
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މިމަހުގެ 28 އިން މޭ މަހުގެ 1 އަށް ބޭއްވޭ މާކެޓުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. އަދި މި ރަސްމިއްޔާތުތަކުގައި ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއެމްޕީއާރްސީން ފުރަތަމަ ސޮއިކޮށްފައިވަނީ އެމިރޭޓްސް އެއަރލައިނާއެކުއެވެ. މި އެއްބަސްވުމުގެ ދަށުން އެމިރޭޓްސް ދަތުރުކުރާ ސަރަހައްދުތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށާއި ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އެކުގައި މަސައްކަތް ކުރާނެއެވެ. ދެވަނައަށް ސޮއިކޮށްފައިވަނީ ގަތަރު އެއަރވޭސްއާއެކުއެވެ. މި އެއްބަސްވުމުގެ ދަށުން ގަތަރު އެއަރވޭސްއިން ރާއްޖޭގެ ޓޫރިޒަމް އެކި ސަރަހައްދުތަކުގައި ޕްރޮމޯޓްކޮށް، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރާނެއެވެ.
މީގެ އިތުރުން ރަޝިއާ އަދި ސީއައިއެސް މާކެޓުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ރިސޯޓް ލައިފް ކުންފުންޏާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ. އަދި އިންޑިއާ މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް އިންޑިއާގެ ޓުއަރ އޮޕަރޭޓަރުންގެ ޖަމްއިއްޔާއާއެކުވެސް އެމްއެމްޕީއާރްސީން ވަނީ ސޮއިކޮށްފައެވެ. އެމްއެމްޕީއާރްސީން ބުނީ މި އެއްބަސްވުންތަކާއެކު، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.