ads
ޕްރިފަރެންޝަލް ވޯޓިންއަކީ ކޮބާ؟ ސިޔާސީން ދެކެނީ ކިހިނެތް؟
ޕްރިފަރެންޝަލް ވޯޓިންއަކީ ކޮބާ؟ ސިޔާސީން ދެކެނީ ކިހިނެތް؟
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުން އެގޮތަށް ދެކޭނަމަ 2028 ގެ އިންތިހާބު ކުރިއަށް ގެންދާނީ އެއްބުރަށް ކަމަށްވެސް ރައީސް އެ ދުވަހު ވިދާޅުވި އެވެ.
Advertisement

އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ ދިރާސާތައް ކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި އޭރުން ހަރަދު ވެސް ކުޑަކުރެވޭނެ އެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ ބައެއް މުހިންމު ކަންކަން ތައާރަފު ކުރުމަށްޓަކައި ރައްޔިތުންގެ ގާތު އަހައިގެން ނިންމުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

"މާނައަކީ އެއްބުރުން [ރިޔާސީ އިންތިހާބު] ނިމޭނެ. އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން. އެކަމަކު، ދިރާސާ ކޮށްފައި އަޅުގަނޑު ގަސްދުކުރަން އެއީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން އެދޭ ކަމަށް ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން،" ރައީސް އޭރު ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހު މުލީއާގޭގައި، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެ މަސައްކަތުގެ ތަފުސީލް ހިއްސާކުރައްވައިފަ އެވެ. އެއަށް ފަހުގައި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި އެކްޓިވިސްޓުން ގެންދަވަނީ ޕްރެފެރެންޝަލް ވޯޓިން ސިސްޓަމެއް ގެންނަން ތާއީދުކޮށް ސޯޝަލް މީޑިއާގައި "ޕްރެފެރެންޝަލް ވޯޓިން" ހޭޝްޓެގަކާއެކު ކެމްޕެއިނެއް ހިންގަމުންނެވެ.  

މި ކެންޕެއިިންނަށް ސަރުކާރުގެ ބޭރުން އެންމެ ފުރަތަމަ ތާއީދު ކުރެއްވި އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެމަނިކުފާނު ވަނީ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން އަށް ދިޔުމަށް ތާއިދު ކުރައްވާފައި އެވެ. 

އެކްސްގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕްރިފެރެންޝަލް ވޯޓާއާ އެކު ނަމަ އެއް ބުރުން ވޯޓުލާ ނިންމައި ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ޕްރިފެރެންޝަލް ވޯޓިންއާ އެކު ނަމަ އެއްބުރުން ވޯޓުލާ ނިންމައި ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް އަޅުގަނޑު ވެސް ދެކެން،" މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ނަޝީދުގެ ޕޯސްޓުގައިވެ އެވެ.

ރައީސް ނަޝީދަށް ފަހު ޕްރިފެރެންޝަލް ވޯޓިންއަށް ސަރުކާރުގެ ބޭރުން ދެން ތާއީދު ކުރެއްވީ ގާނޫނު އަސާސީ އިސްލާހުކުރި މަޖިލީހުގެ މެމްބަރު އިބްރާހިމް އިސްމާއިލް(އިބްރާ) އެވެ. 

އިބްރާ ވިދާޅުވީ އެއްބުރުން ވޯޓްލާން ތާއީދުކަމަށެވެ. އެހެން ނަމަވެސް ޕްރިފަރެންޝަލް ވޯޓިން "އެންމެ ގިނަ ވޯޓް ހޯދާމީހާ ހޮވޭގޮތަކަށް" ތާއީދުކުރި ނަމަވެސް (%50 އަށްވުރެ ދަށުން) ހޮވެން ތާއީދެއްނޫންކަމަށް އިބްރާ ވިދާޅުވިއެވެ. މީގެ އިތުރުން ރިޔާސީ ދައުރުގެ މުއްދަތު ބަދަލު ކުރަން ފެންނަކަމަށްވެސް އިބްރާހިމް ވިދާޅުވި އެވެ. 

"ރިއާސީ ދައުރު 4 އަހަރަށްކުރުކޮށް، ވިދިވިދިގެން ދެ ދައުރު އެކަކަށްވެސް ނުލިބޭގޮތަށްވެސް ފެނޭ. ހާއްސަ މަޖިލިހުގައި އަހަރެން ވަކާލާތުކުރީ މިގޮތަށް. ފާހެއްނުވި." އިބްރާ ވިދާޅުވި އެވެ.

އިބްރާގެ މި ވާހަކަތަކަށް ތާއީދު ކުރެއްވިޔަސް "ބޯގަންވިލާ" އިން ފައްޔާޒު މި ވާހަކަތަކަށް ދެކޮޅު ހައްދަވަ އެވެ. ރިޔާސީ އިންތިހާބު އެއްބުރު ބާއްވަން ސަރުކާރުން ގެންނަން އުޅޭ އިންތިހާބީ އިސްލާހަކީ ވޯޓުލާ މީހުންގެ އަޑު ހަނިކުރަން ދައްކާ ބަހަނެއް ކަމަށް ސިފަކުރައްވާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވަނީ ވިދާޅުވީ މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާން ކުރާ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވަން ވާނީ ވޯޓުލާ އާބާދީގެ އަގުލަބިއްޔަތު ލިބި ސާފު މެންޑޭޓަކާއެކު ކަމަށެވެ.

"އިސްރާފުބޮޑު ބޭކާރު އެތަށް ހަރަދުތަކެއް [ސަރުކާރުން ކުރަމުންދާއިރު] ހަރަދު ކުޑަކުރުން ނަމުގައި ގެންނަން އުޅޭ މި އިސްލާހުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް،" އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ އިޝާރާތެއް މިހާރު ވެސް ކޮށްފައިވާ ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ފަދައިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަށް ނިޒާމު ބަދަލު ކުރަން އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ދެކޮޅެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ވޯޓުލާ ނިޒާމަށް ބަދަލުގެންނަން މިހާރު ދައްކާ ވާހަކަތަކަކީ ވޯޓު ގުނުން އެތައް ބުރަކަށް ދަންމާލައި، ފޮށިތައް މާލެ ގެނެސް ވޯޓު އޮޅުވާލުމަށް ރާވާ ރޭވުމެއް ކަމަށެވެ.

ޝާހިދު ދެކެވަޑައިގަންނަވާ ގޮތުގައި ވޯޓު ގުނަންވާނީ ވޯޓުލީ މަރުކަޒެއްގައި އެންމެންގެ ކުރިމަތީގަ އެވެ. އިންތިހާބުވާ ކެންޑިޑޭޓަކަށް ވޯޓުލީ މީހުންގެ ސާފު އަޣްލަބިއްޔަތު ލިބެންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"މި ސޮއްސާލަނީ ކުޑަ ކާފު ބޮޑު ކާފުގެ ޒަމާނަށް. ކިތަންމެ މޮޅު ނަމެއްކިޔަސް އިހްލާސްތެރި ކަމުގެ ޒައްރެއްވެސް ނެތް. ނިޔަތަކީ ވޯޓު ފޮއްޓަށް އަތް ބޭނުން. ވޯޓު އޮޅުވާލުން،" ޝާހިދު ވިދާޅުވި އެވެ.

އެއްބުރަށް ރިޔާސީ އިންތިހާބު ބަދަލުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެއީ ހަރަދުގެ ގޮތުން ބަލާއިރު ވެސް ލުއި ގޮތެއް ކަމަށް ދެކިގެންނެވެ. ފުރަތަމަ ބުރުން ވެސް ވޯޓުލާ އާބާދީގެ ފުރިހަމަ މެޖޯރިޓީ ނުވަތަ 50 އިންސައްތަ ވުރެ މަތިން ރުހުން އޮތް ކަން ޔަގީންކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ގާނޫނުއަސާސީ އަކީ އެ ވަގުތަކު ވެރިކަމުގައި ހުންނަވާ ބޭފުޅަކު މީހަކު ބޭނުންވެވަޑައިގަތުމުން ބޭނުންވާ ގޮތަކަށް ބަދަލު ގެނެވޭނެ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ.

"އިތުރު ދައުރެއް ހޯދުމަށް ގާނޫނުއަސާސީ ބަދަލު ކުރުމަކީ ރަނގަޅު ގޮތެއް ނޫން. ގާނޫނުއަސާސީއަކީ ހުރިހާ ރައްޔިތުންގެ ޝާމިލްވުމާއި ހައްގު ކަށަވަރުކޮށްދޭ އެއްޗެއް،" އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ފައިސަލް ވިދާޅުވި އެވެ. "އެއީ ރަމްޒީ އެއްޗެއް ނޫން." ގާނޫނު އަސަސީ އެކުލަވައިލި މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ފައިސަލް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް މީހަކު އިންތިހާބުވާން ޖެހޭނީ، ވޯޓް ދޭ މީހުންގެ އަގުލަބިއްޔަތުން ކަމަށެވެ. ރާއްޖޭގެ ބައެއް ޕާޓީތަކުން މިކަމުގައި ދެކޭގޮތް އަދި ހާމައެއް ނުކުރެ އެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީ އަދި ދަ ޑިމޮކްރެޓްސް އެވެ.

ޕްރިފެރެންޝަލް ވޯޓިން ވަހުސް އަށް ހިޔާލު ފާޅު ކުރައްވަމުން ކުރީގެ އެޓާނީ ޖެނެރަލް ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވި ޕްރެފެރެންޝަލް ވޯޓިންއަކުން އާންމު ރައްޔިތަކަށް ވާނެ އިތުރު މޮޅެއް ނެތް ކަމަށާއި ރާއްޖޭގައި ސިޔާސީ ރާޒުވާ ކުޅިބައި ދުވަނީ ފޮރުވިފަވާ ކަޅު ފައިސާޔާ ފަސާދައިން މަންފާ ހޯދާ ބަޔަކު ބޭނުންވާ ގޮތަށް ކަމަށެވެ. އެއީ އާންމު ރައްޔިތަކަށް އަތްފޯރާ ހިސާބެއްގެ ހިނގާ ކަންކަމެއް ނޫން ކަމަށް ސަވާދު ވިދާޅުވި އެވެ.

"ޕްރެފެރެންޝަލް ވޯޓިންގް ނިޒާމުގެ ވާހަކަ ދެއްކުމުގެ ކުރިން ފަނޑިޔާރުގެ މިނިވަންކުރަން ޖެހޭ، ބައިތުލްމާލުން ކުރި/ކުރާ ވައްކަން ހުއްޓުވާ ވަގުން ހައްޔަރުކުރަން ޖެހޭ، ދޮގާ ފަސާދަ ވިއްކާ މީހުނަށް ހާކިމުގެ މަގާމު ހަވާލުނުކުރުން." ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޓާނީ ޖެނެރަލް ކަމާއި ޓޫރިޒަމް މިނިސްރުކަން ކުރެއްވި ސަވާދު ވިދާޅުވި އެވެ. 

ރައީސް ޑރ. މުއިއްޒު ސަރުކާރުން "ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުން" މި ވަކާލާތަށް ބައެއް ބޭފުޅުން ވަރަށް ބޮޑަށް ގާނޫނީ ސުވާލު ވެސް ވަނީ އުފައްދާފަ އެވެ. އެގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ނުދާނެހެން، އެއްބުރުން ރައީސަކު ހޮވޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ގޮވައިލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ހުވަޔާ ހިލާފުވުން ކަމަށާއި، އެއީ ގާނޫނުއަސާސީގެ ދަށުން އެމަނިކުފާނު އަޒުލުކުރެވޭނެ އަމަލެއް ކަމަށެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ މުތުލަގު މެޖޯރިޓީއެއް ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ނުލިބި، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވޭގޮތަށް މަގުފަހިކުރުމަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފު، ގައިރު ދުސްތޫރީ އަމަލެއް ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިންތިޚާބުގައި ބައިވެރިވެ ވޯޓު ދިން މީހުންގެ 50 އިންސައްތަ + 1 ވޯޓު، ނުވަތަ ވޯޓު ދިން މީހުންގެ މުތުލަގު މެޖޯރިޓީ އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ނުވާ ހާލަތުގައި، އިންތިޚާބުގެ ދެވަނަ ބުރެއް ނުބާއްވައި، ސިމްޕަލް މެޖޯރިޓީ ލިބިގެން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ހޮވެން މަގު ފަހިކުރުމަކީ އަނެއްކާވެސް، ކަނޑައެޅިގެން ގާނޫނުއަސާސީގައި އިސްތިގުރާރުވެފައިވާ އަސާސީ މަބްދައެއް ކަމަށްވާ ދީމިގުރާތީ ނިޒާމާއި ހިލާފު ގައިރު ދުސްތޫރީ އަމަލެއްކަމާމެދު އެއްވެސް ހިލާފެއް ނެތެވެ،" އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

އަދި އެއީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްޙޫރިއްޔާ އަޒުލުކުރަންޖެހޭ ފަދަ އަމަލެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

  • ޕްރިފަރެންޝަލް ވޯޓިންއަކީ ކޮބާ؟

ޕްރެފެރެންޝަލް ވޯޓިން ސިސްޓަމަކީ ޑިމޮކްރެޓިކް ގިނަ ގައުމުތަކެއްގައި މިހާރު ވެސް އަމަލުކުރަމުންދާ ނިޒާމެކެވެ. އޭގެ ތެރޭގައި އަވައްޓެރި ސްރީލަންކާގައި ރިޔާސީ އިންތިހާބު އަދި އިންޑިއާގައި ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ވޯޓުގައި އެ ސިސްޓަމް ބޭނުންކުރެ އެވެ.

ހުރިހާ ވޯޓެއްގައިހެން ޕްރެފެރެންޝަލް ވޯޓިން ސިސްޓަމް ތައާރަފުކޮށްގެން، އެ ކަމަށް މަޝްހޫރުވެފައިވަނީ އޮސްޓްރޭލިއާއާއި އަޔަލޭންޑެވެ. ބަރުލަމާނީ ނިޒާމަކަށް ހިންގަމުން އަންނަ އޮސްޓްރޭލިއާގެ އާންމު މަޖިލީހުގެ އިތުރަށް ކޮންމެ ސްޓޭޓެއްގެ މަޖިލީހާއި އެހެން އާންމު އިންތިހާބުތަކުގައި ވެސް ބޭނުންކުރަނީ "ފުލް ޕްރިފެރެންޝަލް ވޯޓިން" އެވެ. 

