
ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނެސް ފަނޑިޔާރުންގެ އަދަދު މަދު ކުރަން ހުށަހަޅައި ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ.
ބިލްގައިވާ ގޮތުން އެ ބިލް ހުށަހެޅުއްވީ އެ މެމްބަރުގެ އަމިއްލަ ބިލެއްގެ ގޮތުގަ އެވެ.
ސަރުކާރު ޕާޓީގެ މެންބަރަކު މި ބިލް ހުށަހެޅި އިރު، ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ފާސް ކުރި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން އަންނަނީ ބަލަމުންނެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅި މި ބިލް މިހާރުވަނީ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފަ އެވެ.
ފަނޑިޔާރުން މަދުކުރަން ޖެހޭ ގޮތަށް މަޖިލީހަށް ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ސައްތާރު ވިދާޅުވީ، ދިވެހިންގެ ފޮނި އުންމީދު އެންމެ ބޮޑަށް ހާސިލް ވާނީ ސުޕްރީމް ކޯޓު ކުރިއެކޭ އެގޮތަށް ބަދަލު ކޮށްގެން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
އެ ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
އެ ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު މި ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ބުނެ އަޑު ފެތުރެމުން ދަނިކޮށެވެ. އަދި މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ބެންޗަށް މި ބަދަލު މި ގެންނަނީ އެ ކޯޓުގެ އެއްވެސް ފަނޑިޔާރަކު ބަދަލުކުރަން ނޫޅޭކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މި ފަހުން ވިދާޅުވެފައި ވަނިކޮށެވެ.
- އިތުރަށް ކިޔާލަން: ސުޕްރީމް ކޯޓު ބެންޗު ބަދަލުކުރާކަށް ނޫޅެން: އުޝާމް
މިހާރު ތިއްބެވީ އޭރު އައްޔަންކުރި ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.