![](https://cnm.mv/media/images/FUNAMA.jpg)
ބަރު ހިތަކާއެކު، ހިފައިގެން އިން ލެޕްޓޮޕް އެނދުމަތީގައި ބައިންދާފައި، ދޮރުހުޅުވާލަން ދިޔައީމެވެ. ދޮރުން ބޭރުގައި ހުރީ ކާކު ނުވަތަ ކޮންބައެއްކަން ވިސްނާކަށް އަހަންނަށް މުހިއްމެއް ނޫނެވެ. ސިކުނޑީގައި ދައުރުވަމުންދިޔައީ އެންމެ ކަމެކެވެ. މިއަދުން ފެށިގެން އަހަންނަކީ އީތަންގެ ޕަރަސަނަލް އެސިސްޓެއްޓެއް ނޫންކަމެވެ. އަދި ރޮކް5ގެ މެނޭޖަރ އެއްވެސް ނޫންކަމެވެ. އެމީހުންނާއި އަހަންނާއި އޮތް ގުޅުން ދާއިމަށް ކެނޑުނީއެވެ.
އުއްމީދެއް ނެތި ހުޅުވާލި ދޮރުން އަހަރެން ގައިގައިޖެހިފައި ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ. އަހަރެންގެ ރައްޓެހިންތައް ފިކުރެއް ހިޔާލެއްނެތި ގޭތެރެއަށް ވަދެގެން އައީ އެމިހުންގެ މައްޗަށް އޮތް އަހަރެންގެ ހައްގުގެ ދިފާއުގައި ކަމަށްވެދާނެ އެވެ.
"ވަޓްސް އަޕް ރިދީ..؟" އަންޔާގެ ސުވާލާއެކު މަޖާވެލާފައި އޭނާ ފުންމައިގެން އެރީ އަހަރެންގެ އެނދަށެވެ.
ބާރަށް ހިނގާފައި ގޮސް، އަހަރެން ލެޕްޓޮޕް ލައްޕާލީމެވެ. އޭގެ ސްކްރީން އެވަގުތު އެއިން މީހަކަށް ފެނިއްޖެނަމަ ވާނެގޮތް އެނގޭތީ އެވެ.
"އަހަރެންގެ ޖާންގެ ހާލު ކިހިނެއް..؟" އަހަރެންނާއި ގާތްވެލާފައި ކާމިލް ސުވާލުކޮށްލި އެވެ.
ޖަވާބަކަށް އިންތިޒާރުނުކޮށް، އަހަރެންގެ ކޮނޑުގައި ދެފަރާތުން ހިފަހައްޓާލާފައި ނިއްކުރީގައި ބޮސްދިނެވެ. ކާމިލްގެ ހަރަކާތާއެކު ގައިސަރްގެ ލޯ އަނބުރަލިތަން އަހަރެން ދުށީމެވެ.
"އަހަރެންނާއިމެދު ދުވަހަކުވެސް ތިހައި ލޯތްބާއި އިހްތިރާމް ކާމިލްގެ ފަރާތުން ނުދެކެން..! ތިއީ ހަމައެކަނި ވަކި މީހަކަށް އޮންނަ ލޯތްބެއްތަ؟" ގައިސަރްގެ ސުވާލާއި ރާގުގައި ހުރި އަސަރެއް ތަރުޖަމާކުރާން އަހަންނަކަށް ނޭގުނެވެ.
"އެއީ ވަކި ހުދޫދެއްގެ ތެރެއިން ރިދީ ހާސިލްކޮށްފައިވާ ލޯތްބަކާއި އިހްތިރާމެއް..! އެހެންމީހަކަށް އެމިންވަރު ލިބޭނީ އެކަމަށްޓަކައި ރިދީ ކުރިމަސައްކަތް ކުރެވިގެން.. ރިދީފަދަ ދެވަނަ މީހަކު މި އުޑުދަށުގައި ވާނެކަމަކަށް އަހަރެން ގަބޫލެއް ނުކުރަން.. ސޯ..! ތި ސުވާލުގެ ޖަވާބަކީ މިކަމުގެ ކޮޕީރައިޓްސް އެހެންމީހަކަށްޓަކައި އަހަރެންގެ ފަރާތުން ލިބޭކަށް ނެތޭ..!" ޖެހިލުމެއްނެތި ކާމިލް ދިން ޖަވާބުން އަހަރެންގެ ހިތް ބިރުގަތެވެ. އެފަދަ ގަދަރެއް އެހެން އިންސާނެއްގެ ފަރާތުން އަހަންނަށް ދުވަހަކުވެސް ލިބިފައި ނެތީތީ އެވެ.
"ނަޔާރާ..! ރަޒީން ކޮބާ؟" އަހަރެން ސުވާލުކުރީމެވެ. ކުރިއަށްދިޔަ މައުލޫގައި ތަޅުއެޅުވުމަށެވެ.
"ފުލްމޫން، ރޮކް5ގެ މީޓިން..! އޭގެ ފަހުގައި ކުއަލިޓީ ޓައިމް..!" ކާމިލްގެ ކުރު ޖުމުލައާއެކު އަންޔޔާގެ ނިއްކުރިއަށް ރޫ އަރުވާލި އެވެ.
"ރޮކް5ގެ މީޓިންގ.. ރަށުން ބޭރުގައި..! އޭގެ އެއްވެސް މައުލޫމާތެއް ރިދީގެ ނެތް..!!؟؟ ރިދީއަކީ ރޮކް5ގެ މެނޭޖަރ ނޫންތަ؟" ހިތްހަމަނުޖެހިފައި އަންޔާ ބުނެލި އެވެ.
"އޮހހ! ތިކަމާ އަހަރެން ނުވެސް ވިސްނަން..!" ދެރަވާންކަމަށް މޫނުމަތީން ގޮތް ދައްކާލާފައި ކާމިލް ބުނެލި އެވެ.
"އޮހހހ... ކަންކަމާއިމެދު ކާމިލްވެސް ވިސްނަންތަ؟" މަލާމާތުގެ ރާގުގައި ގައިސަރް ބުނެލި އެވެ.
ނަމަވެސް ގައިސަރްގެ އެ ސުވާލަށް ކާމިލް އަޅާވެސް ނުލި އެވެ. މިވަގުތުގެ ހާލަތު ބަދަލުކުރެވޭނީ ހަމައެކަނި އަހަނަށްކަން ވިސްނުނެވެ. ދެއަތް ދާހިތްލަން ފެށުމުން، ދެއަތްދެއަތަށް ކާއްތާލާފައި އަތަށް ފުމެލީމެވެ. އަދި ފުންނޭވާއެއް ލާފައި، އުނަގަޑަނޑުގެ ދެފަރާތުން އަތްއަޅުވާލީމެވެ.
"ގައިޒް..! އޫމް..! އޫމް..! އަހަރެން..!" ދުލުގައި އޮތް ލަފުޒުތައް ހާމަކުރާން ސިކުނޑިއާއި ހިތް އަރާރުންވާން ފެށި އެވެ.
އެކަމަކު ހަގީގަތަށް އަހަރެން ވާސިލުވުމުންނޫނީ މިވަގުތުގެ އަމާންކަން ނުލިބޭނެކަން އަމިއްލަ ނަފުސު ގަބޫލުކުރި އެވެ. ހަމަޖެހިލީމެވެ. ދެ ލޯ މަރައިލާފައި އަނެއްކާވެސް މާނޭވާއެއް ލީމެވެ. އޭރު އެންމެންގެ ސަމާލުކަން އަހަންނަށް ހުއްޓިއްޖެ އެވެ.
"އަހަރެން އިސްތިއުފާ ދީފިން..! އީތަންގެ ޕަރސަނަލް އެސިސްޓެންޓްގެ މަގާމާއި ރޮކް5ގެ މެނޭޖަރކަމުންވެސް އަހަރެން އިސްތިއުފާ ދީފިން..!" މާހައުލުގައިވި ހިމޭންކަމަށް އަހަރެންގެ ބަރު ޖުމުލަ ދޫކޮށްލީމެވެ.
ހިމޭންކަމުގެތެރެއިން ބިރުވެރި ނަޒަރަކުން އެންމެން އެއްފަހަރާ އަހަންނާއި ދިމާއަށް ބަލައިލި އެވެ.
"ގައިޒް..!؟؟" ހިމޭންކަން ނައްތާލަންޖެހުނީވެސް އަހަންނަށެވެ.
"މިއަދަކީ އޭޕްރީލް މަހުގެ ފުރަތަމަ ދުވަސްތަ؟" ގަބޫލުނުކުރެވޭފަދަ ގޮތްތަކެއް މޫނުމަތީން ދައްކާލަމުން ކާމިލް ސުވާލުކުރި އެވެ. އޭނާގެ އަތުގައި އަޅާފައި އޮތް އެޕަލް ވޮޗްއަށް ބަލައިލި އެވެ.
"ނޫން! މިއީ ފެބްރުއަރީ..! " ބޯ ދެފަރާތަކަށް ހޫރާލަމުން ޖަވާބުދިނީ އަންޔާ އެވެ.
"އޭޕްރީލް ފޫލް ހައްދަން އެކަހަލަ ވިޔަނުދާ ވާހަކަ އާންމުކޮށް މީހުން ދައްކައި އުޅެނީ.. ދެން ރިދީ މިވަގުތު ކޮންކަހަލަ ސަމާސާއެއް ތިކުރަނީ؟" ޖުމުލައިގެ ފަހުބައި ކާމިލް ބުނީއެއް ނޫނެވެ. އަޑު ހަރުކޮށް ހަޅޭއްލަވައިގަތީ އެވެ.
"ގައިޒ..." އަހަރެންގެ ދުލުގައި ތަޅުއެޅު ފަދަ އެވެ.
ބުނަން އުޅުނު އެއްޗެއްވެސް ދިރުވާލެވުނެވެ. ދުވެފައި އައިސް އަހަރެންގެ ކޮޓަރިއަށްވަނީ އީތަން އެވެ. ރަސްމީގަޑީގައި އޮފީހުގައި ހުރެފައި އައިކަން ޔަގީންވީ، ލައިގެން ހުރި އަގުބޮޑު ގަމީހާއި ފަޓްލޫނުގެ ސަބަބުންނެވެ. ފޯނު އޮތީ ވާއަތުގައި އެވެ. ޓައި އޮތީ ކަނާތުގައި އެވެ. ބޮލުގެ އިސްތަށިގަނޑުވަނީ ތަރުތީބެއް ނެތި ހޭވިފަ އެވެ. ނުބަލަން ހުއްޓަސް، އެހެންދިމާއަކަށް އަހަރެންގެ ދެ ލޮލުގެ ކަޅި އަނބުރާލާނީ ކިހިނެއް ހެއްޔެވެ؟ ތަފްސީލަކަށް ބޭނުމެއް ނުވެ އެވެ. އީތަންގެ ދެލޯ ވަނީ ރަތްވެފަ އެވެ. ރުޅިއައިސް ރަތްވެފައިވާކަން ސިފަކޮށްދޭން އިތުރު އެންމެ ލަފްޒެއްވެސް މިވަގުތު ބޭނުމެއް ނުވި އެވެ.
"ރިދީ..!!!" ހަރުކަށިކަމާއެކު ތަދްކުނޑިވިކާފައި ގަދައަޑުން އީތަން އަޅޭއްލަވައިގަތެވެ.
"އޯހް... ކަލޭމެން އެންމެންވެސް އެބަތިބިން ދޯ.." ދެންތިބި މެންބަރުނާންނާއި ދިމާއަށް ބަލައިލާފައި އީތަން ބުނެލި އެވެ. މިފަހަރުގެ ޖުމުލައިގައިވަނީ މަލާމާތްކަމެއް ނުވަތަ ހައިރާންކަމެއް ފާހަގަކުރާން އަހަރެން ނުކުޅެދުނެވެ.
"ވައި ދަ ** ޔޫ ރިޒައިން..؟" ދެލޯ ވަށްކޮށްފައި އީތަން ހަޅޭއްލަވައިގަތީ އެންމެން ބިރުން ފިއްކަނަޑައިގެން ދާހާއި ބާރަށެވެ.
"ރިދީ ހިތްހަމަޖެހޭނެ މިންވަރަށް އަހަރެން ވާނީ މައާފަށް އެދިފައި..! ދިރިހުރި އިންސާނަކަށް ތި މިންވަރަށް ސަޒާދޭން ހެޔޮނުވާނެ..!" އެންމެ ގާތުގައި ހުރި ބީންބޭގް މައްޗަށް ވެއްޓިގެންފައި އީތަންގެ ބޮލުގައި ދެއަތުން ހިފެހެއްޓި އެވެ.
"ހައު ކޭން ޔޫ ރިޒައިން ރިދީ..؟" އަހަރެންގެ އިސްތިއުފާގެ ސަބަބެއް ގަބޫލުކުރާން ނުކުޅެދުނީތީވެ، އަންޔާ ސުވާލުކުރީ ހައިރާންވެފައި އެވެ.
"ހެޔޮނުވާނެ ތިމީހުން އެންމެން ހަމަޖެހިބަލަ..!!" މާހައުލު ބަދަލުކުރާން މަޖުބޫރުވުމުން އަހަރެން އެކަމަށް އިސްނެގީމެވެ.
އަހަރެންގެ މައުސޫމްކަމުން ކާމިލްއާއި އަންޔާގެ ހިތް ފަތަހަކުރެވޭތޯ ބަލަންޖެހޭތި އެވެ.
"ތަންކޮޅެއް ގިނަ ދުވަހަށް އަހަރެން އެބަޖެހޭ އައްޑޫއަށް ދާން...! ގާތްގަނޑަކަށް އަހަރެއްހައި ދުވަހު އަހަރެން އައްޑޫގައި ހުންނާން ޖެހިދާނެ..! މި މުއްދަތުގެ ތެރޭގައި އަހަރެން ކިހިނެއް އެވަރުގެ ޒިންމާދާރު، މުހިއްމު ދެ މަގާމުގައި ހުންނާނީ..؟ މިތަނުގައި އަހަރެން ނުހުރެ އެވަރުގެ ބުރަ ދެ މަސްއޫލިއްޔަތެއް ނުއުފުލޭނެ..!" ވިސްނައިދިނުމުގެ ގޮތުން އަހަރެން ބުނީމެވެ.
"އެކަމަކު...!" އިންކާރުކޮށް ސަބަބުތައް ހުށަހެޅުމަށް އަންޔާ މަސައްކަތްކުރި އެވެ.
އޭނާ ހުއްޓުވީ ކާމިލް އެވެ. އިތުރު އެއްޗެއް ނުބުނުމަށް ކާމިލް އަތް އުފުލާލުމުން އަހަރެންގެ ފިޔަވަޅު އެޅުނީ ފަހަތަށެވެ. ކާމިލްގެ ފިޔަވަޅު އަމާޒުކުރީ އީތަންއާއި ދިމާއަށެވެ. ގާތްމީހެއްގެ ޖަނާޒާގައި ބައިވެރިވެފައިވާ މީހެއް ފަދައިން އީތަން ހިމޭންވެފައިވަނީ ދުނިޔޭގެ ހުރިހައި ދޮރެއް އޭނާއަށް ބަންދުވެފައިވާ ފަދައިންނެވެ.
އީތަންގެ ކުރިމަތީގައި ހުއްޓި ނުހަނު ރަގަޅަށް އީތަންގެ މޫނަށް ކާމިލް ބަލައިލި އެވެ. ދުލުން ހަމަ އެންމެ ލަފްޒެއްވެސް ބުނެނުލަ އެވެ. އިރުކޮޅަކުން ދެން ތިބި މީހުންނަށްވެސް އިޝާރާތްކުރީ ކޮޓަރީން ބޭރަށް ނިކުތުމަށެވެ. އަހަންނަށް މާނަކުރެވުނީ، އަހަރެންނާއި އީތަންގެ މައްސަލަ ހައްލުކުރުމަށް އަހަރުމެން ދެމީހުން ބޭނުންވާ 'އަމިއްލަ ވަގުތު' ފަހިކޮށްދީފައި އެމިހުން ގޮވައިގެން ކާމިލް ބޭރަށް ނިކުތީކަމަށެވެ. އާއެކެވެ. މިވަގުތު އަހަންނަށް މުހިއްމެވެ. ވަރަށް ބޭނުންވި ވަގުތުކޮޅެކެވެ. މަޑުމަޑުން ހިނގާލާފައި ގޮސް އީތަންގެ ކުރިމަތީގައި އަހަރެން ހުއްޓުނީމެވެ.
"އީތަން..؟" އަހަރެންގެ ގޮވައިލުމަށް އީތަން އަޅައިވެސް ނުލި އެވެ. ބަލައިވެސްނުލި އެވެ. އަޑުއިވުނުކަމަށްވެސް ނުހެދި އެވެ.
ކުޑަކަކޫ ޖަހާފައި އީތަން ކުރިމަތީގައި އަހަރެން އިށީނީމެވެ. ދއަތުން އޭނާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލީމެވެ. އަހަރެންނާއި ނަޒަރު ސީދާކުރުމަށް މަޖުބޫރުކުރާފަދަ އިޝާރާތެކެވެ. ކޮންމެގޮތަކަށް މާނަ ނެގިޔަސް ހެޔޮކަމަށް އަހަރެން އިސްނެގީމެވެ.
"އަހަރެންވެސް ދޫކޮށްލާފައި ދަނީތަ..؟!" މަޑުމަޑުން އީތަން ސުވާލުކޮށްލި އެވެ. އަޑުބޭރުވުމުގެ ބަދަލުގައި ސުވާލު އައީ ވައިއަޑުންނެވެ.
ނިއްކުރީގައި ސުވާލުން ފުރިފައިވާ ރޫތައް އަރުވާލާފައިވެ އެވެ. ތުންފަތްވަނީ ހިކިފަ އެވެ. ތާޒާކަމުގެ އެއްވެސް މިންވަރެއް އެ ހިތްގައިމު މޫނުގައި މިއަދު ނެތެވެ.
"އައި ހޭވް ޓު ގޯ އީތަން..!" މަޑުމަޑުން އަހަރެން ބުނެލީމެވެ. އީތަންގެ ހިތަށް ދަތުރުކުރާނެފަދަ ލޮބުވެތި ބެލުމަކުން އޭނާގެ ރީތި ދެ ލޮލަށް އަހަރެން ބަލައިލީމެވެ.
"ބަޓް- ބަޓް ހައުވިލް އައި މެނޭޖް ވިތްއައުޓް ޔޫ..؟ އެންމެ ފައިލްއެއް އޮންނަ ތަންވެސް އަހަންނަކަށް ނޭގޭނެ ރިދީގެ އެހީއާއި ނުލައި..! ކިތަންމެ މުހިއްމު މީޓިންއެއް އޮތަސް، އެކަމުގެ ހަނދާނެއް އަހަރެން ނުހުންނާނެ..! އަހަރެންގެ ދުވަހުގެ ތާވަލާއ މަސައްކަތްތަކާއި އެހެނިހެން ކަންކަން ކޮންމެ ދުވަހަކު ކިޔައިދީ، އެކަންކަން ހަމަޖައްސާނީ ދެން ކާކު..؟ އަހަރެންގެ ރުޅިއާއި ނަފްރަތާއި ރެއާއި ދުވާލު އަހަރެން ތަކުރާރު ކުރާ ކުށްތައް ދެން ތަހަންމަލްކުރާނީ ކާކު..؟ އަހަރެންގެ ކުށުން ހެދޭ ގޯސްތަކަށް، އަހަރެންގެ މުވައްޒަފުންނާއި އެކުވެރިންނާއި އަހަރެންނާއި ގުޅުންހުރި ދާއިރާތަކުގެ މީހުންނަށް ދިމާވާ ކަންކަން ހަމަޔަކަށް އަޅުވައި އެކަންކަން ރަގަޅުކޮށްދޭން ދެން ހުރީ ކާކު..؟" އީތަންގެ ޝަކުވާއާއި އޭނާ ދައްކަމުންދިޔަ ވާހަކަ ގަބޫލުނުކުރެވިފައި މިފަހަރު ހުރެވުނީ އަހަންނަށެވެ.
އެ ފާހަގަކުރި ކަންކަން އީތަން ބަލައިގަންނަކަން ނުވަތަ ނޫންކަން މީގެކުރީން ދުވަހަކުވެސް އިހްސާސްވެފައެއް ނެތެވެ. ގަބުވެފައި ހުރެވުނީ ބުނާނެ އެއްޗެއް ނެތީތި އެވެ. އެކަމަކު މިއީ ދިފާއުގައި ތެދުވަންޖެހޭ ވަގުތެކެވެ. މިއަދު އަހަރެން ފަސްޖެހޭނީ ކިހިނެއް ހެއްޔެވެ؟
"އީތަން...! އަހަރެން ކުރަމުންދިޔައީ ޕަރސަނަލް އެސިސްޓެންޓެއްގެ މަސައްކަތް.. އަދި މެނޭޖަރެއްގެ މަސައްކަތް..! އެ މަގާމަށް އަންނަ ކޮންމެ މީހަކުވެސް އެމަސައްކަތްތައް ކުރާނީ އެމީހެއްގެ ޒިންމާއަދާކުރުމުގެ ގޮތުން..! އިސްތިއުފާ ދިނަސް، އަހަރެން ފުރުމާއިދެމެދު މިއޮތް ވަގުތުގައި އެ މަގާމަށް ގެންނަ ކުއްޖަކު ތަމްރީނު ކުރުމުގެ މަސްއޫލިއްޔަތު އަހަރެން އަދާކޮށްދޭނަން..!" ވިސްނައިދިނުމަށް އަހަރެން ބުނީމެވެ. ނަމަވެސް އީތަންގެ ބޯ ދެފަރާތަކަށް ހޫރުވާލާފައި އަހަރެންގެ ވާހަކައަށް އިންކާރުކުރި އެވެ.
"އެކުއްޖަކު ވާނީ އަހަރެންގެ 'ޕަރސަނަލް އެސިސްޓެންޓަކަށް'..! ރިދީ..! އެހެން އެއްވެސް މީހަކަށް ރިދީ ނެތުމުގެ ހުސްކަން ފޫ ބައްދައިނުދެވޭނެ..!" ސީދާ އަހަރެންގެ ލޮލަށް ބަލައިލާފައި އީތަން ބުނެލި އެވެ.
އީތަން ދޫކޮށްލާފައި ދިއުމަށް އަހަރެންގެ ހިތަށް ފަސޭހައެއް ނޫނެވެ. އެކަމަކު އައްޑޫއަށް ނުދިއުމަކީ އަހަރެންގެ މުސްތަގްބަލަށް އޮތް 'ޗޮއިސް'އެއް ނޫނެވެ. އެކަން ނުކޮށްވާކަށް ނެތެވެ. ދާން މަޖުބޫރެވެ!
"އަހަންނަކީ އީތަން މުހައްމަދު މަނިކުގެ ޕަރސަނަލް އެސިސްޓެންޓް! އީތަންގެ ގާތް އެކުވެރިޔާ..! އެ މަގާމަށް އަންނަ ކުއްޖެއްގެ މޮންސްޓަރ ބޮސް ތަހަންމަލްކުރާނެ ގޮތާއި، އެ ބޮސްގެ ހުރިހައިކަމެއް ކުރަންވީ ގޮތް އެކުއްޖަކަށް އަހަރެން ދަސްކޮށްދޭނަން.. އަހަރެން ފަދައިން މަސައްކަތްކުރާނެ އެހެން 'މުވައްޒަފެއް' އީތަންއަށް ތައްޔާރުކޮށްދޭނަން..!" އެއްމިޔަކަނުން ހިނިއައިސްފައި އަހަރެން ބުނެލީމެވެ. އަހަރެންގެ ޖުމުލައިން ނެގޭނެ މާނައެއް އީތަން ނަގަންވީ އެވެ. މައްސަލައެއް ނެތެވެ.