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ލަންކާގައި މި އުސޫލު ބޭނުންކުރަނީ ހަމައެކަނި އެ ގައުމުގެ ރިޔާސީ އިންތިހާބުގަ އެވެ. ނަމަވެސް އިންޑިއާގައި، އާންމުންގެ ވޯޓުތަކުގައި ޕްރެފެރެންޝަލް ވޯޓިން ބޭނުމެއް ނުކުރެ އެވެ. މަޖިލިސް މެންބަރުންނާއި ލީގަލް އެސެމްބްލީގެ މެންބަރުން ނަގާ ވޯޓުތަކުގައި އެ ކަން ބޭނުންކުރެ އެވެ. ރާއްޖޭގެ ރިޔާސީ އިންތިހާބަށް ޕްރެފެރެންޝަލް ވޯޓިން ފައްތާނަމަ އެއާ އެންމެ ގުޅޭ ގޮތެއް މި އޮތީ އޮސްޓްރޭލިއާގަ އެވެ.

މިހާރު ދިވެހީން ވޯޓުލަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ވެސް އެއް ކެންޑިޑޭޓަކަށެވެ. އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ހެޔޮ ފާހަގައެއް ޖަހަނީ އެވެ.

އެކަމަކު، ޕްރިފަރެންޝަލް ނިޒާމެއްގައި ލާނީ ހެޔޮ ފާހަގައެއް ނޫނެވެ. ވޯޓު ދޭން ޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓުކޮށްގެން؛ އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ތިނެއް، މިފަދަ ގޮތަކަށެވެ. ދެން އެންމެ ކަމުދާ ކެންޑިޑޭޓު ތަރުތީބުކުރާނީ އެވެ. 

އެ ފަދަ ނިޒާމެއްގައި އެއް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ނުލިބިއްޖެ ނަމަ ދެން ބަލާނީ އެންމެ ގިނަ މީހުން ދެވަނައަށް ފާހަގަޖެހީ ކާކަށްތޯއެވެ. އެ ރޭޓިން ގުނަން ފަށާނީ އެއްވަނަ ރޭޓިން މަދުން ލިބުނު ކެންޑިޑޭޓުން ނުލައެވެ. އެއް ކެންޑިޑޭޓަކަށް 50 އިންސައްތަ ހަމަވަންދެން އެ އުސޫލުން ކުރިއަށް ގެންދާނެ އެވެ. އެހެންވެ، ދެވަނަ ބުރަކަށް ނުގޮސް އިންތިހާބު ނިންމާލެވޭނެ އެވެ. 

ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވަން ޖެހޭ ގޮތް ބަދަލުކޮށް، ޕްރެފެރެންޝަލް ވޯޓިން ސިސްޓަމަކުން އެއްބުރުން ރިޔާސީ އިންތިހާބު ނިންމަން ސަރުކާރުގެ އިސް ބޭފުޅުންނާއި ސަރުކާރުގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށައިފައިވާއިރު މި ކަމަކީ ފުޅާ ދާއިރާއެއްގައި ބަހުސްކޮށް ނިންމަންޖެހޭނެ ކަމެކެވެ. މިއީ ބޮޑު ދެ ޕާޓީގެ "ގަދަ ހިފުމެއް" ނޫނެވެ. މިއީ "ޕާޓީ ކުދިންގެ" ކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ފުރިހަމަ އަގުލަބިއްޔަތު އޮތުމުން އަވަސް ކޮށް "ރަބަރު ސްޓޭމް" ކުރަން ޖެހޭ ވަރަށް ވުރެ ބޮޑު ކަމެކެވެ. އަދި މިއީ 2007 ވަނަ އަހަރު ނެގި ފަދަ ކުއްލި "ފެންނަ ނުފެން" އަކަށް ވެގެން ވެސް ނުވާނެ އެވެ. 

ޕްރެފެރެންޝަލް ވޯޓިން ސިސްޓަމަކަށް ރާއްޖެ ބަދަލުވާނަކަމަ މީ ގައުމީ ބަހުސެކެވެ. ގައުމީ ނިންމުމެކެވެ. ޕްރިފަރެންޝަލް ވޯޓުގެ ބަހުސް ނުވަތަ ވަކާލާތް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ގާނޫނީ އިޖްތިމާއީ ފަންނުގެ މީހުންގެ މެދުގައި ވަރުގަދަ ކުރަމާ ބަހީ އެވެ. ގޮތެއް ނިމެންވާނީ ހޭލުންތެރި ރައްޔިތެއްގެ ވޯޓުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް