ads
މިނިސްޓަރު ފައްޔާޒު-- ފޮޓޯ: ޕީއެސްއެމް ނިއުސް
އަންނަ ހަފުތާގައި ވިޔަފާރިތަކަށް ފައިސާ ދޫކުރަން ފަށަނީ
ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ކުންފުނިތަކަށް ދޫކުރަން ނިންމާފައިވާ 2.5 ބިލިއަން ރުފިޔާގެ ރިލީފް ފަންޑުން އަންނަ އާދިއްތަ ހިސާބުގައި ވިޔަފާރިތަކަށް ފައިސާ ދޫކުރަން ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ލޮކްޑައުންގެ ސަބަބުން މަސައްކަތްތައް ހުއްޓުންނަމަވެސް މީގެ ދެ ދުވަހެއް ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ވަނީ ބައެއް މުވައްޒަފުން މަސައްކަތަށް ނެރެން ހުއްދަދީފައި ކަމަށާއި އެގޮތުން މިހާރު އަންނަނީ ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެސްއެމްއީ ބޭންކަށް އެކަނި ވެސް 700 އެއްހާ ފޯމު ހުށަހަޅާފައިވާއިރު މިއިން ކޮންމެ ފަރާތަކަށް ފައިސާ ދޫނުކުރެވިދާނެ ކަމަށެވެ. އެކަމަކު އުސޫލުތަކުގެ ތެރެއިން 150-200 އެއްހާ ދެމެދުގެ ވިޔަފާރިތަކަށް ފައިސާ ފޯރުކޮށްދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް މިވަގުތު ފޯމުތައް ޕްރޮސެސް ކުރަމުން އަންނައިރު މިކަމުގެ ތަފްސީލު އަދި ނޭނގޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

ސްޓިމިއުލަސް ޕެކޭޖުގެ ދަށުން 10 މިލިއަނަށް ވުރެ މަތިން އާމްދަނީ ލިބިފައިވާ ރިސޯޓުތަކަށް ލޯނު ހުޅުވާލާނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކަމަށާއި 10 މިލިއަނަށް ވުރެ ދަށުން އާމްދަނީ ލިބިފައިވާ ރިސޯޓްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ހުޅުވާލާނީ އެސްއެމްއީ ޑިވެލޮޕްމެންޓް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވި އެވެ. 

ސިޓިމިއުލަސް ޕެކޭޖު ރޭވިފައި އޮތް ގޮތަށް ބަލާއިރު އުއްމީދަކީ އެންމެންގެ ވަޒީފާ ހިމާޔަތްކޮށް ވަޒީފާ ގެއްލޭ ހާލަތުގައި ވެސް ކޮންމެވެސް އެހީއެއް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އިގްތިސާދު އަލުން ހިނގަން ފަށާއިރު ކުރިއަރައިގެން ދާނެ ގޮތް ހޯދާދެވޭނީ ސްޓިމިއުލާސް ޕެކޭޖު މެދުވެރިކޮށް ކަމަށް މިނިސްޓަރު އަމީރު ފާހަގަކުރެއްވި އެވެ. 

ސިޓިމިއުލަސް ޕެކޭޖުގެ ދަށުން ލުއި ދެވޭ ލޯނުތަކުގެ ތެރޭގައި ބީއެމްއެލް އިން ނަގާފައިވާ ޕާސަނަލް ލޯނުތަކާއި ހައުސިން ލޯން އަދި ބިޒްނަސް ލޯނުތައް ވެސް ހިމެނޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް