާލާފައި ތިންހަތަރު ފަހަރު އަހަރެންގެ ނިއްކުރީގައި ސަރ 'ކިސް ކޮށްލި' އެވެ.

މުޅި އުމުރަށްޓަކައި މިވަގުތުކޮޅު އަހަންނަށް ފުދެ އެވެ. މިއީ ހުވަފެނެއްނަމަ ހޭލާކަށް ބޭނުމެއް ނޫނެވެ.  މި އިހްސާސަށް ނިމުން ގެންނާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ހަގީގަތް ގަބޫލުކުރަން މަޖުބޫރެވެ. އަހަރުމެން ވަށައިގެން އެތައް ބަޔަކު މި މަންޒިލްގައި އެބައުޅޭ އެވެ. އެންމެންގެ ކުރިމަތީގައި މިފަދަ ގޮތަކަށް އަހަރެން 'ލޭބަލް' ވުމަކީ ދުވަހަކުވެސް ބޭނުންވި ކަމެއް ނޫނެވެ. ނިމަމެތީންގެ އަތުގައި އޮންނަ ހަމައެކަނި ހަޒާނާއަކީ އަބުރެވެ. އެކަން އަހަރެން ހަނދާންނެތުނީ ކީއްވެބާ އެވެ؟

މަޑުމަޑުން ސަރގެ އަތުގެ ތެރެއިން އަހަރެން ދެމިގަތީމެވެ. ވަށައިގެން ބަލައިލީމެވެ. ހިނގައިދިޔަ ކަންކަމާމެދު ލަދު އިހްސާސްވީ އަދި ކިރިޔާ އެވެ. މިއިން ކޮންމެ ސިކުންތަކީ އަހަންނަށް މުޅިން އައު ކަންކަމެވެ. އަހަރެންގެ މޮންސްޓަރ ބޮސްގެ މިފަދަ 'ހުނަރެއް' ހުންނަކަން ކުރިން ހީކުރެވުނުނަމަ އަހަރެން އަނބުރައިގަތީސް ކަންނޭގެ އެވެ. ލޯތްބާއި އަޅައިލުމާއި، އެހެންމީހުން ކިބައިން އަހަރެން ރައްކާތެރިކުރުން ނުވަތަ އެހެންމީހަކާއި އަހަރެން ގާތްވުމުން ސަރ މިއުޅޭ ގޮތްތަކަކީ އަހަންނަށް މުޅިން އައު ކަންކަމެވެ.

އެތައް ލޮލަކުން އަހަރެންގެ 'އެ މަންޒަރު' ދެކެފި އެވެ. ކިތަންމެ މީހަކު ތަފާތުގޮތަކަށް އަހަންނާއި ދިމާއަށް ބަލަމުން އެގެންދަނީ އެސަބަބަށްޓަކަ އެވެ. 

އެންމެ ގާތުން ފެންނާންހުރި ބެލްކަނީގައި އަހަރެން ހަމަޖެހިލަން މަސައްކަތްކުރީމެވެ. އެއްވެސް މީހެއްގެ ތަފާތު ބެލުމެއް މިވަގުތު އަހަރެން ތަހަންމަލްކުރާކަށް ބޭނުމެއް ނޫނެވެ.

"ރިދީ.." މީގެކުރީން ނީވޭ އަޑެކެވެ. 

ހިތުގައި ވިންދެއް ޖަހައިލައިފި އެވެ. ފުން އިހްސާސެކެވެ. އަހަރެންގެ ނަމުން މިފަދަ ގޮތަކަށް މުހާތަބްކުރި މިއީ ފުރަތަމަ ފަހަރުކަމަށްވެސް ވެދާނެ އެވެ. އަހަރެންގެ ނަން މިހައި ފުރިހަމަކަމެއް މީގެކުރީން އިހްސާސްވެފައެއް ނެތެވެ. މިހައި ފުރިހަމަ ނަމެއް އިހްތިޔާރުކުރީތީ މަންމައާއި ބައްޕައަށް ޝުކުރިއްޔާ އެވެ.  

އަހަރެންގެ އިސްތަށިގަނޑު ކަނދުރާއިން އެއްފަރާތްކޮށްލި އެވެ. ލަސް ހަރަކާތެކެވެ. މަޑުމަޑުން އިނގިތަކުގެކޮޅުން އަހަރެންގެ ކަނދުރާގައި ތަފާތު ބައްޓަމަށް ހަރަކާތްތައް ގެންނާން ފަށައިފި އެވެ. ކޮންމެވެސް އެއްޗެއް ލިޔާހެންވެސް ހީވި އެވެ. ބުރަކަށިން، ކަނދުރާއިން އަދި ކަންފަތު ބުޑާހަމައިގައިވެސް އިނގިލިތަކުގެ މަސައްކަތް ފެށި އެވެ. ދެފައިން ވާގި ދޫވެ، ދެންމެ ދެންމެ އަހަރެންގެ ކޮންޓްރޯލް ގެއްލިދާނެހެން ހީވަނީ އެވެ. މިފަދަ އިހްސާސްތަކުގެ ވާހަކަ އަހަރެން ކިޔައި އުޅެނީ ލޯބީގެ ވާހަކަތަކުންނެވެ. އަހަރެނންގެ އަމިއްލަ ހަށީގައި މިފަދަ ތޫފާނެއް އުފެދިދާނެކަމަށް ދުވަހަކުވެސް އުއްމީދުކުރެވިފައެއް ނެތެވެ. ކެތްތެރިކަން ކޮޅުންލަނީ އެވެ. 

ނުހަނު ހިތްވަރުކޮށްފައި ފުންނޭވާޔަކާއެކު ސަރއާއި ދިމާއަށް އެނބުރެލީމެވެ.  

"ކިހިނެއްވީ؟ އިކާން ކުރީމައި އޯކޭ ދޯ! އަހަރެން ކުރީމައި މައްސަލައެއް ދޯ!" ރަސްމީ ހަރުކަށި ރާގުގައި ސަރ ބުނެލި އެވެ. 

އެއްފަހަރާ ހަލަބޮލިވަމުންދިޔަ އިހްސާސްތަކުގައި އޮބިއަޅަމުން އަހަރެން ދެލޯ މަރައި ތަގުޅިކޮށްލީމެވެ. އަނދަމުންދިޔަ އަލިފާންގަނޑަކަށް އައިސްކިއުބުއަޅައި ނިއްވާލި ފަދަ އެވެ. 

"މާނައަކީ ކޮބާ؟" އަހަރެން ސުވާލުކުރީމެވެ. 

އަނގަހުޅުވިފައިވަނީ ލިބުނު ހައިރާން ކަމުގަ އެވެ. އަހަރެންގެ ސުވާލުން ސަރ އަށް ޝޮކެއް ލިބިދާނެކަމަށް ހިޔެއްނުކުރަމެވެ. އެކަމަކު މޫނުން ފެނުނީ އެ މަންޒަރެވެ.

"ވައި؟ ވައި ޑިޑް ޔޫ ލެޓް ހިމް ޓަޗް ޔޫ ދިސް ވޭ؟.. ހޯލްޑް ޔޫ ދިސް ވޭ..؟" ސަރގެ ސުވާލުތައް ކުރަމުން ދިޔައިރު އަހަރެންގެ ހަށިގަނޑުގެ އެތައް މިތަނުގައި އަތްލަމުން ދިޔަ އެވެ.

ނުހަނު ބާރަށް އުނގަނޑުގައިވެސް ހިފެހެއްޓި އެވެ. އަތުގައި ހިފާފައި ސަރއާއ ގާތަށް ދަމއިގަތެވެ. އަދި ދެމީހހުންގެ ނޭފަތުކުރި ކިރިޔާ ބީހޭނުބީހޭވަރަށް އަހަރެންގެ މޫނާއި ގާތްވި އެވެ.

ލޯހުރި ކޮންމެ މީހަކަށް ފެންނާނެ އެވެ. އިލްޒާމް އެ އަޅުވާފަދަ ބޭއަދަބީ ނަޒަރަކުން އަހަރެންގެ ގައިގައި އިކާން އަތްވެސް ޖައްސާނުލަ އެވެ.

ދުރަށް ދާން މިވަގުތު ބޭނުމެވެ. ސަރގެ އަތު ތެރެއިން ސަލާމާތްވާން އަހަރެން ގަދަހެދީމެވެ. އެ ސުވާލުތަކުން އަހަރެންގެ ކަންފަތް ބަށްވެއްޖެ އެވެ. ކިތަންމެ ގަދަ ދެއްކިޔަސް ބާރުގަދަ އެ އަތުގެ ތެރެއިން ސަލާމަތްވެވުމަކީ ނާދިރުކަމެކެވެ. އެކަމަކު ހަތިޔާރު ބަހައްޓާކަށް ބޭނުމެއް ނޫނެވެ. ގަދަ ހެދީމެވެ. މިވަގުތު ބޭނުމީ އެކަނި ވެލާށެވެ. ސަރއާއި ދުރަށް ދާށެވެ. އަހަރެންގެ މަގުސަދު އެނގުމުން ކުރިއަށްވުރެން ބާރަށް ދެއަތުން އަހަރެންގެ އުނގަނޑާއި ބުރަކަށީގައި ބެއްދި އެވެ. 

"އިކާން އަތުގައި ހިފިޔަސް، އަތް މޮޑުނަސް މައްސަލައެއް ނޫން..! އަހަރެން ކުރީމައި މައްސަލައަކަށްވަނީ ކީއްވެ؟ އަހަންނަށް ހުއްދަ އޮންނަ މިންވަރަކީ ކޮބާ؟ މިންއަޅާފައި އިން ވަކިކޮށްފައި އަހަންނަށް ބައެއް އިކާންއަށް ބައެއް ނިންމާފަތަ އޮތީ؟" 

ރަހުމެއް ނެތި ސުވާލުތައް ކުރަމުން އަހަރެންގެ އަބުރުވެރިކަމާމެދު ސުވާލު އުފައްދަމުންދިޔަ އެވެ. އަހަރެންގެ ދެ ލޯ ބަރުވާން ފަށައިފި އެވެ. އެސްފިޔަތައް ތެމެންފަށައިފި އެވެ. 

ސުވާލު އެކުރަނީ އަހަރެންގެ ކަރާމާތާއި، އިއްފަތްތެރިކަމާއިމެދު ހެއްޔެވެ؟

ގައިހުރި ބާރެއްލާފައި ސަރ ކޮށްޕާލީމެވެ. ނުހަނު ހިތްވަރުކޮށްފައި ރަހުމެއް ނެތް އެ މޫނަށް ބަލައިލީމެވެ. 

"ހީކުރެވުނީ ކުޑަމިންވަރަކަށްނަމަވެސް ބަދަލުވެއްޖެކަމަށް..! އެކަމަކު އީތަން މުހައްމަދު މަނިކަކީ ދުވަހަކުވެސް ބަދަލުނުވާނެ އިންސާނެއްކަން މިރޭ ސާބިތުކޮށްދީފި..! ތިއީ ރަހުމުގެ ޒައްރެއްގެ މިންވަރުވެސް ނެތް އިންސާނެއް..! ތިއީ އަންހެން ކުއްޖަކަށް ދުވަހަކުވެސް އިހްތިރާމް ނުކުރާނެ ފިރިހެނެއް..!" އަހަރެން ހިތަށްއައި ހުރިހައި އެއްޗެއް ބުނެލީމެވެ.

އަޑަށް އައިސްފައިވާ ބަދަލު ދެނެގަންނާން އަހަންނަށް ވަގުތެއް ނެތެވެ. ކަރުބެދިއްޖެ އެވެ. މިފަދަ އިންސާނެއްގެ ކުރިމަތީގައި މިވަގުތު ކެތެއް ނުކުރެވޭނެ އެވެ. ދެފައިގައި ހުރި ބާރެއްލާފައި އަހަރެން ދުއްވައިގަތީމެވެ. 

"ރިދީ!" 

"ރިދީ!"

އަހަރެންގެ ނަމުން ގޮވަމުން އަހަރެން ފަހަތުން ދުވަމުންއައި އެވެ.

ނުހުއްޓެމެވެ. ނުވެސް ހުއްޓުވޭނެ އެވެ. އަހަރެންގެ ބަރު ގައުން، ދެއަތުން ހިފަހަށްޓައިގެން ބާރަށް ސިޑިން ދުވަމުން ފޭބީމެވެ. ވަށައިގެންވީ މަންޒަރު މިވަގުތު މުހިއްމެއް ނޫނެވެ. އެވަގުތުވެސް މި ނުވިސްނޭ ސިކުނޑިއަށް ސިފަވެގެން ދިޔައީ ސިނޑުރެއްލާގެ ވަގުތުހަމަވާތީ ދުވަމުންދިޔަ މަންޒަރެވެ. އަހަރެންގެ މޮޔަހިތަށް ބޭސްކުރަން ނުޖެހޭނެބާ އެވެ. ދެ ލޮލުން ހޫނުކަރުނަތައް ކޯތާފަތަށް އަމާޒުވަމުންދިޔަ އެވެ. އެކަމަކު ސިފަވަނީ ސިނޑުރެއްލާއާއި އޭނާގެ ބިއްލޫރި ބޫޓެވެ! ބާރަޖަހަން ގަޑީގެ ކަށި ދަތުރުކުރަމުންދިޔަ ނުރައްކާތެރި ސިކުންތެވެ.

މަގުމައްޗަށް ނިކުމެ މަގުމެދުން ހިނގަން ފެށުނުއިރެއްވެސް ނޭގެ އެވެ. މެންދަން ވަމުންދިޔައިރުވެސް މަގުތަކުގައި ރަސްކަންކުރަމުންދިޔަ ވެހިކަލްގެ ބައިގަނޑު ބަރުގޮނުއަޅަން ފަށައިފި އެވެ. ލޮލުގައި އަޅާފައިވާ މަސްކާރާ އަހަރެންގެ ލޮލުގެ ސިފަ ބަދަލުކކުރަމުންދިޔަކަން ޔަގީނެވެ. އެކަމަށް ފަރުވާލެއް ނެތެވެ. އަތުގައި ހުރި ބާރެއްލާފައި ދެއަތުން މޫނު ފޮހެމުންގެންދިޔައީ އަހަރެންގެ ތުނި ހަންގަނަޑަށްވެސް ފަރުވާލެއް ނުބަހަށްޓަ އެވެ.

"ރިދީ!" ނުހަނު ބާރަށް އަހަރެންގެ ނަމުން ގޮވާލި އެވެ. 

އެއަޑަށް މިވަގު އަހަރެން ނުބަލާނަމެވެ. ދެފައިގައި ހުރި ބާރެއްލާފައި ކުރިއަށް ދެވޭތޯ ބެލީމެވެ.

އެކަމަކު އިތުރު ހަރަކާތެއް އަހަރެން ގެނައުމުގެކުރިން ދެކަންފަތާއި ސިކުނޑިފަޅައިގެންދާފަދަ ގަދައަޑަކުން އަހަރެން ހުއްޓުވާލައިފި އެވެ. ބަރު ވެހިކަލެއްގެ ފުރޮޅު ކޮންޓްރޯލުން ނެއްޓި، މާދުރަށް ކަހައިލިފަދަ ގަދައަޑެކެވެ. ފަސްއެނބުރިފައި ބަލަން މަޖުބޫރުވި އެވެ. ދެލޮލަށް އަމާޒުވީ ލޮލުގެ ނާރުތަކަށް ކުޅަދާނަ ނުވާވަރުގެ ގަދަ އައްޔެކެވެ. ކޮންމެވެސް އެއްޗެއް ފުނޑުފުނޑުވެގެން ފޭބި ގަދައަޑު ކަންފަތުގައި ހަރުލި އެވެ.

ދުނިޔޭގެ އެހެން އެއްވެސް ކަމެއް ސިކުނޑިގައި ނެތެވެ. ވަށައިގެން ފެންނަމުންދިޔަ ބިރުވެރި މަންޒަރު ނޫނީ މިވަގުތު ނުފެނެ އެވެ.

މުޅިއުމުރުގައިވެސް ތަހަންމަލްކޮށްފައިނުވާ ގަދަ ވޭނަކުން މުޅިގައިގައި ރިހެންފަށައިފި އެވެ. ގައިގެ ކަށިތަކާއި މަސްތައް ހަންގަނޑުގެ ތެރެއިން ވީދައިގެން ކުދިކުރަނީހެން ހީވިފަދަ ގަދަވޭނަކާއެކު އަހަރެންގެ އެސްފިޔަތައް ތޮޅެލި އެވެ.

ވަރުބަލިވެ، ހިތްވަރުއެލިގެންދިޔަ ވަގުތުގައި އިވުނީ އީތަން ސަރ ނުހަނު ބާރަށް އަހަރެންގެ ނަމުން ގޮވާ އަޑެވެ. އަހަރެންގެ ލޮލަށް އަމާޒުވީ ހޫނު ލޭ އެވެ. ދެއަތުގައި ލޮނދި ތެތްކަމެއް އެބަހުއްޓެވެ. އެއީވެސް ލޭ ބާވަ އެވެ! 

(ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް