
ޅެންވެރީންގެ ދުވަހަށް ހާއްސަ މި ދެ ފޮތަކީ މި އަހަރުގެ ޅެންވެރީންގެ ދުވަސް ހާއްސަ ކުރައްވާފައިވާ އަބްދުﷲ ސާދިޤުގެ ( ސޯދުބެ) "ޞާދިޤުގެ ޅެންބަހުރުވަ-3" އަދި އަލްމަރްޙޫމް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ "އަމީންގެ ޅެންތައް" މި ދެ ފޮތެވެ.
"ޞާދިޤުގެ ޅެންބަހުރުވަ-3" މި ފޮތަކީ ސާދިޤުގެ އާއިލާއިން އެއްކުރައްވައި، ޓައިޕްކޮށް ދިވެހިބަހުގެ އެކެޑަމީން ނެރުމަށް ހަދިޔާކުރެއްވި ފޮތެއްކަމަށާއި މި ފޮތުގައި އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން ޅެމާއި ލަވައާއި ބަނދީގެ ރީތި ސިފަކުރުންތައް ހުންނާނެ ކަމަށް އެކެޑަމީން ބުނެއެވެ.
އަދި ލޯތްބާއި ނަސޭހަތާއި، ކުލުނާއި، ދިވެހި ވެށްޓާއި، ކުޑަކުދީންނާއި ޒުވާނުންނަށް ހާއްސަ އެތައް މެސެޖުތަކެއް ގެނެސްދީފައިވާ ކަމަށް އެ އެކަޑަމީން ވަނީ ބުނެފައެވެ.
މީގެ އިތުރުން " އަމީންގެ ޅެންތައް" މި ފޮތަކީ ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ހައްދަވައި، "ސަރުކާރުގެ ޚަބަރު"ގައްޔާއި އަންޖަމަން އަމީންގެ އިދާރާއިން 1958ގައި ނެރުއްވިއެވެ.
"ޅެންވެރިކަމުގެ ބަގީޗާގައި..އޯކިޑް"ގައި ހުރި ޅެމާއި "ޅެންވެރީންގެ ގުލްޒާރުގެ ނޫރާނީ މާ"ގައި ޝާއިޢުކުރައްވާފައިވާ ޅެންތައް ހިމެނޭ ފޮތެއްކަން ވެސް ވަނީ ބުނެފައެވެ.
އެ ކަޑަމީން ބުނީ މި ފޮތުގައި ހުއްބުލްވަޠަންގެ ލޯތްބާއި، މަތިވެރިކަމާއި، އިޝްގީ ލޯބީގެ އަސަރާ ހުވަފެނުގެ އަސަރު ހިތްތަކުގެ އެންމެ ފުނަށް ދާނެ އެތައް ޅެމެއްވާކަމަށެވެ.
ދިވެހިރާއްޖޭގައި މިއަހަރު ފާހަގަ ކުރެވިގެން ދިޔަ 37 ވަނަ ޅެންވެރީންގެ ދުވަހުގެ ޝިއާރަކީ "އަހަންނަކީ ދިވެއްސަކީން. ދިވެހި އުޅުމުގެ ވެއްސަކީން''އެވެ.
އަމީނުގެ ޅެން ފޮތް
މި ދެ ފޮތުގެ އަގުތައް.
- ޞާދިޤުގެ ޅެންބަހުރުވަ 3 / 75 ރުފިޔާ އާންމު އަގު / ހޯލްސޭލް އަގު 60 ރުފިޔާ.
- އަމީންގެ ޅެންތައް / 70 ރުފިޔާ އާންމު އަގު / ހޯލް ސޭލް އަގު 60 ރުފިޔާ.
މި ދެ ފޮތް ވެސް ލިބެން ހުންނާނީ ދިވެހިބަހުގެ އެކަޑަމީގެ ބުކްޝޮޕުގައެވެ. ބުކްޝޮޕް ހުޅުވިފައި ހުންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 ފެށިގެން މެންދުރުފަހު 13:30 އަށެވެ.
މިއަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްސަކުރައްވާފައި ވަނީ ޢަބްދުﷲ ސާދިގު (ސޯދުބެ)އަށެވެ.