
ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 481,966 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާކަމަށް ވަނީ ރެކޯޑްކުރެވިފައެވެ.
މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 4.9 ޕަސަންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 459,373 ޓޫރިސްޓުންނެވެ. އެހެންކަމުން، މިއަހަރު 22,593 ޓޫރިސްޓުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ތެރެއިން 69 ޕަސަންޓު، ނުވަތަ 332,773 ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ 25.6 ޕަސަންޓު، ނުވަތަ 123,486 ޓޫރިސްޓުންނެވެ. އަދި ހޮޓާތަކުގައި 13,617 ޓޫރިސްޓުންނާއި، ސަފާރީ އުޅަނދުތަކުގައި 11,803 ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވެއެވެ.
ޓޫރިސްޓުން އެންމެ ގިނައިން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ޗައިނާ އެންމެ އިސްކޮށް ފާހަގަކުރެވެއެވެ. މިގޮތުން، ޗައިނާއިން 62,278 ޓޫރިސްޓުން، ރަޝިއާއިން 48,651 ޓޫރިސްޓުން އަދި އިނގިރޭސިވިލާތުން 48,364 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މީގެ އިތުރުން، އިޓަލީއިން 45,320 ޓޫރިސްޓުންނާއި، ޖަރުމަނުވިލާތުން 31,389 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖޭގައި މިވަގުތު ޓޫރިޒަމްގެ ދާއިރާގައި 174 ރިސޯޓާއި، 826 ގެސްޓްހައުސް، 157 ސަފާރީ އުޅަނދު އަދި 15 ހޮޓާ ހިދުމަތް ދެމުން ގެންދާކަން ފާހަގަކުރެވެއެވެ.