
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ އޭގެ ތެރެއިން 10 ތަނެއް ދޫކޮށްފައިވަނީ ކްލޯސްޑް ބިޑިން އުސޫލުން ކަމަށާއި، ތިން ތަނެއް ދޫކޮށްފައިވަނީ ކްރޮސް ސަބްސިޑީގެ އުސޫލުން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އޯޕަން ބިޑިންގެ ދަށުން ދޫކުރުމަށް އިތުރު ތިން ތަނެއް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ކެލާގެ ފަޅު ތެރޭގައި ހަދަން ޕްލޭންކޮށްފައި އޮތް ދެ ރަށާއި ކާށިދޫ ފަޅުގައި ހަދާ ރަށް ވަނީ ޓެންޑަރު ކުރެވިފައިކަން އޭނާ ފާހަގަކުރެއްވި އެވެ.
މިއަހަރު ތެރޭގައި 1،290 އެނދު ޓޫރިޒަމް މާކެޓަށް ނެރުމަކީ އެމިނިސްޓްރީގެ އަމާޒެއް ކަމަށާއި އެކަން ހާސިލު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ. މިވަގުތު ޓޫރިޒަމް ގައި 156 ރިސޯޓެއް ތަރައްގީ ކުރަމުން އަންނައިރު، އެކި ސަބަބުތަކާ ހުރެ 61 ރަށެއްގެ މަސައްކަތް ހުއްޓިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތް މިހާރު ދެމުން ގެންދަނީ 65 ދިވެހި ބްރޭންޑާއި 110 އިންޓަނޭޝަނަލް ބްރޭންޑުންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޓޫރިޒަމްގެ އާ މާސްޓަ ޕްލޭންގެ ތެރެއިން 2027 ވަނަ އަހަރު ޓޫރިޒަމުން ލިބޭ އާމްދަނީ 6 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާކަން ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގް ހާމަކުރެއްވި އެވެ. ފާއިތުވި 2023 ވަނަ އަހަރު ޓޫރިޒަމް ދާއިރާއިން ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަން ވެސް މިނިސްޓަރު ތޯރިގް ފާހަގަކުރެއްވި އެވެ.