
މިދިޔަ މަހުގެ 21 ވަނަދުވަހުގެރޭ ޝަމްއާން ވަހީދު ހައްޔަރުކޮށް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެެއްޓުމަށް މުއްދަތު ޖަހައިފައެވެ.
ޝައްމާންގެ ބަންދުގެ މައްސަލައިގެ އިސްތިއުނާފު އަޑު އެހުންތައް ނިންމާލީ މިދިޔަ ބުދަދަުވަހުއެވެ. ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން، ޝައްމާންގެ މައްސަލަ ކުރިއަށް ގެންދިޔައިރު، ދެ ދުވަހެއްގެ މަތިން ތިން ގަޑިއިރަށްވުރެ ގިނައިރު، ޝައްމާންގެ ހައްޔަރާ ގުޅިގެން ކޯޓުގައި ދެފަރާތުން ވަކާލާތުކުރިއެވެ.
ޝަމްއާން ވަހީދު އާއިމެދު ފުލުހުން އަމަލު ކުރަނީ، މީގެ ކުރިން އެއްވެސް މީހަކާއިމެދު އަމަލު ނުކުރާ އުސޫލަކުން ކަމަށް އޭނާގެ ފަރާތުން ހައިކޯޓުގައިވަނީ ބުނެފައެވެ.
ބަންދުގެ މައްސަލަ ނިންމާ ހައި ކޯޓުން މިއަދު އިއްވި ހުކުމްގައިވަނީ ޝަމްއާންގެ ފަރާތުން ހުށަހެޅި އެއްވެސް ނުކުތާއަކުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ ގާނޫނުތަކާއި އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބާރުދޭނެ ކަމެއް ދެއްކެވިފައި ނުވާ ކަމަށެވެ.
މީގެއިތުރުން ކޮރަޕްޝަންގެ ތުހުމަތު އޮތް ނަމަވެސް މަނީ ލޯންޑަރިންގެ ތުހުމަތު ފުލުހުންނަށް ވަކިން ތަހުގީގު ކުރެވޭނެ ކަމަށްވެސް ހައި ކޯޓުގެ ހުކުމުގައިވެއެވެ.
ޝައްމާންގެ އަނބިކަނބަލުން ހިދުފާ ފާއިޒް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ފިރިކަލުން ޝަމްއާން ހައްޔަރުކޮށްފައި ވަނީ "ނުހައްގުން، ފްރޭމްކޮށްގެން" ކަމަށެވެ. އެހެންނަމަވެސް މި ވާހަކަތައް ފުލުހުންގެ ކަންކަން ބަލަހައްޓާ ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ދޮގުކުރައްވާފައެވެ.