
މި ބޮޑު ހަދިޔާއަކީ އުރީދޫއަށް 20 އަހަރު ފުރުމާއެކު ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ހަދިޔާއެކެވެ.
ކޮންމެ 20 ދުވަހަކުން އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ހަދިޔާކުރަމުންދާނެކަމަށް އުރީދޫއިން ބުނެފައިވާއިރު، ޖުމުލަ 19 ކަސްޓަމަރަކަށް އުމްރާ ދަތުރު ދޭނެކަމަށް ބުނެފައިވެއެވެ. އަދި އެންމެ ބޮޑު އިނާމުގެ ގޮތުގައި ލަކީ ޑްރޯއެއް މެދުވެރިކޮށް 2 މީހަކަށް ހައްޖު ދަތުރެއް ހަދިޔާކުރާނެކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް މި ކެމްޕޭނަށް ވަކި ޝަރުތުތަކެއް ހިމެނޭކަންވެސް އުރީދޫއިން ފާހަގަކޮށްފައިވެއެވެ.
އުރީދޫގެ 20 އަހަރީ ދުވަހާ ގުޅިގެން ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކުރުމަށް ހަމަޖެހިފައިވާކަމަށް އުރީދޫއިން ބުނެފައިވެއެވެ. މީގެ ތެރޭގައި އެޕަލް ވޮޗު ސެލިއުލާ ސާވިސް ތައާރަފުކުރުމާއި، "ސްމާޓާ ހޯމް" އިނީޝިއޭޓިވް ލޯންޗްކުރުމާއި، ހުޅުމާލެއާއި އައްޑޫ ސިޓީގައި ފަން ރަން ބޭއްވުން ހިމެނެއެވެ. މީގެ އިތުރުން 3 ތަނެއްގައި މަސްރޭސްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ކުންފުނީގެ އާ ސަފީރެއްގެ ގޮތުގައި އާދަމް ރަޝީދު ހަމަޖައްސާފައިވާކަންވެސް އުރީދޫއިން އިއުލާންކޮށްފައިވެއެވެ.