
އާސަންދައަށް ކުރި ހަރަދު 21 ޕަސަންޓު އިތުރުވެއްޖެއެވެ. މާލީ ކަންތައްތަކާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން އަހަރުގެ މިހާތަނަށް އާސަންދައަށް 670.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މިއަދަދު ހުރީ 554 މިލިއަންގައެވެ.
ދައުލަތުގެ ބަޖެޓުން ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެގޮތުގައި މިމަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 2.76 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 0.36 ޕަސަންޓު ދަށް އަދަދެކެވެ. ސަބްސިޑީއަށް ކޮށްފައިވާ ހަރަދު ދަށްވެފައިވީނަމަވެސް އާސަންދައަށް ކޮށްފައިވާ ހަރަދު ވަނީ އިތުރުވެފައެވެ.
އަހަރުގެ މިހާތަނަށް ސަބްސިޑީއަށް 986.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތަރު ބައިކުޅަ އެއް ބަޔަށް ވުރެ ދަށް އަދަދެކެވެ. މާލީ ވުޒާރާއިން ވިދާޅުވީ، ސަބްސިޑީއަށް ކުރި ހަރަދު ދަށްވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމުގެ ސަބަބުން، ތެޔޮ އެތެރެކުރަން ދޭ ސަބްސިޑީއަށް ކުރި ހޭދަ ދަށްވުމުން ކަމަށެވެ. މީގެ އިތުރުން ކައުންސިލްތަކަށް ދޭ ގްރާންޓުވެސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.5 ޕަސަންޓު ދަށްވެފައެވެ.