ads
ސިއްރު - 22 ވަނަ ބައި
އެޕިސޯޑް 22
Advertisement

ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ

"ތިބުނަނީ އީތަންއަށް ވަރަށް އާންމުކަމެއްގެ ވާހަކަ ނޫންތަ؟ ފެންނަ ކޮންމެ އަންހެންކުއްޖަކު، ނޫނީ އަތުޖެހޭ ކޮންމެ އަންހެންކުއްޖަކު ގެނެސް، ކިސްކޮށް، ހިތުހުރިކަމެއްކުރުމަކީ އީތަންކަހަލަ މަޝްހޫރު މީހުންނަށް ވަރަށް އާންމުކަންކަން..! ދޮގެއްތަ މމިބުނީ؟" މަލާމާތާއި ދިމާކުރުމުގެ ރާގުގެތެރެއިން ހިތްހަމަނުޖެހުމާއި ނުރުހުމުގެ އަސަރު އަހަރެންގެ އަޑުގައި ފާހަގަވިޔަނުދިނުމަށް މަސައްކަތްކުރީމެވެ. 

"ވެދާނެ...! ތިޔަބުނަނީ ފަހަރެއްގައި ތެދަކަށްވެސް ވެދާނެ..! ބަޓް ޔޫ އަރ ނޮޓް ވަން އޮފް ދެމް..!!" ހިތުގައި އޮތް އެއްޗެއް އަހަންނަށް ތަފްސީލްކޮށްދިނުމަށް އަނެއްކާވެސް އީތަން އިސްނެގި އެވެ. 

ތަފްސީލެއް އަހަރެން ބޭނުމެއް ނޫނެވެ. އިތުރަށް ބުނެދިނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެކަމަކު މިއީ ފަހަތަށް ޖެހޭކަހަލަ ވަގުތެއް ނޫނެވެ. ކުރިމަތިލާން ބޭނުންވީ ހަގީގަތް އަހަންނަށް މުހިއްމުވާތީ އެވެ. 

"ރިއަލީ..؟!" ގަސްތުގައި މަލާމާތަށް އަހަރެން ސުވާލުކުރީމެވެ.

"ރިދީ..!" އަހަރެންގެ ނަން އީތަންގެ އަޑުން މިއަދު މާ ހިތްގައިމެއް ނޫނެވެ.

އެ އަޑުން އަހަރެންގެ ނަން ކިޔުއްވަން އަހަރެންގެ ކަންފަތް ދެން ފަރިތަވެދާނެކަމާއިމެދުވެސް ޝައްކެވެ. 

"ކަމް އޯން އީތަން..! އަހަރުމެން އެންމެންނަށްވެސް އެނގޭ އެހުންނަނީ އީތަންއަށް އެއްވެސް މާނައެއް ހުރިކަންކަމެއް ނޫން.. އީތަންގެ ލިސްޓަށް އިތުރުކުރާ އެހެން ކުދިންނެކޭ އެއްގޮތަށް، އަހަންނަކީވެސް އީތަންއަށްޓަކައި 'ޖަސްޓް އެނަދަރ ގަރލް'އެއް..!! ބޭނުންވީމަ ގާތްކޮށްފައި، ބޭނުން ފުދި ނިމުމާއެކު ފޫހިވީމަ ހޫރާލަނީ..!! އަނެއްކާވެސް ދެކެން ބޭނުންވީމާ ހެވިލާފައި ގާތްކުރަނީ...! ނިދިނައީމަ އަތުތެރޭގައި ބޮނޑިކޮށްލާ ބާ ބެޑްޝީޓެއްފަދަ އަންހެންކުއްޖެއް...." އެތައް ޝަކުވާއެއް އަހަރެންގެ ސިކުނޑީގައި ދައުރުވި އެވެ.

