
އަހަރެންނާއި ދިމާއަށް ހިނިތުންވެފައި ރިދީ ބަލަހަށްޓައިގެން އިންކަން އެނގުނީ އިރުކޮޅެއް ފަހުންނެވެ. ކަމެއް ގޯސްވެއްޖެތޯ ސުވާލުކޮށް، ލޮލުން އިޝާރާތެއް ކުރި އެވެ.
ލިބުނީ ހިތްހަމަޖެހުމެކެވެ.
އަނެއްފަރާތަށް އެނބުރުމުގެ ކުރިން ލުއިހިނިތުންވުމެއް ރިދީއަށް އަހަރެން ހަދީޔާކުރީމެވެ. ބަނޑުގައި ވައިބްރޭޝަނެއް އުފެދުނުހެން ހީވީ އެވަގުތު އެވެ. އަހަރެންގެ މައްސަލައަކީ ކޮބައި ހެއްޔެވެ؟ މިވަނީ ކީއް ހެއްޔެވެ؟
އިންތަނުން ތެދުވެގެން އަހަރެން ހިނގައިގަތީމެވެ. އެންމެން އެއްފަހަރާ އަހަންނަށް ގޮވި އެވެ. ފަހަތް ބާލާނެ ހިތްވަރެއްވެސް ނުލިބުނެވެ. އަހަންނަށް މިވަނީ ކިހިނެއް ހެއްޔެވެ؟ ވެގެން މިއުޅެނީ ކީއްހެއްޔެވެ؟
ރިދީގެ ލޮލަށް ބަލައިލާނެ ހިތްވަރު ނުލިބުނީ ކީއްވެ ހެއްޔެވެ؟ ކުރެވުނު ކުށްތަކުގެ ސަބަބުން އަދިވެސް އެކަމުން އަމިއްލަ ނަފުސު މިންޖު ނުކުރެވެނީ ބާ އެވެ؟
ގަބޫލުކުރެވުނީ، ސަބަބަކީ އެއީ ކަމަށެވެ. އަހަރެންގެ ހުރިހާ ވެސް ކުށަކީ، ޒާޔާއެކު ހޭދަކުރެވުނު ރޭގެ، ހާދިސާ އެވެ. އެވަރުގެ ދަށުދަރަޖައަކަށް އަހަރެން ވެއްޓުނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ނަފުސަށް މަޖުބޫރުކޮށްގެންވެސް އެހެން އަންހެނަކާއެކު އަހަންނަށް ގާތްކަން ނުބޭއްވުނެވެ. އެހެންކަމަށްވަންޏާ އެ ރޭ އެހެން އެކަން އެ ހިނގީ ކީއްވެ ހެއްޔެވެ؟ ރިދީ ނޫން އެހެން އަންހެނަކާ، އަހަރެންގެ ހަމަ ހޭގައި ނުވަތަ މަސްތުގެ ހާލަތުގައިވެސް ގާތްވުމަކީ އަހަރެންގެ ޒަމީރު ހުއްދަކުރާނެ ކަންކަމެއް ނޫނެވެ.
އަހަންނަށް ރިދީގެ ލޯބި ހައްގެއްވެސް ނޫނެވެ. ހަގީގަތަކީ އެއީ އެވެ. އަހަރެންގެ ކުށަށް މައާފު ލިބުމެއް ނެތެވެ. އެކަމަކު... އެކަމަކު.. ރިދީ އަހާންއާއި ކައިވެނިކޮށްގެން އުޅެންޏާއި...!؟ ދެން ވާނީ ކިހިނެއް ހެއްޔެވެ؟
ޝ*! އަހަރެންގެ މައްސަލައަކީ ކޮބައި ހެއްޔެވެ؟ ސިކުނޑި ގޮވާވަރުވެއްޖެ އެވެ. މޮޔަވަނީ އެވެ. ވިސްނާ ވިސްނާ އަހަރެންގެ ސިކުނޑި ފުނޑުފުނޑުވަނީ އެވެ
ހަމައެވަގުތު އަހަރެންގެ ފޯނަށް މެސެޖެއްއައި އެވެ.
މެސެޖްލިބުނީ އަހަރެންގެ 'ދުޝްމިނު، ދޯސްތުގެ' ފަރާތުންނެވެ.
އޭނާގެ ނަން މިހާރު ސޭވްކުރެވިފައި އެ އޮތީ އެންމެ އެކަށީގެންވާ 'ނަމުގައި' އެވެ. ހިނިވެސް އައެވެ. މެސެޖް ހުޅުވާލީމެވެ.
'އަހަރެން އީތަން ކައިރީގައި ބުނީ، ރިދީ ދެކެވާ ލޯބި، އީތަންގެ އޯގާތެރިކަމާއި އަޅައިލުމުން އޭނާއަށް ސާބިތުކޮށްދޭށޭ..! އީތަންއަށް އައިސްފައިވާ ބަދަލު، ރިދީ 'އިގްނޯރ' ކޮށްގެން ސާބިތުކޮށްދޭށެކޭ ނޫން ބުނީކީ..!"
އަހަރެންގެ ނާރުތަކުގައި ލޭގެ ހިނގުން އަވަސްވެ، ހާސްކާމައި ނުތަނަވަސްކަން ހަބޭހަށް އަރައިފި އެވެ. އަތުގައި އޮތް ފޯނު ކޮންމެވެސް ދިމާއަކަށް ހޫރުވާލަން، ހަރަކާތް ކޮށްފައިވެސް ހަމަ އެސިކުންތުގައި ޖީބަށްލައި ފޮރުވައިފީމެވެ. ރިދީއަށް ރިދީގެ ހުރިހައި ސުވާލެއްގެ ޖަވާބު ލިބި، އަހަރުމެންގެ ގުޅުމުގެ ނުތަނަވަސްކަމުން، އަރައިގަނެވިއްޖެ އެވެ. އެކަމަކު އަހަރެންގެ ހާލަކީ ކޮބައި ހެއްޔެވެ؟ މިހުރެވުނީ ކުރިންވެސް ހުރި ހިސާބުގަ އެވެ. ނުވަތަ އެއަށްވުރެންވެސް ފަހަތުގަ އެވެ. އަހަންނަށްވެސް މި ނުތަނަވަސްކަމުން އަރައިގަތުމުގެ ހައްގު އޮންނާންވާނެ ނޫންހެއްޔެވެ؟
އެތައް ސުވާލަކުން އަހަރެންގެ ސިކުނޑި ހަލަބޮލި ވެއްޖެ އެވެ. އުފެދެމުންމިދާ ހުރިހައި ސުވާލެއްގެ ޖަވާބު އަހަރެން ބޭނުމެވެ.
ހަމައެވަގުތު އަހަރެންގެ ކޮނޑުގައި ފަހަތުން މީހަކު ޖަހައިލި އެވެ.
"ވަޓް- ދަ - **! ކަލެޔަކަށް ނޭގޭތަ އަހަރެން އެކަނިވެލަންކަމެއް މިތަނަށް މި ނިކުތ.." ފަސްއެނބުރި ބަލައިވެސް ނުލައި އަހަރެންގގެ ނުތަނަވަސްކަން ބުރުވާލީމެވެ.
"އީތަން؟"
ދުނިޔޭގެ އެންމެ ހިތްގައިމު މިއުޒިކީ އަޑު އަހަރެންގެ ކަންފަތުގައި ބީހިލައިފި އެވެ. ފަސްއެނބުރި ބަލައިލީމމެވެ. އުފާވެރި ހިނިތުންވުމަކާއެކު އަހަރެންގެ ކުރިމަތީގައި ހުރީ އަހަރެންގެ ޕްރިންސެސް އެވެ.
"ރިދީ!" ލުއި ހިނިތުންވުމަކާއެކު އެންމެ ލޯބި ނަމުން ގޮވާލީމެވެ.
