
އެމްއެމްއޭއިން ކުރި އިއުލާނެއްގައި ބުނީ އެ ބޭންކުގެ އޮފީހަށް އަޅަން ނިންމާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކަމަށެވެ. އެ ބޭންކުން ބުނީ މި އިމާރާތް ޑިޒައިން ކުރުމާއި އިމާރާތް ކުރުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ބޭނުންވާކަމަށެވެ.
އެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންސަލްޓެންސީގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެމްއމްއޭއިން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ޝައުގުވެރުވާ ފަރާތްތަކުން ބިޑަށް ރަޖިސްޓްރީ ކުރުމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓު (އީއޯއައި) އެ އޮތޯރިޓީން އީމެއިލަށް ހުށައެޅުމަށް ވަނީ އެދިފައެވެ. އަދި އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 10ވަނަ ދުވަހުގެ 11:00 ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭއިން ހުޅުމާލޭގައި އޮފީހެއް އެޅުމަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައި މިވަނީ އެޗްޑީސީން އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައިގެން 15 ބިލިއަން ރުފިޔާ ސަރުކާރަށް ވެއްދުމަށް މަސައްކަތް ކުރަމުންދާ ވާހަކަ ފެންމަތިވެފައި ވަނިކޮށެވެ. އަދި މިކަމުގެ މަޝްވަރާތައް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ކުރަމުން އަންނަކަންވެސް ވަނީ އެނގިފައެވެ.
އެމްއެމްއޭއިން ބިމެއް ގަނެ ސަރުކާރަށް ފައިސާ ވެއްދުމަކީ ފައިސާ ޗާފުކުރުންކަމަށް ބުނެ އިގްތިސާދީ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިކަމުގައި ސަބަބުން ޑޮލަރުގެ އަގު އުފުލު ތަކެތީގެ އަގުތައްވެސް އުފުލިގެންދާނަކަމަށް ސިޔާސީ މާހިރުން އަންނަނީ ބުނަމުންނެވެ.