ބައިވަރު އެއްޗެހި ކިޔަން އަހަރެންގެ ދޫ ތައްޔާރެވެ. ހިތާއި ސިކުނޑީގައި ހުރި ހުރިހައި ޝަކުވާއެއް ބޭރުކޮށްލަން އަހަރެން ބޭނުންވި ވަގުތެކެވެ. އެކަމަކު އިޝާރާތެއްވެސް ނެތި، ކުއްލި ހަރަކާތަކުން އަހަރެން ހިމޭންކޮށްލައިފި އެވެ.

އާއެކެވެ!

އަހަރެން ހިމޭންކޮށްލައިފި އެވެ.

އަހަރެންގެ ދެ ލޯ ބޮޑުވެ، ދެއަތް ގަނޑުވެއްޖެ އެވެ. މޭފަޅާފައި ހިތް ނިކުމެދާނެހެން ހީވަނީ އެވެ. އަހަރެންގެ ހަޔާތުގައި މިއީ ދެވަނަ ފަހަރެވެ. ތުނިތުނި އެ ތުންފަތުގެ ހޫނު ޖަޒްބާތުން އަހަރެންގެ އިހްސާސްތައް މޮޔަކޮށްލައިފި އެވެ. އަމިއްލަ ނަފުސަށށް ބާރެއް ފޯރުވޭނީ އަހަރެންގެ ލޭނާރުތަކުގެ ކޮންޓްރޯލް މި ޖިސްމުގައި ހުރިނަމަ އެވެ. 

އަހަރެން ހައްޔަރުކޮށްލާފައިވަނީ އޭނާގެ އުނގުތެރޭގަ އެވެ. ކޮންމެ ހިނދުކޮޅަކީ އިތުރު ފުންމިނަކަށް ދަތުރުކުރުވި ސިކުންތެކެވެ. 

އަތުގައި ހުރި ބާރެއްލަފައި އަހަރެންނާއި ދުރަށް އޭނާ ކޮށްޕާލަން ހިތައް އެރި އެވެ. ނަމަވެސް އެ އަރާރުން އެއްބައެއް ނުވި އެވެ. ދެއަތުގައި ހުރި ބާރެއްލާފައި ދެ ހަށިގަނޑު އެއް ހިޔަންޏެއް ފަދައިން ފިއްތާ ބާރުކުރި އެވެ. އޭނާއަށްޓަކައި ކޮންމެ ރެއެއްގެ އެތަށް ދަމެއްވަންދެން ކިތަންމެ އަންހެންކުއްޖަކު މި ހިދުމަތް ނުހަނު ފުރިހަމައަށް އަދާކޮށްދޭނެ އެވެ.

އެއިގެ ތެރެއިން ކުއްޖަކަށްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ނަމެއް ނެތް އެފަދަ ހުތުރު ގުޅުމެއްގައި ބަނދެވޭކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. ހަރުއަޑުން އިންކާރުކުރާން ބޭނުމެވެ. ނަމަވެސް ހިމޭންކޮށްފައިވާ އަހަރެންގެ އަނގައަކީ އަހަރެންގެ ކޮންޓްރޯލުން ބޭރުވެފައިވާ ގުނަވަނެކެވެ.

ދެމީހުން ދެމެދުގައިވަނީ 'ޖަސްޓް ފްރެންޑްސް' ނުވަތަ 'ވެރިޔަކާއި މުވައްޒަފެއްގެ'ގުޅުން ކަމަށްވާނަމަ، މިއަށްވުރެން ދަށު ދަރަޖައަކަށް އަހަރެންގެ ހަޔާތުގައި ދެން ނުވެއްޓޭނެ އެވެ. މެންދަމުގެ ފިނިކަމުގައި އަހަރެން މިކުރަނީ ކޮންފަދަ ހުތުރުކަމެއް ހެއްޔެވެ؟

ސިކުނޑި ކިތަންމެ އަރާރުމެއްވިޔަސް ހިތެއް އެއްބަހެއް ނުވި އެވެ. ގަދަހެދުމާއި ކުރަމުންދިޔަ އަމަލަށް އިންކާރުކުރުން އަހަރެން ހުއްޓާލީމެވެ. އެކަމުގައި ފައިދާއެއް ނެތުމުންނެވެ. ލޮލުންބޮލުން އަހަރެންގެ އަމަލާއި ނަފުސު ހިބަކުރީމެވެ. ނޭވާގގެކޮޅަށް ދިއުމުން އަހަރެންގެ ހިތް ހުއްޓިދާނެކަމަށް ބަލާފައި 'ސިކުންތެއް' ލިބެ އެވެ. ނަމަވެސް އަހަރެން ގައިދުކޮށްފައިވަނީ އެކަމުން ވަރުބަލިވާ އިންސާނެއްވެސް ނޫނެވެ. 

އިތުރު ގޮތެއް ނެތުމުން ދެހިތުގެ ވިންދު އެއް މިސްރާބަށް ދީލާލީމެވެ. އަހަރެންގެ ރުޅިމަޑުވެ، މާހައުލުގެ ކޮންޓްރޯލް އޭނާއަށް ލިބިއްޖެކަން އެނގުމުން އަހަރެންގެ މޫނާއި އޭނާގެ މޫނު އިންޗިއެއްހައިތަން ދުރަށް ޖައްސާލި އެވެ. ހިއްސުތަކާއި ނޭވާ ހަމަޔަކަށް އަޅުވަން އަހަންނަށް ވަގުތު ބޭނުންވި އެވެ. ވަރުބަލިކަމާއެކު ތުންފަތުގައި އަހަރެން ފިރުމާލީމެވެ. ދުޅަވެފައި ހުރުމުން ތޫނު ދިލައެއް އިހްސާސްވި ހިނދު ލޯ މަރައިލެވުނީ އިހްތިޔާރަކު ނޫނެވެ. ނަމަވެސް އަހަރެންގެ ލޮލާއި ނުވަތަ މޫނާއި އޭނާގެ ނަޒަރު ދުރަށް ޖައްސައިނުލާކަން ޔަގީނެވެ. ހިތްވަރުކޮށްފައި އެސްފިޔަތައް ދުރުކޮށްލީމެވެ.

ހަތަރުކަޅި ހަމަވުމުން ދުލުގެ އިބާރާތްތަކުގެ ބޭނުމެއް ނެތެވެ. އެތައް ވާހަކަތަކެއް އަހަރުމެންގެ ލޮލުން ދެނެގަތީމެވެ. 

"އައި......." އެއްޗެއް ބުނަން އަހަރެން އުޅުނީމެވެ.

ނަމަވެސް ލިބުނީ ހައިރާންކަމެވެ. އަހަރެންގެ ލަފްޒަށް ޝައުގުވެރިކަމެއް ނުދީ، އޭނާގެ ޖީބުގައި އޮތް އެއްޗެއް ނެގުމަށް މަސައްކަތްފެށި އެވެ. 

އަހަރެންގެ ލޮލަށް ބަލައިލުމަށްފަހު އިރުކޮޅަކު މަޑުކޮށްލާފައި ޖީބުން ނެގީ ރަތްކުލައިގެ މަހްމާ ކުޑަކުޑަ ފޮއްޓެކެވެ. އިހްތިޔާރަކާއި ނުލައި ދެލޯ ބޮޑުކޮށްލެވުނެވެ. ހަދަންއުޅެނީ ކޯއްޗެއްކަމެއް ވާން އުޅެނީ ކޮންފަދަކަމެއްކަން ވިސްނާކަށް ނޭގުނެވެ. ދެލޮލުގެ ކަޅި ނިކުންނަވަރަށް ލޯ ބޮޑުކުރެވިއްޖެ އެވެ. 