"އައި އެމް ސޯ ސޮރީ..!"
އަހަރެންގެ ސޮރީއަށް ރިދީ ދިނީ ލޯބި ހިނިތުންވުމެކެވެ.
"ކިހިނެއްވީ އީތަން؟ ހާދައިހައި ހާސްވެ، ކަންތައް ބޮޑުވެފައި..؟" އަހަރެންގެ ހާލަތަށް ހަމްދަރުދީގެ ސުވާލުތައް އަމުނާލި އެވެ.
ކުރިއެކޭ ތަފާތެއް ނެތެވެ. އަހަރެންގެ ހާލަތު އަހަރެންގެ ދުލުން ހާމަކުރާކަށް ނުޖެހެ އެވެ. އަހަރެންގެ އެންމމެ ހަރަކާތަކުން ހުރިހައި ހަގީގަތެއް ދެނެގަތުމަކީ ރިދީގެ ހުނަރެކެވެ. އެންމެ މަގުބޫލު ސިފަތަކުގެ ތެރެއިން ރިދީގެ މި ސިފައަކީ އަހަރެން އެންމެ ބޮޑަށް އޭނާދެކެ ލޯބ-.. އޫޕްސް! އޯކޭ ޔެސް! އަހަރެން އޭނާދެކެ އެންމެ ލޯބިވާ ސިފަ އެވެ.
އަހަރެންގެ ދުލުން މި ލަފުޒު ކިޔާލަން، މާ ފަރިތައެއް ނޫނެވެ. ނަމަވެސް އަޑުއަހާލަން ހިތްގައިމެވެ. ދުވަހެއްގައިވެސް މި މިންވަރަށް އިންސާނަކުދެކެ އަހަންނަށް ލޯބިވެވިދާނެކަމަށް ހިޔެއްވެސް ނުކުރަމެވެ. އެކަމަކު މިއޮތީ މިކަން ވެފަ އެވެ. ދުނިޔޭގެ އެންމެ ނާދިރުކަންތައްވެސް ރިދީ މިއޮތީ ކޮށްފަ އެވެ. މޮންސްޓަރ އީތަން، ލަވަރ ބޯއިއަކަށް ބަދަލުވެ ނިމިއްޖެ އެވެ. ރިދީގެ ޖާދޫގައި މި އީތަން މަސްތުވެއްޖެ އެވެ.
"ނަތިންގ ރިދީ..! ބުނެދޭކަށް ނޭގޭ..! އަހަރެންގެ އަމިއްލަ ނަފުސަށް އަހަރެންގެ އަމިއްލަ އިހްތިޔާރެއް ނެތް.." ފޮރުވުމެއްނެތި ތެދުވެރިކަމާއެކު އަހަރެން ބުނީމެވެ.
އެއްވެސް ފޮރުވުމެއް، ހާމަނުކުރެވޭނެ ސިއްރެއް މީގެފަހުން އަހަރެންނާއި ރިދީއާއި ދެމެދު އަހަރެން ނުބާއްވާނަމެވެ. އަހަރެންގެ ލޯބި، އެއްފަހަރު އަހަރެން އަތުން ބީވެއްޖެ އެވެ. އެ ގޯސް ދެވަނަ ފަހަރު ތަކުރާރުކުރާނެ ހިތްވަރެއް އަހަރެން ހިތާއި ފުރާނައިގައި ނެތެވެ. ރިދީ އަހަރެންގެ އަތުން ބީވުމަކީ ހުވަފެނެއްގައިވެސް އަހަރެން ދެކެން ބޭނުންކަމެއް ނޫނެވެ.
"އަމިއްލަ ނަފުސުގެ އިހްތިޔާރު...؟ ކޮން ކަމަކަށް..؟ ކިހިނެއްވީ އީތަން.؟" ރިދީ ސުވާލުކޮށްލީ އަހަރެންގެ ހާލަތާއިމެދު ކަންތައް ބޮޑުވެފަ އެވެ.
"އައި- އައި ޑޯންޓް ނޯ ރިދީ..! އަހަރެއްހައި ދުވަސް ފާއިތުވެގެން މިދިޔައީ.. ހީވާ ހަކަލަ، އަހަރެންގެ ވަށައިގެން ހިނގާ އެއްވެސް ކަމެއްވެސް އަދި އަހަރެންގެ ވަށައިގެންވާ އެއްވެސް މީހަކުވެސް އަހަންނަކަށް ހަގީގަތުގައި ނޭގެޔޭ.. ރިދީއާއި ބެހޭގޮތުންވެސް އެކަށްޗެއްވެސް އަހަންނަކަށް ނޭގެ.. އަހަރެންގެ ރައްޓެހި އެކުވެރިންގެ ހަޔާތުގައި ހިނގާ އެއްވެސް ކަމެއް، އެމީހުންގެ ހާލެއްވެސް އަހަންނަކަށް ނެގޭ.. އަހަރުމެން ރޮކް5 އުފެދުނީއްސުރެންވެސް އެއްވެސް މީހެއްގެ އެއްވެސް ސިއްރެއް ފޮރުވާފައި ބޭއްވުމަކީ، އަހަރުމެންގެ ބޭންޑުގެ ތެރޭގައި މަނާކަމެއް.. އަހަރުމެންމެ ގުޅުން މިހައި ޒަމާނަން އެކުވެރިކަމުގައި އޮތް ސަބަބަކީވެސް އެއީ.. އެކަމަކު ފާއިތުވި އަހަރެއް ނުވަތަ ދޮޅުއަހަރެއްހައި ދުވަސްތެރޭގައި ހިނގި އެއްވެސް ކަމެއް އަހަންނަކަށް ނޭގޭ.. ހަގީގަތުގައި އެމީހުންގެ މައްސަލައެއް ނެތް! ކުށްލިޔަކަށް އަހަރެންގެ ފަރާތުން ހިނގަންފެށިކަމެއް، ކަންކަން ސިއްރުކުރުމަކީ..! އެއިގެ ސަބަބުން އަހަންނަށް ގޯސްތައް ހެދެންފެށީ، އެއިގެން މިންޖުނުވެވޭވަރަށް.. އަހަންނަށް އަހަރެންގެ އަމިއްލަ ނަފުސުވެސް މިހާރަކު ނޭގޭ.. އަހަރެންގެ ބެސްޓްފްރެންޑަކީ ކާކުކަމެއް.. އެވަރުގެ މީހަކު މިހާރު ހުންނަކަމެއް ނުވަތަ ނޫންކަމެއްވެސް އަހަންނަކަށް ނޭގޭ.. އަހަރެންގެ ބެސްޓްފްރެންޑްކަމަށް ދެކިގެން އުޅުނު މީހާގެ ކައިވެންޏާއި ހަމައަށްދިޔައިރުވެސް އަހަންނަށް ނޭގުނު އޭނާ ކައިވެނިކުރަނީ ކާކާކަމެއްވެސް..!" އަހަރެންގެ ހިތުގައި އޮތްގޮތަށް އަހަރެން ބުނީމެވެ. ލިބުނު ހިތްހަމަޖެހުމުން ހިތަށް ވަރަށް ލުއިވި އެވެ.
ރިދީގެ ލޮލަށް އަހަރެން ބަލައިލީމެވެ. ހިމޭންކަމާއެކު އަހަރެންގެ ވާހަކަތައް އަޑުއަހަން ހުރީ ލޯބި ހިނިތުންވުމަކާއެކު އެވެ.
"ކަންކަމަށް ވަގުތުދީ އީތަން! ހުރިހައި ކަމެއް ހަމަޔަކަށް އެޅެން ވަގުތުކޮޅެއް ނަގާނެ! ކޮންމެ ކަމެއްގެ ކޮނންޓްރޯލް އަހަރުމެން އެކެއްގެ އަތުގައިވެސް ނޯންނާނެ.. ދިރިއުޅުމުގެ އާދަތަކަށް ބަދަލު އަންނާނެ.. ﷲއަށް ވަކީލުކޮށްލާފައި އެކަންކަމަށް ވަގުތު ދީ.. އަހަރުމެން ބޭނުން ބަދަލުތަކެއް ހުރިހައި ކަމަކަށް ނުގެނެވޭނެ.. އަމިއްލަ ބައެއް އާދަތައް ބަދަލުވުމަކީ އަމިއްލަ އަތުން، އަމިއްލަ ފުރާނަ ވީދައިގެން ނެރެން އުޅުންފަދަ، ވޭންދެނިވި ރިހުމެއް.. އެކަންކަން ބަދަލުކުރެވޭނީ ވަގުތުދީގެން.. ތަގުދީރުގެ މިންވަރުފުޅާ ދެކޮޅަށް އަހަރުމެން އިންސާނުންނަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ.. އީތަން ރަގަޅަށް ވިސްނާލާ! އެއްވެސް ކަމެއްގައި އަދި ނިމުމުގެ ސިއްކައެއް ނުޖެހޭ.. ކުރިންވެސް ހުރިކަންކަން އަހަރުމެންގެ ވަށައިގެން މިއަދުވެސް އެބަހުރި.. އަލުން އާ ފެށުމަކުން ފަށަންވީ ވަގުތު މިއީ..!" ރިދީގެ ވާހަކަތަކުން ލިބުނު ޝޮކް ފޮރުވަން އަހަރެން މަސައްކަތްކުރީމެވެ.
ހިމޭންކަމާއެކު އެންމެ ހެޔޮގޮތް ބުނެދިނުމަކީ ރިދީގެ ހުނަރެކެވެ. އެއީވެސް އަހަރެން ނުހަނު ގަޔާވާ ސިފައެކެވެ.
"އަލުން އާ ފެށުމަކުން ފެށިދާނެތަ؟" ލިބުނު ޝޮކުގައި ކުރެވުނީ އެންމެ ރަގަޅު ސުވާލުބާ އެވެ.؟ އާއެކޭ ބުނެލަމުން ރިދީގެ ބޮލުން އިޝާރާތްކޮށްލީ ހިނިތުންވަމުންނެވެ.
ކުށްލިޔަކަށް ހިތަށްއެރީ ރޭގައި ދެކެވުނު ވާހަކަ އެވެ. އަހަރުމެންގެ ނިމުން ކަމަށް ރޭގައި ބުނެ، ގޮތް ނިންމީ ރިދީ ނޫންހެއްޔެވެ؟ އެއިގެ ފަހުން އިރުއަރައިގެން މިހިސާބަށް އައުމާއި ދެމެދުގައި ބަދަލުވީ ކޮންކަމެއްބާ އެވެ؟
"ވީ ކޭން..! މުޅިން އައު ހަނދާންތަކާއި، މުޅިން އައު އުފާތަކަށް ދުނިޔެ އަބަދުވެސް މަރުހަބާ ކިޔާނެ.. މާޒީގެ ހިތި ހަނދާންތައް ހިތާއި ސިކުނޑިން ނެރި، އުފަލާއި އުއްމީދުގެ މަތީގައި ދިރިއުޅުމުގެ ބިންގާ އަޅައި އާރާސްތުކުރަންވީ ވަގުތަކީ މިއީ..! މުޅިން އައު އެކުވެރިކަމާއި، މުޅިން އައު ގުޅުންތަކަށް ފުރުސަތު ދޭންވީ ވަގުތަކީ މިއީ.. އެކަމަކު މިފަހަރު، ނޯ ސީކްރެޓްސް އެންޑް އޮންލީ ލޮޓް އޮފް ޓްރަސްޓް!" ހިމޭންކަމާއެކު ނުހަނު ލޯބިން ރިދީ ބުނެލީ ހިނިތުންވަމުންނެވެ.
އަހަރެންގެ ހިތާއި ސިކުނޑިން ބިޔަބޮޑު ހިލަގަނޑެއް ނަގައި އެއްލާލެވުނު ފަދަ ލުއި އިހްސާސަކުން ފިނިކަން ލިބުނެވެ.
މިފަދަ އަނިޔާވެރި، ބޭއިންސާފުގެ ދުނިޔެއެއްގައި ރިދީފަދަ މައުސޫމް އިންސާނުން ލެއްވީ ކީއްވެބާ އެވެ؟ އަހަންނަކީ ރިދީ ނަމަ، 'އަހަރެންގެ ކުރީގެ ލޯބިވެރިޔާއަށް' ދުވަހަކުވެސް މައާފެއް ނުކުރާނަމެވެ. އަހަރެން ކުރީ މައާފު ހައްގުވާވަރުގެ ކުށެށް ނޫނެވެ. އެއީ ފާފައެކެވެ! އެ ފާފައަށް އަހަރެން ތައުބާ ވެއްޖައީމެވެ! އެކަމަކު އެކަމެއް ރިދީއަކަށް ނޭގޭނެ އެވެ. އަހަރެންގެ ކުރީގެ ލޯބިވެރިޔާއާއެކު އެފަދަ ހަޑިމުޑުދާރު ގުޅުމެއް ހިންގިކަން އެނގިހުރެވެސް ރިދީ އަހަންނަށް މައާފުކޮށް، އެނާގެ ލޯބީގެ ދުނިޔެއިން ދެވަނަ ފުރުސަތެއއް ދިނީ އެވެ. އަހަރެންގެ މުޅި އުމުރު ލޯބި ދިނަސް، ރިދީއަށް އޮތް ދަރަނި އަދާނުކުރެވޭނެ އެވެ.
"އީތަން.. މާބޮޑަށް ނުވިސްނާ.. މާޒީގެ ތެރެއިން ހޯދޭނެ ފައިދާއެއް ނެތް.. އަހަރުމެން މިފަށަނީ މުޅިން އައު ފެށުމަކުން.. މިއީ ތާޒާ ފެށުމެއް!" އަހަރެންގެ ސކުނޑީގައި އެނބެރެމުންދިޔަ ވަސްވާސްތައް ރިދީ ދެނެގަތީ އެވެ.
އަހަރެންގެ އަތުގައި ހިފާލާފައި ހިނިތުންވި އެވެ.
"ތޭންކް ޔޫ!" ހަޔާތުގައި ފުރަތަމަ ފަހަރަށް ހިތުގެ އެންމެ އަޑިން ޝުކުރު އަދާކުރީމެވެ.
ރިދީއާއެކު އިތުރުވަގުތު ހޭދަކުރަން ހިތް އެދޭ އެދުން އަހަރެން ހުށަހެޅީމެވެ. އެއްބަސްވެ އަތުގައި ހިފީ އަހަރެންގެ ހިތް ބަންޑުންވާހައި ލޯބި ހިނިތުންވުމަކާއެކު އެވެ.
..................
ގެސްޓްހައުސްއާއި ދިމާއިން އަތިރިމައްޗަށް ނިކުތީމެވެ. ހަވީރުގެ ފިނިކަމަށް ދުނިޔެ ތައްޔާރުވަމުންދިޔައިރު، އިރުގެ ދޯދިތަކުން ދެމުންދިޔަ ހޫނުކަން އަދި ނުކެނޑެ އެވެ. އެހެންނަމަވެސް އެ ހޫނަށް އަހަރުމެން ދެމީހުންގެވެސް ފަރުވާލެއް ނެތެވެ. ގަސްތަކުގެ ތެރެއިން ހިތްގައިމު ޖާގައެއް ބަލާފައި ދޮންވެލިގަނޑުގައި އިށީނީމެވެ.
"އަހަރެންގެ ކިބައިން ހެޔޮބަދަލުތައް ރިދީއަށް ފެންނާނެކަމަށް އަހަރެން ވައުދުވަން.. އިން ޝާ ﷲ އަހަރެންގެ ފަރާތުން ދެން ދުވަހަކުވެސް ރިދީއަށް ނުރައްކަލެއް ކުރިމަތި ނުވާނެ.. އަދި ކުޑަވިޔަސް، ބޮޑުވިޔަސް އަހަރެންގެ ސަބަބުން ތަކުލީފެއް ރިދީއަށް ލިބުނަ ނުދޭނަން" އަހަރެންގެ ހިތުގެ އަޑު ރިދީއަށް ބުނެދިނީމެވެ.
"ދުނިޔެއަށް އަހަރެން ނޭވާލާ ކޮންމެ ދުވަހެއްގައި ދިމާވާ ކުދިބޮޑު ކޮންމެ ހާދިސާއެއްގައި އަދި ކުރިމަތިވާ ކޮންމެ ތަކުލީފެއްގައި އީތަންއާއި ގުޅުން އޮންނާން އަހަރެން ބޭނުން.. އެއިން ކޮންމެ ހާލަތެއްގައި އަހަރެންނާއެކު އީތަން ހުންނާން އަހަރެން ބޭނުން.. އަހަންނާއި ދެކޮޅަކަށް ނުވަތަ، އެއިން ކަމަކަށް އިންކާރުކުރާ ހާލަތެއްގަ އީތަން ހުންނާކަށް ބޭނުމެއް ނޫން.." އަހަރެންގެ ލޮލަށް ސީދާ ބަލަމުން ރިދީ ބޭނުންވާ ގޮތް ބުންޏެވެ.
ކުރެވުނީ އުފާވެރި އިހްސާސެކެވެ. އަހަރެން ފަދަ 'މޮންސްޓަރ' އަކަށް މިވަރުގެ ނިއުމަތެއް މިންވަރުކުރެއްވީތީ ހިތުގެ އަޑިން ޝުކުރުވެރިވީމެވެ.
"ރި-ދީ" ޖެހިލުންވަމުން އަހަރެން ރިދީއަށް ގޮވައިލީމެވެ.
"ހޫމް... ކީކޭ އީތަން.؟" އަހަރެންގެ ހާސްކަން ފިލުވާލަން ފިރުމާލަމުން ރިދީ ބުނެލި އެވެ.
"އާރ- ޔޫ- ލައިކް-... ލަ- އި- ކް- މެ-ރި-ޑް ޓު- ދެ-ޓް ގޭ-... އައި މީން ގަ-އި..!" އަޅައަޅައިގަންނަމުން ޖުމުލަ ގުޅުވާލެވޭތޯ ބެލީމެވެ.
ރިދީގެ މޫނުން ހިނިތުންވުން ފިލައިދާން ސިކުންތެއްވެސް ނުނެގި އެވެ. ނުހަނު ގަދަބާރުން ރިދީގެ ދެ ލޯ މަރައި ތަގުޅިކޮށްލި އެވެ. ލިބުނު މާޔޫސްކަމުގައި އިސްޖަހައިލެވުނެވެ. އަހަރެންގެ ހިތާއި ސިކުނޑީގައި އޮތް ބަރުކަން އަނބުރާ އަންނާން ހިނދުކޮޅެއްވެސް ނުނެގި އެވެ.
"ޔެސް އީތަން!" ކުށްލިޔަކަށް ދެ ލޯ ހުޅުވާލާފައި ރިދީ ބުނެލި އެވެ.
އަހަރެންގެ ހިތް ކުދިކުދިވެ ސުންނާފަތިވީ މީގެ ކުރިއަކުން ނޫނެވެ. މިފަހަރު ފުނޑުފުނޑުވެގެން މިލިއަންސް އެތިކޮޅުތަކަށް ބުރައިގެން ދިޔައީ ދުވަހަކުވެސް އެ ހިތް ދެން މަރާމާތު ނުކުރެވޭ މިންވަރަށް ޒަހަމްވެގެންނެވެ. (ނުނިމޭ)