"ދެވަނަ އެހެން އެއްވެސް މީހަކަށް ރިދީގެ މަގާމު އަދާނުކުރެވޭނެ.." އީތަންގެ ނިންމުން ބުނެލި އެވެ.
އީތަންގެ ކޮންމެ ހަރަކާތެއް ކޮންމެ ލަފްޒަކާއި ކޮންމެ އިބާރާތެއް އަހަންނަށް ހައިރާންކަން ގެނުވި އެވެ. އީތަންއަކީ އޭނާގެ އިހްސާސްތައް ސިއްރުކުރުމުގައި މާހިރެކެވެ. އޭނާ ބޭނުންކަމެއް ބޭނުންގޮތަކަށް ބޭނުންވަގުތަކު ކުރަނީ އެވެ. އަހަންނާއި ހިއްސާކުރުމަކީ މިހައިތަނަށް އީތަންއަށް މުހިއްމުކަމަކަށް ވެފައެއް ނެތެވެ. އޭނާގެ ހަޔާތައް އަހަރެން ގާތްކުރަންވީމައި އެކަން ކުރަނީ އެވެ. ދޮގުހަދަންވީމައި، ޖެހިލުމެއްނެތި އެކަންވެސް ކުރަނީ އެވެ. އަހަރެންގެ ކުރިމައްޗަށް ޒާޔާ ގެންނާންވީމަ ގެނައީ އެވެ. އޭގެ މަގުސަދެއް ނުވަތަ އޭނާގެ ބޭނުމެއް އަހަންނަކަށް ނުވިސްނެ އެވެ. ހިތަށް އެރުމުން އަހަންނާއި ދިމާއަށް ހަޅޭއްލަވައި ރޮވެންދެން އެއްޗެހި ކިޔަ އެވެ.
ޖެހިގެން އަންނަ ސިކުންތުގައި އަހަރެން ދަމާފައި ގެންގޮސް އޭނާގެ އަތުގެ ތެރޭގައި ބޮނޑިކޮށްލަފާނެ އެވެ. ދުނިޔޭގެ ހުރިހައި ލޮލަކަށް އަހަރެން ފޮރުވައިގެން ގެންގުޅެވޭނެނަމަ އެކަންވެސް އީތަންކޮށްފާނެކަމުގެ އިހްސާސްކުރެވުނު ކިތަންމެ ހާދިސާއެއް ދިމާވެއްޖެ އެވެ. އީތަންއަށް ވެގެންވާނެނަމަ އެހެން އެއްވެސް ފިރިހެނަކު އަހަންނާއި ގާތްވިޔަވެސް ނުދޭނެ އެވެ. ދުނިޔޭގެ ހުރިހައި ނުރައްކަލަކުން އަހަރެން ސަލާމަތްކޮށްދޭނެކަން އިހްސާސްކުރެވުނު ވަގުތުތަކެއްވެސް މިދެމެދުގައި ފާއިތުވެފައިވެ އެވެ.
ހިތަށް އެރުމުން ލޯބިދޭ އެވެ. ހިތައް އެރުމުން ރޮއްވާލަ އެވެ. ބުނާނެ އެއްޗެއް ހަދާނެ ގޮތެއް ނުވިސްނުނެވެ. ކުރިމަތީގައި މިހުރި ދިގުބޮޑު ޖިރާފް އަހަރެން މޮޔަކޮށްލާންވެސް ފަސްނުޖެހޭނެކަން ކަށަވަރެވެ.
"އީތަން..! އިޓްސް ޖަސްޓް އަ އިޔަރ..!" ހިތުގައި ހިލަގަނޑެއް ބާއްވާފައި އަހަރެން ބުނެލީމެވެ.
"އިޓްސް އަ 'އިޔަރ' ރިދީ..!" އިނގިލީގެ އިޝާރާތުން ކޮމާކޯޅި ދައްކާލާފައި އީތަން ބުނެލީ ނުރުހުމާއެކު އެވެ.
-ނުނިމޭ-