ads
ސިއްރު
ސިއްރު - 46 ވަނަ ބައި
އެޕިސޯޑް 46
Advertisement

އިއްޔެގެ އަދަދު

އިކާން އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ހުރިގޮތުން ހިންދިރުވާލެވުނެވެ.

"ޔެސް! އެކަމަކު ހަމަ، ޖެހިގެން އަންނަ ސިކުންތުގައި އީތަން ރިދީއަށް ނަފްރަތުވެސް ކުރޭ..! ނޫންތަ؟" މިފަހަރު އިކާން އެކުރީ މަލާމާތެވެ. އަހަރެން  މީގެން ނިންމަންވީ ކޮންގޮތެއް ބާ އެވެ؟

"އައި ޑިޑް!" ހަމަ އެންމެ ތެދަށް އަހަރެން ބުނެލާފައި ދެ ޖީބަށް އަތްޖަހައިލީމެވެ. ޔަގީން ނުވެފައި އިކާން ބަލައިލި އެވެ.

"އެއީ އަހަރެން ދޫކޮށްލާފައި ރިދީ ފިލީމައި..! އަހަރެންގެ އެންމެ ޅަ ދުވަހުގެ ހާދިސާތައްވެސް އިކާންއަށް އެނގޭނެ.. އަހަރެންގެ ގާތް އަދި އަހަރެން ލޯބިވާ، ނޫނީ އަހަންނަށް އެމީހަކު މުހިއްމު މީހެއްކަމުގައި ދެކިއްޖެ ކޮންމެ މީހަކު އަހަރެން ދޫކޮށްލައިވވަނީ ގޮސްފައި.. އަހަރެންގެ އެކުވެރިންގެ ތެރެއިން މަދު މީހަކާއި، ރޮކް5 ފިޔަވައި އަހަރެންގެ ހަޔާތުގައި، މާގިނަ ބަޔަކު އަހަންނާއިއެކު ނުވޭ..! ރިދީއާއި ބައްދަލުވީއްސުރެން އަހަރެން އައީ އާދޭސްކުރަމުން، ތަކުރާރުކޮށް އާދޭސްކުރިން، ދުވަހަކުވެސް އަހަރެން ދޫކޮށްލާފައި ނުދިއުމަށްއެދި.. އަހަރެން ކިތަންމެ ބޮޑު ކުށެށް ކުރިޔަސް، ކިތަންމެ ބޮޑު ގޯހެއް ހެދިޔަސް އަހަންނާއި، ސުވާލުކޮށް އެކަމަކާއި ކުރިމަތިލުމަށް އަހަރެންވާނީ ބުނެފައި.. ކިތަންމެ ރުޅިގަދަވެފައި ހުއްޓަސް އަހަރެންނާއި ކުރިމަތިލާން ރިދީއަށް ކެރޭނެ..! އަހަރެންނާއި ތަޅާފޮޅައި ޒުވާބުކޮށް، ޕަންޗްކޮށް، ބޮލުގެ އިސްތަށިގަނޑަށް ދަމައި ވީދިޔަސް ހެޔޮވާނެކަން ރިދީއަސް އޮންނާނީ އެނގިފައި..! އަހަރެން ކިޔަމަން ނުވެއްޖެނަމަ، ރިދީގެ ދެއަތުން ކަރުގައި ހިފައި ނޭވާހޮޅި ބައްދާލިޔަސް ހެޔޮކަމަށް އަހަރެން އޮންނާނީ ބުނެފައި..! އެކަމަކު ދުވަހަކުވެސް، ދުވަހަކުވެސް، އަހަރެން ދޫކޮށްލާފައި ނުދިއުމަށް އާދޭސްކުރިން..! ކުށްކުރުމާއި ގޯސްހެދުމަކީ އަހަރެން ލެއާއި ގުޅިފައި އޮތް ކަމެއް! އެ ހުރިހައި ކަމެއް ރިދީއަށް އެނގޭއިރު އަހަރެން ދޫކޮށްލާފައި ދިއުމަކީ، ރިދީކުރި ރަގަޅުކަމެއްތަ؟ އަހަރެންގެ އިހްސާސެއް ނުހުންނާނެތަ..؟ އަހަރެންގެ މޭގައި ހިތެއް ނެތީތަ؟ އަހަރެންގެ ހިތުގައި ނުރިއްސާނެތަ؟" ޖަޒްބާތުގައި ހިތް ބަންޑުންކޮށްލީމެވެ.