ކުޑަކުޑަ ފޮށި ހުޅުވާލާފައި ދައްކާލި އެވެ. އޭގައި އޮތީ، ވިދާ ބަބުޅާ ކުޑަކުޑަ ތިން ޖަވާހިރު ހަރުކޮށްފައިވާ ޕްލެޓިނަމް ރިންގް އެކެވެ. އަނދިރީގައިވެސް އެ ތިން ޖަވާހިރުގެ ބެބުޅުން ފާހަގަވެ އެވެ. އަނގޮޓިއަށް ބަލައިލާފައި އީތަންގެ ލޮލަށް އަހަރެން ބަލައިލީމެވެ. ހަދަން އެއުޅޭ އެއްޗެއް ނުވިސްނޭތީ އެވެ. 

"އިޓްސް އަ ޕްރޮމިސް ރިންގް" އަހަރެންގެ ވާއަތުގެ 'ރިންގް ފިންގަރ'ގައި އަނގޮޓި އަޅުވާލަމުން އީތަން ބުނެލި އެވެ.

އަހަރެންގެ ހުއްދައެއް ނުވަތަ އިޒްނައެއް އެހުމަކީ  ދުނިޔޭގައި ލެއްވި އެއްޗަކަށްވެސް ނުވި އެވެ. އީތަންގެ ހިތަށް އެރުމާއެކު އޭނާގެ ޕްރޮމިސް ރިންގް އޮތީ އަހަރެންގެ އިނގިލީގަ އެވެ. އެއްޗެއް ބުނާން ހަރަކާތްކޮށްލި ވަގުތު، އެކަން މަނާކުރުމުގެ ގޮތުން އަހަރެންގެ ތުންފަތުގައި އޭނާގެ އިނގިލި ހުރަސްކޮށްލި އެވެ. 

"ތާކުން ފެންނަހައި އަންހެން ކުއްޖެއްގައިގައި އަތް ނުލާނެމަށާއި އެފަދަ ކުދިންނާއިއެކު ގައިގޯޅި ގުޅުންތައް ނުބާއްވާނެކަމަށް، މިރޭގެ މި ވަގުތުން ފެށިގެން އަހަރެން ވައުދުވަން..! އަދި ހާއްސަކޮށް އެފަދަ އެއްވެސް ކުއްޖަކާއެކު ކިސް ނުކުރާނެކަމަށް އަހަރެން ވައުދުވަން..! އަދި މިރޭގެ ފަހުން އަހަރެން ކިސް ކުރާނީ ހަމައެކަނި އެ ކުއްޖަކާމެދު އަހަރެންގެ ހިތުގައި ހާއްސަ އިހްސާސްތަކެއް އުފެދި، މިދެމެދުގައި ގާތްކަމެއް އޮތްކަން އަހަންނަށް  ޔަގީންވުމުންކަމުގައި ވައުދުވަން..!" ވެވުނު މޮޅު ވައުދުގެ މައްޗަށް އޭނާ  ފަހުރުވެރިވެ، އުފާވެރި ހިނިތުންވުމެއް ހަދިޔާކުރި އެވެ. 

ބުނާނެ ކިތަންމެ އެއްޗެއް ދުލުގައި ދައުރުވި އެވެ. ސިކުނޑިއަށް ބަރުވެއްޖެ އެވެ. އެކަމަކު ބުނާނެ ގޮތެއް، ހާމަކުރާނެ މީޒާނެއް ދިމައެއްނުވި އެވެ. އޮޅުންފިލުވަން ބޭނުން ކިތަންމެ ސުވާލެއް އެބަހުއްޓެވެ. އެކަމަކު އެ ކުރި ވަރުގަދަ ވައުދުތަކާއި ގުޅުވައިގެން އަހަރެންގެ މި ސުވާލުތައް ފުނިޖައްސައިލުމަކީ މިވަގުތު ރަގަޅުކަމަކަށްވެސް ނުވެދާނެ އެވެ. 

އީތަންގެ ލޮލުން އަހަރެންގެ ނަޒަރު ދުރަށް ނުލަމެވެ. ހާމަނުކުރި ކިތަންމެ ލަފްޒެއް އަހަރެން ދެނެގަތީމެވެ. ލޮލުގެ ކޮންމެ އިޝާރާތެއް އަހަރެން ދެނެގަތީމެވެ. ބުނެދޭން ނޭގެ ރީތި ހިނިތުންވުމަކުން އޭނާގެ މޫނު އުފާވެރިވެއްޖެ އެވެ.

ޒާޔާއާއި ބެހޭގޮތުން ސުވާލުނުކޮށް ކެތްވަނީއެއް ނޫނެވެ. އެކަމަކު ކެތް ކުރީމެވެ. އުފާވެރި މޫޑް ބަދަލުކުރުމުގެ ބޭނުމެއް ނެތީތީ އެވެ. އީތަންއާއިމެދު އަހަރެންގެ ހިތުގައި އޮތް ޝައްކާއި، ޝަކުވާ ގޯންޏާއި ނުރުހުމާއި ބަރުކަން އެއްފަރާތްކުރީމެވެ. ރުޅިވެރިކަމުގެ ހުރިހައި އަސަރެއް އަހަރެންގެ ނަފުސުން މިވަގުތަށް ދުރުކުރީމެވެ.  

"ގޯސް އެއްވެސް ކަމެއް ނުކުރާނެކަމަށް އަހަރެން ވައުދުވަން.. ބޭނުންކޮށްފައި ހޫރުވައިލާ ނުވަތތަ އެއްލައިލާ އަންހެންކުއްޖެއް ފަދަ ނިކަމެތި އިހްސާސެއް ދުވަހަކުވެސް ރިދީއަށް ކުރެވިދާނެފަދަ އެއްވެސް އަމަލެއް މީގެފަހުން  އަހަރެން ނުކުރާނަން.. ދުވަހަކުވެސް، ދުވަހަކުވެސް ރިދީ ދެރަކޮށް ހިތުގައި ނުޖައްސާނަން.. ބާރުދަގަ އިހްސާސަކުން މި ހިތް ފަތަހަކޮށްފައިވާ ކުއްޖެއްކަމަށް އަހަންނަށް ގަބޫލުކުރެވޭފަދަ ކުއްޖަކާއެކު ނޫނީ އަހަރެން ދެން ދުވަހަކުވެސް ކިސްކޮށް، ގާތް ގުޅުމެއް ނުހިންގާނަން.."ސީދާ އަހަރެންގެ ލޮލާއި ނަޒަރު ސީދާކޮށްގެން އީތަން ވައުދުވި އެވެ. 

"ބަޓް ޔޫ ޖަސްޓް ކި*ޑް މީ..!" ތުންކޮޅު އޫކޮށްލާފައި އަހަރެން ބުނީމެވެ. އަހަރެންގެ ޖުމުލަ ނުނިމެނީސް އީތަނންގެ ލޯބި ހިނިތުންވުމަކުން އަހަރެންގެ ކަންފަތް އަމާންކޮށްލި އެވެ. 

"މޭބީ ބިކޯޒް އައި ހޭވް ފީލިންގްސް ފޯރ ޔޫ..!" 

ހަސްކީ އަޑަކުން އަހަރެންގެ ކަތްފަތް ބުޑުގައި ބުނެލީ ތުންފަތް، ކަންފަތު ފޫޅުދަނޑީގައި ބީއްސާލާފަ އެވެ. ބުނެލި ލޮބުވެތި ޖުމުލައާއެކު އަހަރެންގެ އެސްފިޔަތައް ލައްޕާލީމެވެ. ކަންފަތް ބުޑުން ފެށިގެން ކަރުދަށާއި ކަންދުރާއާއެކު ލޯބިކުރަމުންދިޔަ އިހްސާސްތައް އަހަރެންގެ ހިއްސުތައް ހަލަބޮލިކޮށްލި އެވެ. ހިތުގައި ޖަހަމުންދިޔަ ވިންދުގެ އަޑު އީތަންއަށް އިވޭނެ އެވެ. 

