އަންނަ ރޯދަމަހު ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ހިލޭ ދޭން ނިންމާ އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މި ސަރުކާރަށް އެއް އަހަރު ފުރުމުގެ މުސާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިފްކޯއިން ބުނީ ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވަނީ 48 ދަޅުގެ މަސްކޭހެއްކަމަށެވެ. މި އަދަދަށް ދޫކުރުމަށް މިހާރު މަސްކޭސް އުފައްދަމުން އަންނަވަރަށް ވުރެ އިތުރަށް ލައްކައެއްހާ މަސްދަޅު ކޭސް އުފައްދަން ޖެހޭނަކަމަށް މިފްކޯއިން ބުނެއެވެ. އެހެންކަމުން މިކަމަށް ތައްޔާރުވަމުން އަންނަކަމަށް އެކުންފުނިން ބުނެއެވެ. ކޮންމެ ގެބިސީއަކަށް 48 ދަޅުގެ މަސްކޭހެއް ހިލޭ ދިނުމަށް 46 މިލިއަން ރުފިޔާ ހޭދަވާނެއެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ދިން ފުރަތަމަ ޑިސްކައުންޓެއްގެ ގޮތުން މިދިޔަ ރޯދަމަހު ސަރުކާރުން ކަރަންޓް ބިލުން ޑިކްސްކައުންޓް ދީފައިކަމަށެވެ. އެގޮތުން ކަރަންޓް ބިލުން މިދިޔަ ރޯދަމަހު 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާކަަމަށެވެ. މީގެއިތުރުން މިދިޔަ ރޯދަމަހު 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑު ދޫކޮށްފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ރޯދަމަހުވެސް ފެނާ ކަރަންޓް ބިލުން ރައްޔިތުންނަށް ޑިސްކައުންޓް ދެެއްވާނެކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.