އަހަރެންގެ އަމިއްލަ ނަފުސާއި މުހާތަބްކޮށް ދައްކާންނުކެރޭ ވާހަކަތައް ދުލުން ބޭރުވަނީ އެވެ. އިކާންގެ ކުރިމަތީގައި އަހަރެން މިހައި ބަލިކަށިވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ހިތުގެ ހާލު ބުނެދިނުމަށް ކުޑަވެސް ޖެހިލުމެއް ނުވެވުނެވެ. 

"އީތަން ތިބުނީ ރަގަޅު ވާހަކައެއް.. އެކަމަކު އެންމެ ފަހަރަކުވެސް އީތަން ހަނދާން ނައްތާނުލާތި، ރިދީ އަކީ އަންހެން ކުއްޖެއް! މުޅި ގައުމުގައި ނުވަތަ މުޅި ދުނިޔޭގައި ސުވާލު އުފައްދަމުން ދިޔައީ އޭނާގެ އަބުރާއި އިއްޒަތާއި އިއްފަތްތެރިކަމާއިމެދު..! ރިދީގެ މިޒާޖާއި ރިދީގެ ގަބޫލުކުރުންތަކާއި، އުސޫލުތައް އެންމެ ރަގަޅަށް އެންގެންޖެހޭނެ މީހަކީ އީތަން..! މުޅި ގައުމު، މުޅި ސޯޝަލްމީޑިއާ ރިދީއަށް ތުހުމަތުކުރަމުން ދިޔައީ ކޮންކަމަކާ ގުޅުވައިގެންކަން، އީތަން އަދި ހަނދާނެއް ނުނެތޭނެ..!" ރިހުން އެކުލެވިފައި އއިކާން ބުނެލީ އަސަރާއެކު އެވެ. އޭނާގެ ދެ ލޯ ރަތްވެގެންދިޔަތަން އަހަރެން ދުށީމެވެ.

"އައި ނޯ.. އައި ނޯ.. ރިދީ ތަހަންމަލްކުރާނެ ކަންކަން އަހަންނަށް ވިސްނޭ..! އިހްސާސްކުރ..!" އަހަރެންގެ ޖުމުލަ މެދުކަނޑާލީ އިކާން އެވެ.

"ނޯ  ޔޫ ޑޯންޓް އީތަން! މިވާހަކަ ދައްކަންވެސް އަހަންނަށް ފަސޭހައެއް ނޫން.. އެކަމަކު އެހުރިހައި ފުރައްސާރައެއް ތަހަންމަލްކުރީ ކުށެށް ނެތް އެ އަންހެންކުއްޖާ... އީތަން..! މިވާހަކަ ދައްކަން މިއަދުވެސް އަހަރެން ލަދުގަނޭ.. އަހަރުމެންތެރެއިން އެކަކަށްވެސް އިހްސާސެއް ނުކުރެވޭނެ، ރިދީ ތަހަންމަލްކުރި ކަންކަމެއްވެސް، އޭނާ އުފުލި ވޭނާއި، އުޅުނު ހާލެއްވެސް އަންދާޒާކޮށްލާންވެސް ނޭގޭނެ! އެކަމަކު އެއީ ހިތްވަރުގަދަ، ކެތްތެރި އިންސާނެއް! މިއަދު އެއީ ލާމަސީލު އަންހެނެއް..! އެ އަނިޔާއާއި މަލާމާތައި ފުރައްސާރައިން، ރިދީ ދުނިޔެ ދަސްކޮށްފި.. މި ބޭއިންސާފު ދުނިޔޭގައި ދިރިއުޅެން ރިދީ ދަސްކޮށްފި..! މީހަކު ހަދާހާގޮތަށް ރުހިގެން ބިރުން ހިމޭންވެފައި މިއަދު ރިދީ ފަސްނުދޭނެ! ރިދީއަށް ކުރިމަތިނުލެވޭނެ ވަރުގެ ކަމެއް އިން ޝާ ﷲ މިހާރު ދެން، ކުރިމައްޗެއް ނުވާނެ..! ހިނގާދިޔަ އެއްވެސް ހާދިސާއެއްގައި ނުވަތަ ހިނގާދިޔަ ކަންކަމުގައި ތި ދެމީހުންކުރެ އެއްވެސް މީހެއްގެ ކުށެށް އޮތް ވާހަކައެއް އަހަރެން ނުބުނަން.. އަދި އީތަންގެ ބޮލުގައި އެފަދަ އިލްޒާމެއްވެސް އަހަރެން އަޅުވަނީއެއް ނޫން..!" ފުން ނޭވާއެއް ލާފައި އިކާން މަޑުކޮށްލި އެވެ. އެނާގެ ވާހަކައަށް އަހަރެންގެ ޝައުގުވެރިކަން ދީލާލި އެވެ. އެއަޑުތައް އަހަން އަހަރެން ބޭނުމެވެ.

"ރިދީ ގަބޫލުކުރީ، ރިދީގެ ލޯ ކުރިމަތީގައި ހިނގި ކަންކަން.. އޭނާގެ ލޮލުން ދެކިފައިހުރި ކަންކަން.. އެކަންކކަމުގައި ރިދީ އަމަލުކުރީ އެވަގުތު އޭނާއަށް އެންމެ ރަގަޅު ގޮތްކަމަށް ގަބޫލުކުރެވުނު ގޮތަށް..! އީތަން ގަބޫލުކުރީ އީތަންއަށް ފެނުނު މަންޒަރުތައް..! އީތަންގެ ނަޒަރުގައި އީތަން ކަންކުރީ އެވަގުތު ކުރަންޖެހޭ އެންމެ ރަގަޅަށް! ދެމީހުންވެސް ދެމީހުންގެ ގޮތުގައި ރަގަޅު.. މައްސަލައެއް ނެތް! އެމމީހަކަށް ފެނުނު އެންމެ ރަގަޅު ނިންމުމެއް ދެމީހުންވެސް ނިންމީ އަމިއްލަ އިހްތިޔާރުގައި..! އެކަމަކު އެ ނިންމުން ވެގެންދިޔައީ ތިޔަ ދެމީހުންގެ ގުޅުމުގެ އެންމެ ބޮޑު ޒަލްޒަލާއަށް.. އެ ކަމުގެ ސަޒާ އުފުލީ ދެމީހުން، އެކަނިމައިއެކަނި..! އީތަންގެ އެއްވެސް މައްސަލައެއް، އަދި ކުރިމަތިވި އެއްވެސް ނުރައްކަލެއް ރިދީއާއި ހިއްސާ ނުކުރީ، އެވަރުގެ އިތުބާރެއް ދިރީއާއިމެދު އުފެދިފައި ނެތީތީވެ..! އަދި އެކަންކަމާއި ސުވާލުކޮށް އެއަށް ރިދީ ކުރިމަތި ނުލީ، އެކަން ހިނގައިދާނެ ގޮތަކާމެދުގައި އީތަންއަށް ރިދީގެ ހިތުގައި ޔަގީންކަން ނެތީތީވެ..! އެކަމަކު އެ ވޭން ތި ދެމީހުން އުފުލައިފި.. އެމީހަކަށް ކުރެވުނު ގޮތަކަށް އެކަން ތަހަންމަލްކޮށްފި..! އެންމެ ފަހުން ދެވަނަ ފަހަރަށް ދެމީހުން ބައްދަލުވެސް ވެއްޖެ..! މީގައި ކާމިޔާބު ހޯދީ ތި ދެމީހުންގެ ލޯބި!" އިކާންގެ ނިންމުން އެނާ ހާމަކޮށްފި އެވެ. 

ކުލަވަރު ބަދަލުވަމުންދިޔަ  ޖައްވުގެ ހިތްގައިމު މަންޒަރަށް އިކާން ބަލައިލި އެވެ. ހިނިތުންވެފައި އިރުކޮޅަކު ހުރެލާފައި އަހަންނާއި ދިމާއަށް އެނބުރުނެވެ.

"ރޭގަނޑުގެ ކަޅުއަނދިރިކަން ފިލައިގޮސް، މުޅިން އައު ދުވަހަކަށް އިރުގެ ރަންދޯދީތައް ބަބުޅަންފެށީ.. މިއީ މުޅިން އައު ދުވަހެއް! މުޅިން އައު އުއްމީދުކެއް! މުޅިން އައު ފެށުމެއް!" ފަޒާގެ ތެރެއަށް ނެވާއެއް ދޫކޮށްލަމުން އިކާން ބުންޏެވެ.

މިއަށްވުރެން ތަފްސީލް މަންޒަރެއް ދުނިޔޭގެ ކާއިނާތުން އިންސާނުންނާ ބައްދަލުކުރާނެ ބާ؟ އެކަކު އަނެކަކު ހިނނިތުންވީމެވެ. އިރުއަރާ މަންޒަރާއި ކުރިމަތިލައިގެން ބަލަހައްޓައިގެން ތިބީމެވެ. 

ރޭގެ އަނދިރިކަމަކީ އުނދަގޫ ވަގުތެކެވެ. އަނދިރިކަން ނޫނީ މި މާހައުލުގައި ރޭގައި ނެތެވެ. އެކަމަކު މިވަގުތު މިމަންޒަރުގެ ހިތްގައިމު ކަމަކީ އިންސާނެއްގެ ހިތް އަޖައިބުކުރުވާނެ ގުދުރަތީ ފުރިހަމަކަމެކެވެ. މުޅިން އައު އުއްމީދުތަކަކާއެކު މުޅިން އައއު ފެށުމެއްގެ ހިތްގައިމު ދުވަހަކަށް އިރުއެރީ އެވެ. ވައި މަޑެވެ. ޖައްވުގައި ވަނީ ގުދުރަތީ އެންމެ ފުރިހަމަ ކުލަވަރެވެ. ދުރުދުރުން ދަތުރުކުރަމުންދިޔަ ބޯޓްތައް ފެންނަނީ ކަޅު ހިޔަނިތަކެއްގެ ގޮތުގަ އެވެ. ނަމަވެސް ކާއިނާތުގެ ކުލަތަކުގެ ތެރެއަށް އެއީ އިތުރު ފުރިހަމަ ކަމެކެވެ.

"އިޓްސް އަ ނިއު ސްޓާރޓް، އަ ނިއު ސްޓާރޓް އޮފް ޔޯ ލަވް!" އަހަރެންގެ ކޮނޑުގައި ޖަހާލާފައި އިކާން ބުނެލި އެވެ. އަހަރެންގެ ހަޔާތުގެ އެންމެ ހިތްގައިމު މަންޒަރުގެ ހެކިވެރިއެއްގެ ގޮތުގައި ހުރެ ސުވާލެއް ކުރީމެވެ.

"ޑޫ އައި ލަވް ހަރ؟" ގަބޫލުކުރަން ނޭނގުމުން، މިފަހަރުވެސް އަހަރެން ސުވާލުކުރީ އިކާންއާ އެވެ.

ޖަވާބުގައި އެއްމިޔަކަނުން ހިނިއައިސްފައި، ފެންނަ ހިތްގައިމު މަންޒަރަށް އިކާން ބަލާލި އެވެ. އަނެއްކާވެސް އޮޅުންބޮޅުން އުފެދުނީ އަހަރެންގެ ސުވާލާއި މެދުގަ އެވެ.

"ޑޫ އައި ލަވް ހަރ؟"

......................

(އީތަން)

މެންދުރުން އަނބުރައި ދޭއް ޖެހީ އެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި އެވެ. ވަށައިގެން ތިބި ހުރިހާ އޑއޓސގެ ސަބަބުން އަހަރެންގެ ނޭވާ ތާށިވާން ފަށައިފި އެވެ. އިންތިޒާރު ކޮޅުންލައިފި އެވެ. ރިދީގެ ހަބަރެއް ނެތެވެ. މިއީ މީހުން ނިދާ ވަގުތު ހެއްޔެވެ؟ ސްލީޕިންގ ބިއުޓީއާއި ވާދަކުރަން މިއަދު ނޫން އެހެން ކޮންމެވެސް ދުވަހެއް އިހްތިޔާރުކުރަންވީ ނޫންހެއްޔެވެ؟

"ދެން ހެޔޮ! މިހާރު އަހަރެން މިދަނީ އޭނާ ހޭލައްވަން!" އިކާން ބުނެލީ ފާޑަކަށެވެ.

މިއީ ކިހިނެއްވެގެން އުޅޭ ފިރިހެނެއް ހެއްޔެވެ؟ އަހަރެން މިތަނުގައި އެބައިނީމެވެ. މިތަނުން އެއްވެސް މީހަކު ރިދީ ހޭލައްވަން ދާންޖެހޭނެނަމަ، އެކަމުގެ ހަމައެކަނި ހައްގުވެރިޔަކީ އަހަންނެވެ.

ލޯއަޅާފައި އިކާންއާއި ދިމާއަށް އަހަރެން ބަލައިލީމެވެ. ތުންފަތުގައި އިނގިލި ޖައްސައިގެން މައިތިރިވެގެން އިށީންދެއްޖެ އެވެ. އެހެން އެކަކުވެސް ރިދީއާމެދު ކަމެއްކުރަން އުޅޭފިނަމަ، މިއަދުވެސް، މިހާރުވެސް އަހަންނަކީ 'ރިދީގެ މޮންސްޓަރ' އެވެ. އަހަރެންގެ އަމިއްލަ އެއްވެސް އެއްޗެއް އެހެން މީހުންނާއި، ބައިއެޅުމަކީ އަހަރެންގެ މިޒާޖުގައި ލައްވާފައިވާ ސިފައެއް ނޫނެވެ. ހުވަފެނެއްގައިވެސް އެކަމެއް އަހަރެން ނުކުރާނެ އެވެ.

"އިކާން.. ރިދީ ހުރީ ވަރަށް ވަރަށް ވަރުބަލިވެފައި.. އަރާމު ބޭނުންވާނެ.. އޭނާ އަރާމުކޮށް ނިދާލަން ބާއްވާ..!" އިކާންއާއި ދިމާއަށް އަހާން ހީލާފައި ބުންޏެވެ.

ވަރުބަލި؟ އަރާމް؟ ކީއްވެ؟ އެންމެ ބޮޑު ސުވާލަކީ، އަހަރެން މިތަނުގައި އިންދައި އެކަމާއިމެދު ވިސްނާއި ފިކުރުކުރާން މި އަހާންއަކީ ކޮންތާކުން އައި ކާކު ހެއްޔެވެ؟ އަނެއްކާ އަނެއް ކަންތަކެވެ! ރިދީ، މި އަންހެންދުޅާއާއި ކައިވެނިކޮށްގެން އުޅޭކަމަށްބުނުމަކީ ހަގީގަތެއް ބާ އެވެ؟ އެއީ ސީރިއަސް ވާހަކައެއްބާ އެވެ؟  އޫޕްސް! ބަނޑުބޮޑުވާހަކަ ރިދީ ބުންޏެވެ. އެއީ އަނެއްކާ ހަގީގަތެއް ބާ އެވެ؟

އަހަރެންގެ ސިކުނޑި ފަޅައިގެން ގޮސް، މޮޔަވާން ތައްޔާރުވެއްޖެ އެވެ.

ކުއްލިޔަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ މަޑުމަޑުން ހިނގާލާފައި ސިޑިން ފައިބަމުން އައި ރިދީ އަށެވެ. ކަކުލުން ތިރިއަށްހުރި، ރަތްކުލައިގެ ވަރަށް ރީތި ހެދުމެއްގައި ރިދީ ފެންނަނީ ތާޒާ ފިނިފެންމަލެއް ފަދައިންނެވެ. ދިގު، ކަޅު އިސްތަށިގަނޑު ދޫކޮށްލާފައި އޮތީ އެއިގެ ހަގީގީ މަންޒިލްގަ އެވެ. ލޮލުގައި އައިލައިނަރ ދަމާލާފައިވަނީ އަހަރެންގެ ހިތް ކަތިލާން ބާ އެވެ؟ 

މިއީ އަހަރެންގެ ކުރީގެ ރިދީއެއް ނޫނެވެ. ރިދީގެ ހުރިހައި ކަމެއްވަނީ ބަދަލުވެފަ އެވެ.  ރިދީގެ މި ބަދަލު އަހަންނަކަށް ކަމަކުނުދެ އެވެ. މާނައަކީ ރިދީގެ ރީތިކަމާއި ހިތްގައިމުކަން ކުރިއަށްވުރެން އެތައް ގުނައެއް އިތުރުނުވާ ވާހަކައެއް ނޫ

ނެވެ. އިހްސާސްކުރެވުނީ ރިހުމެކެވެ. ހިތަށް އެރި އެވެ. ކުރިމަތީގައި މިހުރީ އަހަރެންގެ ރިދީއެއް ނޫނެވެ. މިއީ 'އެހެން ރިދީ' އެކެވެ.

ނޫނީ- ދުވަހެއްގައިވެސް އެއީ އަހަރެންގެ ރިދީއަކަށް ނުވަނީ ބާ އެވެ؟

"ވައު...! އަހަރުމެން އަންނަންވެގެން އެންމެ ފަހުން ޝޮޕިންއަށްދިޔަ ދުވަހު ގަތް ހީލްސްއެއް އެއީ.. އައި ލަވް އިޓް!" އެއްކަލަ އަންހެން އިކާން މައިތިރިނުވެވިގެން ދެއަތް ފޮޅާފައި ހަޅޭއްލަވައިގަތެވެ. 

ޔަގީނުންވެސް މީނަ، އަހަރެން އަތުން އަދި ބޮނޑިއެއް ބޯނެ އެވެ!

"އައްސަލާމް އަލައިކުމް، ގައިޒް!" އަހަރުމެންނާއި އަރައި ހަމަވުމުން ލޯބި ހިނިތުންވުމަކާއެކު ރިދީ ބުނެލި އއެވެ. 

އަހަރެންގެ ގައިން ހީބިހި ނެގި އެވެ. ރިދީއާއި ބެހޭގޮތުން އަހަންނަށް އެނގެނީ ކޯއްޗެއް ބާ އެވެ؟ އަހަންނަށް ކުއްލިޔަކަށް ބަލައިލެވުނީ ރިދީގެ ލޮލަށެވެ. ލުއި ހިނިތުންވުމެއް އަހަންނަށް ރައްދުކޮށްލީ، ލޯބިގޮތަކަށެވެ. އެކަމަކު އެ ހަރަކާތަށް ދޭނެ ޖަވާބެއް ނުވަތަ އެވަގުތު އަމަލުކުރަންވީ ގޮތެއް އަހަންނަކަށް ނޭގުނެވެ. އަހަންނަށް ވެފައި މިހުރީ ކިހިނެއް ހެއްޔެވެ؟

ޖެލަސް؟ އާން! މިފަހަރު ހިތަށް މިއެރީ އެންމެ ރަގަޅަށެވެ. 

ތުން ދަމާލާފައި ކުޑަކޮށް އަނެއް ފަރާތަށް އެނބުރެލީމެވެ. އަހަރެން ބޮލުގެ އިސްތަށިގަނޑު އޮތީ ހޭވިފަ އެވެ. ތުންގަނޑު ހަ ރިޔަނަށް ދަމައިގެން މިހެން އިންނައިރު އެންގްރީ ބަރޑްއަކާއި ވައްތަރުވެދާނެކަން އަމިއްލަ ސިކުނޑިއަށްވެސް ވިސްނުނެވެ. އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ހުރި ރިދީގެ ހިނިގަނޑު ފަޅައިގެންދިޔަ އަޑު އެހީމެވެ.

"އިށީންދޭ... ރިދީ!" ރިދީގެ އަތުގައި ހިފާލާފައި އިށީނުމަށް ދައުވަތު ދިނީ ކާމިލް އެވެ. 

ރިދީ އަތުގައި ހިފާފައި ބޭންދީ ކާމިލްއާއި އިކާންގެ ދޭތެރޭގަ އެވެ. ޗަމްޗީގެ ދެ ބޮޑީގާޑުން، އޭނާއާއި ދުރުގައި ތިބިއްޔާ އެލާޖިކްވަނީ ބާ އެވެ؟ އަހަރެން އިންނާން މިޖެހުނީ މި ތިން މީހުންގެ ކުރިމައްޗަށްވާ ގޮތަށެވެ. އަހަރެންގެ އެއްފަރާތުގައި ނަޔާރާ އާއި ރަޒީން.. އަނެއް ފަރާތުގައި އަހާންއާއި އަންޔާ އެވެ.

"އޯހ ރިދީ، ތިޔައައީ އަހަރެންގެ ހެދުން ލައިގެން!" ކުއްލިޔަކަށް އަހާން ބުނެލުމުން، ލޮލާއި ހަމައަށް ފޯރާވަރަށް ރިދީ ހިނިތުންވި އެވެ.

"ޔޯ ޑްރެސް؟" އަންޔާގެ އަނގަޔަށްލީ ފެން ކޯވަރު ބުރައިގެން ދިޔަ އެވެ.

އަހާން ބުނި އެއްޗެއް އޮޅުން ފިލުވުމަށް ނިއްކުރިއަށް ރޫ އަރުވާލާފައި އަންޔާ ސުވާލުކުރީ އަހާންއާއި އެވެ. 

އޭނާގެ ހެދުން؟ އަހާން އެބުނީ އޭނާގެ ހެދުމެކޭ ބާ އެވެ؟

އަހަރެން އަނެއްކާވެސް ރިދީއާއި ދިމާއަށް ބަލައިލީމެވެ. ހިންދީ ޑްރާމާއެއްގެ 'ސްލޯ މަންޒަރެއް ފަދައިން' މަތިން ތިރިއަށް ބަލައިލީމެވެ. ރިދީ ލައިގެން އިނީ ނުހަނު ރީތި، ރޫބީ ރަތްކުލައިގެ އަންހެން ހެދުމެކެވެ. ހީވާ ހީވުމަށް އަގުބޮޑު ބްރޭންޑެއްގެ ހެދުމެކެވެ. އެއީ އަންހެން ހެދުމެއްކަމާއިމެދު މީހަކު އުފައްދާނެ ސުވާލެއް ނެތެވެ. އެހެންވިއްޔާ، އަހާން މިކިޔަނީ ކީކޭ ހެއްޔެވެ؟

"މި ބުނީ، ރިދީގެ ބަރތްޑޭގައި އަހަރެން ހަދީޔާއަކަށް ދިން ޑްރެސް..!" ޖުމުލައިގައި އޮޅުން އެރިބައި އަހާން ސާފުކޮށްދިނެވެ

އަހަރެން ހިފަހައްޓައިގެން ހުރިކަން ނޭގި، ހުއްޓިފައި ހުރި ނޭވާ ކުއްލިޔަކަށް ދޫކޮށްލެވުމުން ގަދަޔަށް ކޮށށި އެރި އެވެ.

ހަގީގަތުގައިވެސް އަހަރެން ހީކުރީ ރިދީ އައީ އަހާންގެ ހެދުމެއް ލައިގެން ކަމަށެވެ. ފިރިމީހާގެ އެއްޗެހި އަނބިމީހާ ލުމާއި، ބޯއިފްރެންޑްގެ އެއްޗެހި ގަރލް ފްރެންޑް ލުމަކީ ކޮންކަހަލަ އިހްސާސެއްގެ ކަމެއްކަން ކޮންމެވެސް ވަރަކަށް އަހަންނަށްވެސް އިނގެ އެވވެ. މިފަހަރު މިކަން ހަގީގަތަކަށްވީނަމަ އަހަރެންގެ ދެ އަތުން މިތަނުގައި މިއަދު ގަތުލެއް ހިނގުން ގާތެވެ. ނަސީބަކުން ސަލާމަތްވެއްޖެ އެވެ.

އަހަރެންނާއި ދިމާއަށް ހިނިތުންވެފައި ރިދީ ބަލަހަށްޓައިގެން އިންކަން އެނގުނީ އިރުކޮޅެއް ފަހުންނެވެ. ކަމެއް ގޯސްވެއްޖެތޯ ސުވާލުކޮށް، ލޮލުން އިޝާރާތެއް ކުރި އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް