ހިއްވަރުކުރެވޭތޯ ނޭވާއެއްލާން މަސައްކަތްކުރީމެވެ. މި އޮވެވުނީ އީތަން ސަރގެ އަތުތެރޭގައިކަން އެނގުނީ އަހަރެންގެ މޫނުމައްޗަށް ހުރަސްއެޅެމުން ދިޔަ އިސްތަށިތައް އެއްފަރާތްކޮށްލި އިހްސާސާ އެކު އެވެ. ސަރގެ ދެ ލޯވަނީ ކަރުނުން ފުރިފަ އެވެ.
ހަށިގަނޑުގެ ކޮންމެ ސެލްއެއް ގަދަރިހުމަކުން ބަލިވެއްޖެ އެވެ. އެސްފިޔަތައް މަޖުބޫރުކުރަމުން ދިޔައީ ދިގު ނިންޖަކުން ނިދާލުމަށެވެ. އަޅަމުންދިޔަ ވޭނުން ހަށިގަނޑު އައްސިވެއްޖެ އެވެ. ހިތުގައި ވިންދެއް ހުރިކަމުގެ އިހްސާސެއްވެސް ނުވެ އެވެ. ބޮލަށް ބަރުވެ، އެސްފިޔަތައް ދަގަނޑަށްވި އެވެ.
"ޕްލީޒް ޑޯންޓް ލީވް ރިދީ.. ޑޯންޓް ލީވް މީ ޖަސްޓް ލައިކް ޒާޔާ ޑިޑް! ޕްލީޒް!"
ލޮލުގެ ހިމަކޮޅުން ފޭބި ކަރުނައިގެ ހޫނު އިހްސާސްވި އެވެ. ހިތުގައި ޖަހަމުންދިޔަ އެންމެ ފަހު ވިންދާއި ހަނގުރާމަކޮށް އަހަރެންގެ ނާކާމިޔާބު އަރާހަމަކުރީ އެވެ. ދިފާއުގައި ކުރެވޭނެ އެއްކަމެއްވެސް ނެތެވެ. އަހަންނަށްޓަކައި މިދުނިޔޭގައި ހަމަ އެކަކުވެސް ނުވެ އެވެ. އަނދިރީގެ ތެރެއިން ފެނިލީ ސަރގެ ކަރުނުން ފުރިފައިވާ ދެލޮލެވެ. ކަންފަތުގައި ހަރުލީ އާދޭހެކެވެ. އެކަމަކު އޭރު މާބޮޑަށް ލަސްވެއްޖެ އެވެ. ވަގުތު ފާއިތުވެއްޖެ އެވެ.
އާއެކެވެ. މި ކިޔައިދިނީ ދެއަހަރުކުރީގެ ހަންދާންތަކެވެ.
.........................
-މިހާރު-
އޭނާއާއި ދުރަށް ދިއުމަށް އަހަރެން މަސައްކަތްކުރީމެވެ. ދޫކޮށްލުމަށްއެދި އާދޭސްކުރީމެވެ. އެކަމަކު އަހަރެންގެ އަޑެއް ނޭހި އެވެ. އިހުނަށްވުރެން ބާރަށް އަހަރެންގެ ގައިގައި ބާރަށް ހިފަހައްޓަމުންދިޔައީ އެންމެ އިންޗިއެއްވެސް އޭނާއާއި ދުރަށް އަހަރެން ޖެހިލައިފާނެތީ އެވެ.
"އަހަރެން.. ދޫކޮށްލާ.. އީތަން" ގަދަ ހަދަމުން އަހަރެން ބުނީމެވެ.
ދުވަހަކުވެސް ދޫކޮށްނުލާނަން.. ދުވަހަކުވެސް، ދުވަހަކުވެސް ދޫކޮށްނުލާނަން.. ނެވަރ!" ޔަގީންކަމާއެކު އީތަން ބުނެލި އެވެ.
"މިއީ ރަގަޅުކަމެއް ނޫން.. މި ކުރެވެނީ ރަގަޅު ކަމެއް ނޫން.. އަހަރެން ދޫކޮށްލާ.. ޕްލީޒް އަހަރެން ދޫކޮށްލާ!" އަހަރެން އާދޭސްކުރީމެވެ. އެކަމަކު އެ އާދޭހުގެ ކުޑަވެސް އަސަރެއް އޭނާއަކަށް ނުކުރި އެވެ.
"ޕްލީޒް!"
"ޕްލީޒް!"
އަހަރެންގެ އާދޭސް އަޑުއެހުމަކީ ދުވަހަކުވެސް މިހާތަނަށް އީތަންކޮށްފައިވާ ކަމެއް ނޫނެވެ. މިއަދުވެސް އަހަރެންގެ އަޑެއް އޭނާ ނާހާނެ އެވެ. އަހަރެންގެ އަތުގައި އީތަންގެ އެއްއަތުން ފިރުމަމުން ދިޔަ އެވެ. ހިފެހެއްޓުނު އެންމެ ބާރަކަށް އަނެއް އަތުން އަހަރެންގެ އުނަގަނޑުގައި ހިފަހައްޓައި އޭނާގެ ހަށިގަނޑާއި ތައްކޮށްލާފައިވޭ އެވެ.
އާދޭސްކޮށް ސަލާމްޖެހީމެވެ! ނަމަވެސް ކާމިޔާބުގެ ކޮޅެއް މެދެއް އަހަރެންގެ ނަސީބުގައި ނެތެވެ. ބޮލުގެ އިސްތަށިގަނޑުން ފެށިގެން އަހަރެންގެ މުޅި ގައިގައި އޭނާ ފިރުމި އެވެ. ލިބެމުންދިޔައީ އަރާމެއް ނޫނެވެ. އިހްސާސްތައް ބަޔާންކުރާނެ ދުލެއް މިވަގުތު ހަރަކާތެއް ނުކުރި އެވެ. ކުއްލިޔަކަށް ދެ ލޯ މަރައިލާން މަޖުބޫރުވީ ތޫނު ތަދެއް އިހްސާސްވުމުންނެވެ.
ސުބުހާނަﷲ އެވެ. އަހަރެންގެ ކަނދުރާގައި އީތަން ދަތްއެޅީ އެވެ. އޭނާގެ ގޯނާތަކުން އަހަރެންގެ ކަނދުރާއާއި ކަރުދަށުގެ ތުނި ހަންގަނޑު އަންދާލަނީބާ އެވެ. ހޫނު ދިލައެކެވެ. ބުނެދޭން ނޭގޭ ތަފާތު އިހްސާސްތަކެކެވެ. ކަނދުރާގައި ހާމައަށް އޮތް ކޮންމެ އިންޗިއެއް އީތަންގެ ހައްގަކަށް ހަދައިފި އެވެ.
ކުރިއަށްވުރެން ބާރަށް އީތަން ކޮށްޕާލެވޭތޯ މަސައްކަތްކުރީމެވެ. އެކަމަކު އަހަރެން ގައިގެ ހުރިހައި ހަކަތައެއްވީ ބޭކާރެވެ. އަމާންދޭކަށް ގަސްދެއް ނުކުރަމެވެ.
ކުރިއަށްވުރެން ބާރަށް ކޮށްޕާލީމެވެ. މިފަހަރުވެސް ނާކާމިޔާބު ލިބުނީ އަހަންނަށެވެ.
އޭނާއާއި ދުރަށް ދިއުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް ކުރީމެވެ. ނާކާމިޔާބު ނޫން އެއްޗެއް ނަސީބުގައި ނެތެވެ!
އަހަރެންގެ އަމިއްލަ ނަފުސު އެހިޔާލުތަކާއި ދުރުގައި މަސްއޫލުކުރުމަށް މަސައްކަތްކުރީމެވެ. ގޯނާތަކުން މިންޖެއް ނުވެވުނެވެ.
އަހަރެން ހިތްވަރު އެލުވައިނުލަމެވެ. އެކަމަކު ބާރުގަދަ ސިންގާއެއްގެ ކުރިމަތީގައި ނިކަމެތި ފުއްލާއަކަށް ކުރެވޭނެ އެއްކަމެއްވެސް އޮންނާނެ ހެއްޔެވެ؟ ހަރަތެސްފައިން ވާގިދޫވި އެވެ.
ނޭގޭ ބާރަކުން ހިއްސުތަކަށް މަޖުބޫރުކުރި އެވެ. އޭނާއޮތީ އަހަރެންގެ ގައިމަތީގަ އެވެ. ނިކަމެތި ހަށިގަނޑުން ވާގި ދޫވެ، ވަރުބަލިވެއްޖެ އެވެ. ގަދަހެދުމުން އަމާން ދެވިއްޖެ އެވެ. އޭނާގެ އިޝާރާތްތަކަށް އިޖާބަވެސް ދެވުނީ އެވެ. ލޮލުން ބޮލުން އެއްބަސްވެވި ނިމިއްޖެ އެވެ.
"ނޫން...!"
ފުންމައިގެން ތެދުވެވުނެވެ. ދާހިއްލައި ފޯވެއްޖެ އެވެ. ފެން ނެތްތަނެއްގައި ތެޅޭ ރޯމަހެއް ފަދައިން މުޅިމީހާ ތުރުތުރުއަޅަނީ އެވެ. ފެނުނީ ހުވަފެނެކެވެ. ނުހަނު ބިރުވެރި ހުވަފެނެކެވެ.
އަހަރެންގެ ހަށިގަނޑުގައި ދައުރުވަމުންދިޔަ ލޭ މައިތިކުރާންޖެހެ އެވެ. މި ހިތަށް ވިސްނައިދޭން ޖެހެ އެވެ. އާއެކެވެ!
އޭނާ ހިގައްޖެ އެވެ. އަހަރެން ދޫކޮށްލާފައި އޭނާގެ ލޯބިވެރިޔާ ގޮވައިގެން އޭނާ ހިގައްޖެ އެވެ.
އަހަރެންނާއި ވަރަށް ދުރަށެވެ.
ދުވަހަކުވެސް ބައްދަލުނުވާނެހައި ދުރަށެވެ.
މިހާރު އެއީ 'މާޒީ' އެވެ.
ތުރުތުރުއަޅަމުންދިޔަ އިނގިލިތަކުން އިސްތަށިގަނޑު ތަރުތީބުކޮށްލާފައި ހުޅިއެއް ޖަހައިލީމެވެ. ގާތުގައި ހުރި ބިއްލޫރި ޖަގުން ފެން އަޅާފައި ފެންތައްޓެއް ބޯލީމެވެ.
އެކުވެރިންގެ 'ޑެއަރ ފޯންކޯލް'ގެ ފަހުން މަހެއް ފާއިތުވެއްޖެ އެވެ. އަހަރެންގެ އަޑުވެސް ފާހަގަކުރާން އޭނާއަށް ނޭގުނެވެ. އަހަރެންނަކީ އޭނާގެ ހަޔާތުގައި ޖެހުނު ލައްގަނޑެކެވެ. އުނދަގުލަކާއިނުލައި މި ލައްގަނޑު އެ ހަޔާތުން އޭނާވަނީ ފޮހެލާފަ އެވެ.
އަހަރެންގެ ހިއްސުތައް މައިތިރިކުރާން މަޖުބޫރެވެ. މި މޮޔަހިތަށް ވިސްނައިދިނުމުގައި އަހަރެންވަނީ ތަކުރާރުކޮށް ފެއިލްވެފަ އެވެ. ހިޔާލްތަކުން ދުރުވޭތޯ ޓީވީ ހުޅުވާލީމެވެ.
ޝައުގުވެރި ޗެނަލްއެއް ދިމާވޭތޯ ބަލަމުންދިޔައީމެވެ. އެކަމަކު އަހަރެންގެ ލޮލާއި ހިތް އަދި ރިމޯޓް ހުއްޓުނީ އެންމެ ޗެނަލަކަށެވެ. ދައްކަމުންދިޔައީ އިންޓަވިއުއެކެވެ. ރޮކް5ގެ އިންޓަވިއު އެކެވެ.
'ދުރަށް ދާން މަސައްކަތްކުރާ ވަރަކަށް، އެއަށް ވުރެން އެތައް ގުނައެއް އަހަރެންނާއި ގާތަށް ތިބާ ގެންނާނަން'
ބޭންޑްގެ ހާއްސަލަވަޔަކުން ތަންކޮޅެއް ދައްކާލި އެވެ.
"އަޅުގަނޑުމެން މި ބަލާލި ލަވައިގައި، އީތަން މުހައްމަދު މަނިކުގެ އަޑުގައި މިވަނީ ކޮންފަދަ ރިހުމެއްތޯ؟ ލޮލާއި މޫނުގައި ވަނީ އިންތިހާއަށް ވޭން..! މާނައަކީ ބޭވަފާތެރި ލޯތްބަކުން ނާޒުކު ތިޔަހިތަށް ދީވައިފާ ވޭންތަކެއްގެ ނަތީޖާއޭތޯ؟ ކާކުތޯ މި ގައުމުގެ ޒުވާން އަންހެންކުދިންގެ ހިތްތަކުގެ ރަސްފާނަން މިވަރުގެ ރިހުމެއްދިނީ..؟ އީތަންގެ މިފަދަ ލަވަތައް ހާއްސަކޮށްފައިވަނީ އެ ފަރާތަކަށްތޯ؟" އަންހެން ރިޕޯޓަރ އޭނާގެ ޝައުގުވެރިކަން އީތަންއަށް ހުސްކޮށްލާފައި ސުވާލުތައް އަމުނާލި އެވެ. ޖަވާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްވުރެންވެސް ބޮޑަށް އޭނާގެ ހަށިގަނޑު އީތަންއަށް ދައްކާލަން މަސައްކަތްކުރި އެވެ.
އެއްމިޔަކަނުން ހިނިއައިސްފައި އީތަން އޭނާއަށް އެއް ލޯ މަރައިލި އެވެ.
މީހުން ބުނަނީ ތެދެކެވެ! ދުނިޔެ ދެމިއޮތްހައި ހިނދަކު ބަދަލު ނުވާނެ ބައެއް ކަންކަން މި ކާއިނާތުގައި ލެއްވި އެވެ. އެއިގެތެރެއިން އެއްކަމަކީ އަންހެން ކުދިންނަށް އީތަން ހާއްސަކޮށްފައިވާ 'ޝައުގުވެރިކަމެވެ!'
"ޔެސް! ހުރިހައި ލަވައެއްވެސް ހަދިޔާކޮށްފައިވާނީ ވަރަށް ހާއްސަ ފަރާތަކަށް.. އެކަމަކު އޭނާވީ ވަރަށް ދުރުގައި.. އަހަރެންނާއި ވަރަށް ވަރަށް ދުރުގައި.. އެކަމަކު މިހިތާއި އެންމެ ގާތުގައިވަނީވެސް އޭނާ! އެއީ އަހަރެންގެ ދިރިހުރުމުގެ އުއްމީދު! އޭނާވާނީ އަހަރެންގެ މިހިތުގައި އަބަދަށް ދާއިމަށް ރައްކާކޮށްފައި.. އަހަރެންގެ ކޮންމެ ހަރަކާތެއް، ކޮންމެ ލަވައެއް، ކޮންމެ މިއުޒިކެއް ހަމައެކަނި ހަދިޔާކޮށްފައި ވާނީ އޭނާއަށް..! މިއުޒިކާއި ލަވައެކަންޏެއް ނޫން.. އަހަރެންގެ ހިތް ވެސް ހަދިޔާކޮށްފައިވާނީ ހަމައެކަނި އޭނާއަށް..!" އީތަން ޖަވާބުދިނެވެ.
އީތަންގެ ހިނިތުންވުން އަހަރެން ދެނެގަތީމެވެ. އޭގައި އޮޅުވައިލުމެއް ނުވަތަ ދެއްކުންތެރިކަމެއް ނެތެވެ. އަންޔާ އީތަންގެ އަތުގައި ހިފައިލި އެވެ. އެ ހަރަކާތްވެސް އަހަރެން ދަންނަމެވެ. ފެންކަޅިވެފައިވާ އަންޔާގެ ދެ ލޯ ކެމެރާތަކަށް ސިއްރެއް ނުވި އެވެ.
އަހަރެންގެ ހިތް ފިތިއްޖެ އެވެ. މޭގައި ހިތް ތާށިވެއްޖެ އެވެ. ކުއްލި ހޫނަކުން ކޯތާފަތް ތެންމާލައިފި އެވެ. ދެލޮލުން ނަގަންފެށީ ދިލަ އެވެ.
ހިތް ބުނަމުންދިޔައީ އީތަން އެ ނިސްބަތްކުރަނީ އަހަންނަށެވެ. އެ ދައްކަނީ އަހަރެންގެ ވާހަކަ އެވެ. އެކަމަކު ސިކުނޑި އެކަމަށް އެއްބަހެއް ނުވި އެވެ. އެއްބަސްވާންޖެހޭ ސަބަބެއްވެސް ނެތެވެ.
އަހަރެންގެ ހިތާއި ސިކުނޑި އެއްބަސްވާނެ ދުވަހެއް ވުޖޫދަށް އަންނާނެބާ އެވެ. މި ހަށިގަނޑުގެ ކޮންމެ ހަރަކާތެއް އިހްސާސްކުރަނީ ނިކަމެތި ހިތެވެ. ވިސްނާފިކުރުކުރަނީ ސިކުނޑި އެވެ. ރުޅިއާއި ނަފްރަތާއި، ރިހުމާއި ވޭނާއި އުފަލާއި ހިތާމަ އަދި ބިރާއި ނުތަވަސްކަންފަދަ ކޮންމެ އިހްސާސެއް ދެނެގަންނަނީ ސިކުނޑި އެވެ. ހިތަކީ ބަލިކަށި އެއްޗެކެވެ. ރިހުމާއި ވޭން ނޫނީ ހިތުގައި ނުވެ އެވެ. ބޭނުނންވާ ކަންކަމާއި އެވަގުތެއްގައި އިހްސާސްކުރަންވީ ކޮންމެ ޖަޒްބާތެއް ބުނެދެނީވެސް ސިކުނޑި އެވެ. ސިކުނޑި ދޮގެއް ނުހަދާނެ އެވެ.
ކުރިމަތީގައި ހުރި ސްކްރީނުން ފެންނާން އިނީ ދޮގުވެރިއެކެވެ.
އެއީ ދޮގުވެރިއެކެވެ. މަކަރުވެރި ހީލަތްތެރިއެކެވެ. އޭނާ ތެދެއް ނުހަދާނެ އެވެ.
އަހަރެންގެ ބޮލަށް ބަރުވެ ނިއްކުރިއަށް ވާންވެއްޖެ އެވެ. އަތުގައި ހުރި ބާރެއްލާފައި ޓީވީއާއި ދިމާއަށް ރިމޯޓް ހޫރާލީމެވެ. ރެކްގައި ބަހަށްޓާފައިހުރި ފަންސާސްފަސް އިންޗީގެ ޓީވީ ފުނޑުފުނޑުވެގެން ބިންމައްޗަށް ފައިބާން ހިނދުކޮޅެއްވެސް ނުނެގި އެވެ. އެއީ އަހަރެންގެ މި ހިތް ފުނޑުފުނޑުވެ ކުދިކުދިވެގެން ދިޔަ ފަދައިންނެވެ. ދުވަހަކުވެސް ފަސޭހަވުމެއް ނެތް ޒަހަމަކުން މިހިތް ފުނޑުފުނޑުކޮށްލީ އަނިޔާވެރި، ރަހުމުކުޑަ އީތަން މުހައްމަދު މަނިކެވެ. ދުވަހަކުވެސް އޭނާއަށް މައާފު ހައްގެއް ނުނެވެ!
އޭނާގެ އަނދިރި ހަޔާތް އަހަރެން އުޖާލާކޮށްދިނީމެވެ. އެތައް ޒަހަމަކުން ފާރުވެފައިވާ އޭނާގެ ހިތަށް އަހަރެން ފަރުވާކުރީމެވެ. އަހަރެންގެ ލޯތްބާއި އޯގާތެރިކަމުން އޭނާގެ ދުނިޔެ އާރަސްތުކޮށްދިނީމެވެ. ހަމަ އެލޯބިން އޭނާ އަހަރެން ބަރުބާދުކޮށް ވީރާނާކޮށްލީ ފުންޒަހަމް ތަކަކުންނެވެ.
'އޭނާއާއި ދުރަށް ދާން އަހަރެން މަސައްކަތްކުރި ވަރަކަށް، ކޮންމެވެސް ގޮތަކުން އޭނާ ގާތްވެ އެވެ'
"ދުރަށް ދާން މަސައްކަތްކުރާ ވަރަކަށް، އެއަށް ވުރެން އެތައް ގުނައެއް އަހަރެންނާއި ގާތަށް ގެންނާނެކަން ރިދީ ހަނދާންކުރާތި!' އޭނާގެ އަޑު އަހަރެންގެ ކަންފަތުގެ ހިނދުރީގައި ގުގުމާލި އެވެ.
ބައެއް ފަހަރު އޭނާގެ އިނޓަވިއުތަކެވެ. ބައެއްފަހަރު އަހަރުމެންގެ ކުރީގެ ފޮޓޯތަކެވެ. އެވަރުން ނުވެގެން، ރެއާއި ދުވާލުގެ ފިކުރުތަކުގަ އެވެ. އަދި ރޭގަނޑުގެ ކަޅު އަނދިރިކަމުގައި އަހަރެންގެ ބިރުވެރި ހުވަފެންތަކުގެ ގޮތުގަ އެވެ.
އީތަން މުހައްމަދު މަނިކެވެ. އަހަރެން ތިބާއަށް އިންތިހާއަށް ނަފްރަތް ކުރަމެވެ.
އަހަރެން ތިބާދެކެ ލޯބިވީ މިންވަރުގެ އެތައް ގުނައެއް ބޮޑުކޮށް ނަފްރަތުކުރަމެވެ.
ހަގީފަތަކީ، އަހަރެންގެ ހިތުގެ އެންމެ އަޑިން މި ޖުމުލަ ތަކުރާރުވާ ކޮންމެ ފަހަރަކު، އެ ހިތް ސިކުނޑިއަށް ވިސްނައިދިނުމަށް މަސައްކަތްކުރެ އެވެ. ނޫނެކެވެ. މިހިތް ދުވަހަކުވެސް ތިބާއަށް ނަފުރަތެއް ނުކުރަމެވެ. އެއީ މިހިތަށް ލިބިގެންވާ ބާރެއް ނޫނެވެ. އަހަރެންގެ އަމިއްލަ ނަފުސަށް ލައުނަތްދެމެވެ. ތިބާއަށް ނަފުރަތު ކުރުމުގެ އިހްތިޔާރާއި ބާރެއްވެސް މިހިތުގައި ނެތެވެ.
ހިތް މި އިހްސާސްކޮށްދޭ ގާތްކަމަށް އަހަރެން ނަފްރަތް ކުރަމެވެ. ބޭނުމީ ނުހަނު ދުރުގައި ވުމެވެ. އިއްތިފާގަކކުންވެސް ދެމީހުންގެ ރާސްތާ ބައްދަލުނުވުމެވެ.
...........................
-މާޒީ-
ވަށައިގެންވީ އެއްވެސް ތަނެއް ނުފެނެ އެވެ. ރިހުމާއި ވޭނާއި ކަޅުއަނދިރިކަން ފިޔަވަ އެވެ. ބޮލުގެ ރިހުމަށް ކެތްކުރެވޭވަރެއް ނޫނެވެ. ދެފައިގައި އަޅަމުންދިޔަ ވޭން ބަޔާންކުރާކަށް ނޭގުނެވެ.
އެތައް އިރެއްގެ މަސައްކަތުން އަހަރެންގެ ބަރު އެސްފިޔަތައް ތަޅުވާލީމެވެ. ނުހަނު އުނދަގުލުން ލޯ ހުޅުވާލީމެވެ. ފުސްކަމުގެ ތެރެއިން ފެނުނު މަންޒަރު ދެނެގާންނާން ބޭނުންވި އެވެ. ހިލިހިލާ ޖަހާފައިވާ އެސްފިޔަތަކެއް ތަޅުވާލަން މަސައްކަތްކުރާ ފަދައއިން އަހަރެންގެ ދެ ލޯ ހުޅުވަން ތަކުރާރުކޮށް ހިތްވަރުކުރީމެވެ. ހުޅުވުނު ލޮލުގެ ފުސްކަމުގެތެރެއިން ހުދު ސީލިންގ ފާޅުވާން ފެށި އެވެ. މަޑުމަޑުން ސިކުނޑީގެ މަސައްކަތްފަށައިފި އެވެ. ތަރުތީބުން ކޮޓަރީގައި އަތުރާފައިވާ ތަކެތި ފާހަގަވާން ފަށައިފި އެވެ.
ޔަގީނެވެ. މިއީ ހޮސްޕިޓަލުގެ ކޮޓަރިއެއް ނޫނެވެ. މިއީ އަހަރެންގެ ކޮޓަރިއެއްވެސް ނޫނެވެ.
"ގުޑް މޯނިންގ ރިދީ" އުފާވެރި އަޑަކުން ތަހްނިޔާ ކިޔާލި އެވެ.
ގައިގައި ހުރި ހުރިހާ ހަކަތައެއް ބޭނުންކޮށްގެން އެ އަޑުއައި ދިމާއަށް ބަލައިލީމެވެ. ކޮޓަރިއަށް ވަދެގެން އައީ އީތަން ސަރ އެވެ.
ސުބުހާނަﷲ އެވެ. މިއީ އޭނާގެ ގެ އެވެ. އޭނާގެ ކޮޓަރި އެވެ. މި އޮވެވުނީ އޭނާގެ އެނދުގަ އެވެ.
މަޑުމަޑުން އަތް އުފުލާލާފައި ބޮލުގައި ފިރުމާލީމެވެ. އެކަމަކު އަތްޖެހުނީ ނިއްކުރީގައި އޮޅާފައިވާ ބެންޑޭޖްގަ އެވެ. އަހަރެންގެ ވައަތު ފައިގައި އޮތީ ޕްލާސްޓަރ އަޅާފަ އެވެ.
އީތަން ސަރގެ އަތުގައި ހުރި ތަބަށް، ސައިޑް ޓޭބަލްމަތީގައި ބަހައްޓާފައި އަހަރެން ތެދުވާން އެހީވި އެވެ. ފުރަގަހަށް ބާލީހެއް ލައްވާފާއި ހެޑްބޯޑުގައި ލެނގިލާން ހުރިހައި އެހީއެއްވި އެވެ.
ވާނުވާ ނޭގިފައި އިނދެވުނެވެ. ދުލުން އާހެއްވެސް ބޭރެއް ނުވި އެވެ. ބޮލާއި ނިއްކުރީގައި ރިއްސަނީ އިންތިހާއަށެވެ. ފައިގެ ރިހުމުގެ ވާހަކަ ދެއްކުމެއް ނެތެވެ. އަހަރެންގެ އަމިއްލަ ހާލަތު އަހަންނަށްވެސް ނޭގެ އެވެ. އެކަށްޗެއްވެސް ނުވިސްނުނެވެ.
ގަދަ ރިހުމާއެކު އީތަން ސަރއަށް އަހަރެން ބަލައިލީމެވެ. ބޮލުގެ އިސްތަށިގަނޑު ހުރީ ހޭވިފަ އެވެ. އާންމުކޮށް ޖެލްއަޕް ކޮށްލާފައި ހުންނަ އިސްތަށިގަނޑު މިގޮތަށް ދުށުމަށް އަހަރެންގެ ލޯ ފަރިތައެއް ނޫނެވެ. އީތަން ސަރ ލައިގެން ހުރީ ޕާޓީއަށް ދިޔަ ސޫޓެވެ. ކޯޓް ބާލާފައި ހުއްޓަސް އެއީ އެފަޓްލޫނެވެ. އެ ގަމީހެވެ. ގަމީސް ދަށަށްޖަހާފައި ހުރީ ނަމެއްގަ އެވެ. ދެބައިކުޅަ އެއްބައި އޮތީ ބޭރުގަ އެވެ. ސަރގެ ދެ ލޯ ވަނީ ރަތްވެފަ އެވެ. ނިދިމަދުވެފައިވާކަން މީހަކު އަހަރެން ގާތު ބުނާކަށް ނުޖެހެ އެވެ. އެންމެ ހައިރާންވީ ސަރގެ ދެ ލޯ ދުޅަވެފައިވާތީ އެވެ.
(ނުނިމޭ)