މާސިންގާ ޒުލެއްގައި ދިރިއުޅޭ ހުރިހައި ކޮކާތައް އެއްފަހަރާ ބަނޑުތެރޭގައި ފިޔަޖަހަން ފަށައިފި އެވެ. ފިސްވެ ފުނޑުފުނޑުވެފައި އޮތް ހިތުގައި އުއްމީދުގެ ވިންދެއް ޖަހައިލި އެވެ. 

އީތަންގެ އަތުތެރޭގައި ބޮނޑިވެލަމުން އޭނާގެ މޭގައި ބޯ އަޅައިލީމެވެ. ނޭގޭ ނުތަނަވަސްކަމެއް އަހަރެން ވަށައިގެން ދައުރުވާކަމުގެ އިހްސާސް ކުރެވުނެވެ. އެކަން ސިކުނޑީގައި ބާއްވާކަށް ބޭނުމެއް ނޫނެވެ. ވަގުތުގެ އުފާލިބިގަތުމަށް އަހަރެންގެ ދެ ލޯމަރައިލީމެވެ. އުނގުތެރޭގައި ކުރިއަށްވުރެންވެސް ބޮޑަށް އަހަރެން ބޮނޑިކޮށްލައި ދެ ހަށިގަނޑުގެ ދުރުކަން އީތަން ގާތްކޮށްލި އެވެ. 

އަހަރެންގެ އިހްސާސްތަކަކީ ޖާދޫގަރެއްގެ މޮޅު ހުނަރެއް ނޫނެވެ. ނަމަވެސް މިވަގުތުގެ އިހްސާސްތަކަށް ބާރެއް ފޯރުވުމުގެ އިހްތިޔާރެއް އަހަރެންގެ ނަފުސުގައި ނެތެވެ. ހިމޭން މެންދަމުގެ އަނދިރިކަމުގައި، ވެހުނު ގަދަ ބޯ ވިއްސާރައިގެ އަސަރުން ހިތްތަކަށް ލިބުނު ތާޒާކަން ފަތިހަށް ތޮޅިލާ މަޑުމަޑު ވައިރޯޅިއާއެކު ކާއިނާތުގައި އުފާވެރިކަން ފަތުރާލައިފި އެވެ. ވިންދު ޖަހާ ކޮންމެ ހިތެއްގައި އުއްމީދުގެ އަލިކަން ލެއްވި އެވެ. ގަދަ ވިއްސާރައާއެކު މުޅި ދުނިޔެ ދޮވެވިފައިވުމުން ނުސާފުކަން ފިލައިގޮސް، މުޅިދުނިޔެ އުޖާލާ ވެއްޖެ އެވެ. 

.......................

ހެނދުނުގެ ގަޑިން ނުވައެއް ޖެހުމާއެކު އީތަން ހިގައްޖެ އެވެ. އަހަރެން އެކަނިވީ އެވެ. އެކަމަކު ދުވަހުގެ ހަގީގަތާއި ކުރިމަތި ނުލައި ބޮނދާއޮވެވޭނެ އެއްގޮތެއްވެސް ނޯންނާނެ އެވެ. ރަސްމީ މަސައްކަތުގެ ވަގުތު ފެށިގެން ގަޑީގެ ކަށި ދަތުރުކުރަނީ އެވެ. އީތަންވެސް ފެންވަރައި ތާޒާވެލުމަށް ގެއަށް ދިޔައީ އެވެ. އަހަރެންވެސް އޮފީހުގެ މަސައްކަތަށް ރުޖޫއަ ވާންޖެހެ އެވެ. ރައްކާތެރި ދެއަތުގެ ތެރޭގައި ވަގުތު ހޭދަކުމަށް ކިތަންމެ ބޭނުންވިޔަސް، އީތަންގެ ވާޖިބުތަކަށް ހުރަސްއަޅާކަށް އަހަރެން ނެތީމެވެ. ދެމީހުން އެކުގައިވުމަށް އެދޭފަދައިން ރަސްމީ މަސައްކަތަށް ފެށުމަށް އޮފީހަށް ދިއުންވެސް އަހަރެން ނުހުއްޓުވާނަމެވެ. 

ފޯނު ހިފައިގެން އަހަރެން އިށީނީ ކޮޓަރީގެ ކުޑަދޮރުމަތީގަ އެވެ. ދުވަހުގެ ހަބަރުތައް ބަލައިލުމަށް ޓްވިޓަރ ހުޅުވާލީމެވެ. އަޑުއަހަން އަދި ބަލަން ބޭނުންނުވާ ކިތަންމެ ހަބަރެއް މިއަދުގެ ސުރުހީތަކުގެ ތެރޭގައިވެ އެވެ. ޝައުގުވެރިކަން ނުގެއްލުނަސް، އަހަރެންގެ ވިސްނުން އެކި މިސްރާބުތަރުކަށް ދަތުރުފެށި އެވެ. ސަމާލުކަން ހުއްޓުނީ ފެނުނު ޕޯސްޓެއްގެ ތާރީހަށެވެ. އަހަރެންގެ އުފަންދުވަސް ފާހަގަކުރިފަހުން މަހެއްހައި ދުވަސް ފާއިތުވެ ދިޔައީ އެވެ. އޮފީހުގައި އީތަންއާއެކު ވަގުތު ހޭދަކުރާން އަހަންނަށް ދެވޭނެ ދުވަހެއް ނޭގެ އެވެ. ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ހިނގާބިނގާވެ އުޅުމަށް އަދި މަހެއްހައި ދުވަސް ނަގާނެ އެވެ. 

މި މުއްދަތުގެ ތެރޭގައި އަހަރެން ކޯޓަށް ހާޒިރުވާން ޖެހޭނެ އެވެ. ބައްޕަގެ ވަސިއްޔަތުގެ ޝަރީއަތް ތާވަލްކޮށްފައިވަނީ މިއަންނަ ހަފްތާއަށެވެ. ކޯޓުތަކުގެ މަސައްކަތްތަކަށް ގެނެވުނު ބަދަލާއެކު ބޮޑެތި އަތޮޅުތަކުގެ އެކި ކޯޓުތަކަށް މާލޭގެ ކޯޓުތަކުގެ ދުވަސްވީ މައްސަލަތައްވެސް ބަހާލާފައިވެ އެވެ. އަހަރެންގެ ނަސީބުގައި ލިޔެވުނީ އައްޑޫ އެވެ. ސަބަބެއް ނޭގުނަސް ފޮރުވިފައިވާ ސިއްރެއް އޮންނާނެ އެވެ. އަހަރެން ދުވަހަކުވެސް އައްޑޫއަށް ނުދަމެވެ. އެކަމަކު އެ ބިމުގައި އެތައް ދުވަހެއް ހޭދަކުރާން ތަގުދީރުގައި ލިޔެވުނީ އެވެ. މުއްދަތެއް ނޭގޭގޮތަށް އަހަރެން މާލެއިން ބޭރަށް ދާންޖެހޭނަމަ، މި ވަޒީފާގައި ދެމި ނުހުރެވޭނެ އެވެ.

އިސްތިއުފާ ދިނުން ނޫން ގޮތެއް ނޯންނާނެ އެވެ. އިސްތިއުފާ ދިނުމުގެ މާނައަކީ އީތަންގެ ޕަރސަނަލް އެސިސްޓެންޓްގެ މަގާމުން އަހަރެން އިސްތިއުފާން ދޭން ޖެހޭނެކަމެވެ. މި ހަގީތަކާއި ކުރިމަތިލާން މަޖުބޫރުވީ އެވެ. 

ހިތުގައި އުފެދުނު ވޭނީ ރިހުމާއެކު މޭގައި ފިރުމާލީމެވެ. ލެޕްޓޮޕް ހިފައިގެން އިށީނެވެ. އިސްތިއުފާގެ ސިޓީ ލިޔުމުގެ މަސައްކަތް ފަށަން ލަސްވެއްޖެ އެވެ. މިކަމުގެ އެއްވެސް މައުލޫމާތެއް އީތަންއާއި ހިއްސާކުރުމަކީ ރަގަޅުކަމެއް ނޫންކަން އަހަރެންގެ ހަވަނަ ހިއްސު އިންޒާރުކުރި އެވެ. އެއަޑު އަހަންވީކަމެއް ނުވަތަ ކަން އޮތްގޮތް ބުނެދީފައި އީތަންއާއި ދުރަށްދާން، ފޮއްޓަށް އެއްޗެހިއަޅައި ބަންދުކުރާން ފަށަންވީކަމެއް ނުނިންމުމެވެ. ކޮންމެވެސް މީހެއްގެ މަޝްވަރާ އަހަރެން ބޭނުމެވެ. ހިތާމައަކީ ހިއްސާކުރާނެ މީހަކު ނެތުމެވެ.

ސިޓީ ލިޔެފައި އޮފީހަށް މެއިލް ކުރީމެވެ. އަހަރެންގެ އިސްތިއުފާ އީތަން މާނަކުރާނީ ކިހިނެއްބާ އެވެ. މިވަގުތުން ފެށިގެން އަހަންނާއި އީތަންއާއި އޮތް ގުޅުމުގެ ނަންވެސް ފޮހެވުނީ އެވެ. މިވަގުތުން ފެށިގެން އަހަރެންގެ އެނބުރިއައުމާ ހަމައަށް އަހަންނަކީ އިތަންގެ ޕަރސަނަލް އެސިސްޓެންޓެއް ނޫނެވެ. މިހާތަނަށް ދެމީހުން ދެމެދު އޮތް ހަމައެކަނި ނަމަކީ އެއީ އެވެ. ރޮކް5ގެ މަސައްކަތުންވެސް އަހަރެން އެކަހެރިވީ އެވެ. އެކަން ކުރަންވެސް ދެން ގެންނާނީ މުޅިން އެހެން މީހެކެވެ. ރޮކް5އާއި އަހަންނާއި އޮތް ގުޅުންވެސް ކެނޑުނީ އެވެ.

ހިޔާލަށް މި ގެނެވުނު ކަންކަމުގެ ސަބަބުން ހިތުގައި ރިހެންފެށި ޖަޒްބާތުތައް އެހެން މީހަކަށް އިހްސާސެއް ނުވާނެ އެވެ. އެތައް މަރަކުން ރެއާއި ދުވާލު އަހަރެން މަރުވާން ޖެހޭނެ ހެއްޔެވެ؟ 

އަހަރެންގެ މަސައްކަތްތަކާއި މަސްއޫލިއްޔަތުގެ ހުރިހައި ތަފްސީލެއް ސިޓީގައި ލިޔުނީމެވެ. ފެށުނީއްސުރެން މިވަގުތަށް އަހަރެންގެ ސިކުނޑި ތައްޔާރުކުރަމުން އައިކަމުގައިވިޔަސް، ވަގުތު ޖެހުނުއިރު މިއޮތީ ކޮންޓްރޯލް ގެއްލިފަ އެވެ. އީތަންއާއި އޮތް ހުރިހައި ގުޅުމެއް ކޮށާ ކުދިކޮށްފައި ވަޒީފާއަށް އިސްތިއުފާ ހުށަހަޅަން އަހަންނަށް މިއަދު ފަސޭހައެއް ނުވި އެވެ. 

ހިތްރުހޭވަރުވުމުން ސިޓީ ފުރިހަމަކުރެވުނީކަމަށް ނިންމާފައި މެއިލްކޮށްލީމެވެ. ގޭގެ ބެލް އަޅައިލީ އެވަގުތު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް