ads
ފިނޭންސް މިނިސްޓަރު ޒަމީރު
4.5 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް ވިއްކަން ހުޅުވާލައިފި
ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، ފިނޭންސް މިނިސްޓްރީން އިތުރު 4.5 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ވިއްކަން ހުޅުވާލައިފިއެވެ.
Advertisement

މި ޓީ-ބިލް ވިއްކުމުގެ ބޭނުމަކީ ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދުމާއި އެތެރޭގެ މާކެޓުގައި މާލީ ހަރަކާތްތައް އިތުރުކުރުމެވެ.

މިފަހަރު ވިއްކަން ހުޅުވާލާފައިވާ ޓީ-ބިލްގައި ހަތަރު މުއްދަތެއްގެ އޮޕްޝަން ހިމެނެއެވެ. އެއީ 28 ދުވަހުން ދައްކަން ޖެހޭ 700 މިލިއަން ރުފިޔާގެ ޓީ-ބިލް (3.50 ޕަސަންޓު)، 98 ދުވަހުން ދައްކަން ޖެހޭ 900 މިލިއަން ރުފިޔާގެ ޓީ-ބިލް (3.87 ޕަސަންޓު)، 182 ދުވަހުން ދައްކަން ޖެހޭ އެއް ބިލިއަން ރުފިޔާގެ ޓީ-ބިލް (4.23 ޕަސަންޓު) އަދި 364 ދުވަހުން ދައްކަން ޖެހޭ 1.8 ބިލިއަން ރުފިޔާގެ ޓީ-ބިލް (4.60 ޕަސަންޓު) އެވެ.

ޓީ-ބިލަކީ ސަރުކާރުން ދޫކުރާ ކުރު މުއްދަތުގެ ދަރަނީގެ ވަސީލަތެކެވެ. މިއީ ދިވެހި ރުފިޔާއިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި، މުއްދަތު ހަމަވުމުން މޫނުމަތީ އަގު އަދާކުރާ ގޮތަށް ނަގާ ފައިސާއެވެ. ޓީ-ބިލް ގަންނަނީ ވިޔަފާރި ބޭންކުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އިންވެސްޓްމަންޓް ފަންޑުތަކާއި، ޕްރައިވެޓް ކުންފުނިތަކާއި އަދި އަމިއްލަ ފަރުދުންނެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ އިއުލާނާ ގުޅިގެން، ނިމިދިޔަ ހަފުތާގައި 17 ފަރާތަކުން ޓީ-ބިލްގައި އިންވެސްޓްކޮށްފައިވެއެވެ. އެ ހަފުތާގައި ވިއްކީ 2.1 ބިލިއަން ރުފިޔާ ހޯދުމަށެވެ. މިދިޔަ އަހަރުގެ ޖުލައިގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި 139 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މި އަހަރު ދައުލަތުގެ ދަރަނި 150 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް