
މި މަޝްރޫއުތަކަކީ ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ހިއްސާ އިތުރުކޮށް، އެމީހުން ބާރުވެރިކުރުވުމަށް ރޭވިފައިވާ މަޝްރޫއުތަކެކެވެ.
ދަނޑުވެރިކަމާބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވި ގޮތުގައި މިހާރަކަށް އައިސް ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ބައިވެރިވުން އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. އަދި މިއީ ވަރަށް އުފާވެރި ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ދަނޑުވެރިކަމަކީ ހަމައެކަނި އާމްދަނީ ހޯދުމުގެ ވަސީލަތެއް ނޫނެވެ. އެއީ ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެކެވެ. އަދި ޒުވާނުންގެ ހުނަރާއި އާ ހިޔާލުތަކާއެކު މި ދާއިރާ އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫއުތަކުގެ މައުލޫމާތު ހޯއްދެވުމަށް މިނިސްޓަރު ވަނީ ގދ. އަތޮޅުގެ ބައެއް ޒުވާން ދަނޑުވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި އެ އަތޮޅުގެ ބައެއް ރަށްރަށުގައި ދަނޑުވެރިކަން ކުރިއަށްދާ ގޮތް ބައްލަވާލައްވާ، ކައުންސިލްތަކާއެކު މަޝްވަރާތައްވެސް ކުރިއަށް ގެންދަވާފައިވެއެވެ.