
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ މިދިޔަ ސަރުކާރުގައެވެ. އެ ކަން ކޮށްފައިވަނީ އޭރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް 2023 ވަނަ އަހަރުގެ އޮގަސްޓް 30 ގައެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށްފަހުވެސް ތިނަދޫ ސިޓީއެއްގެ ގޮތުގައި ބަލާ ސިޓީގެ ދަރަޖަ ވަނީ އެރަށް ދީފައެވެ.
ތިނަދޫއަށް ސިޓީގެ ދަރަޖަ ދިން މައްސަލަ އުފެދުނީ އެރަށުގެ އާބާދީގައި 10،000 މީހުން ހަމަނުވަނީސް އޮޅުވާލައިގެން އެ އަދަދު ހަމަކުރިކަމަށް ބުނެ އެ މައްސަލަ ފެންމަތިކުރުމުންނެވެ.
ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ އުނިކުރަން އެދި ގާނޫނީ ވަކީލު އަޙުމަދު ރާގިބު ވަނީ ހައިކޯޓަށްވެސް ހުށައަޅާފައެވެ. އެހެންނަމަވެސް ކޯޓުން ވަނީ އެ މައްސސަލަ ބަލައި ނުގަނެ ބޭރުކޮށްލާފައެވެ.
އޭފެގަހުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ ތިނަދޫ ސިޓީގެ ދަރަޖަ އުނިކުރަން ރައްޔިތުން މަޖިލިހަށްވެސް ހުށައަޅާފައެވެ. ސައުދު ހުށައެޅި މައްސަލާގައި ބުނީ ތިނަދޫގެ އަސްލު އާބާދީ 8،000 އަށް ވެސް ނާރާ ކަމަށް އެލްޖީއޭ އަދި ޑީއެންއާރަށް އެނގިފައިވާކަމަށެވެ. އަދި އެ ރަށުގެ ރަޖިސްޓްރީގައި އެހެން ރަށްރަށުގެ މީހުންގެ ނަން ހިމަނައި، ތަކުރާރުކޮށް އެކެއްގެ ނަން ޖަހައި، މަރުވެފައިވާ މީހުން ދިރިތިބި މީހުންގެ ގޮތުގައި ހިމަނާފައިވާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.
މި މައްސަލަ ބެލުމަށް ފުލުހުންގެ ޓިމެއް މިހާރު އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުންމެވެ. ފުުލުހުން ބުނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ އޮޅުވާލައިގެންކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް އެ އިދާރާގެ ޓީމެއް އެރަށުގައި އުޅޭކަމަށެވެ. އެހެންނަމަވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.
ތިނަދޫ ސިޓީ ކައުންސިލްގެ ކޮރަޕްޝަން މައްސަލަތަކެއް ހުރިކަމަށް ބުނެ އެންޓީކޮރަޕްޝަން ކޮމިޝަނުންވެސް ވަނީ އެ ކައުންސިލަށް ވަދެފައެވެ. އެހެންނަމަވެސް އެ ފަހަރު ކައުންސިލުން ބުނީ ކާކުކަން ނޭގޭ ބަޔަކު ވަދެ ކައުންސިލުން ވައްކަންކޮށްފައިވާތީ އެކަން ފުލުހުންނަށް ހުށައެޅިކަމަށެވެ.