ads
އެސްޓީއޯ ހެޑް އޮފީސް އިމާރާތް
މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 583 މިލިއަން ރުފިޔާގެ ފައިދާއެއް
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއިން 583 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
Advertisement

އެ ކުންފުނިންވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކޮށްފައެވެ. 

އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ކުންފުނީގެ އާމްދަނީއަށް އަސަރުކުރި ނަމަވެސް، ކުންފުނީގެ ހިންގުމުގެ ދާއިރާއާއި މާލީ ހާލަތު ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފައިވާކަމަށެވެ. ތެލުގެ ވޮލިއުމް އިތުރުވެ، ގެނެރަލް ޓްރޭޑިން، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ހެލްތްކެއާ ސޮލިއުޝަންސްގެ ވިޔަފާރީގެ ދާއިރާތަކުން ލިބޭ އާމްދަނީ ދެމެހެއްޓުމާއި، ކުންފުނީގެ އޮޕަރޭޝަނަލް އަދި އިންވެސްޓްމަންޓްތަކަށް ބޭނުންވާނޭ ފައިސާ ހަމަޖެއްސުމަށް އެކަށީގެންވާ ފަންޑު ބެހެއްޓުމާއިއެކު އެކަށީގެންވާ މާލީ ނަތީޖާއެއް ހާސިލްކުރެވިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. 

ފުރަތަމަ ކުއާޓާގެ ފައިދާ

އެސްޓީއޯއިން އާއްމުކުރި މާލީ ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޖުމްލަ ފައިދާގެ ގޮތުގައި 583 މިލިއަން ރުފިޔާ އެކުންފުންޏަށް ވަނީ ލިބިފައެވެ. އެހެންނަމަވެސް މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ފައިދާއަށް ވުރެ ދަށް އަދެދެކެވެ. މިދިޔަ އަހަރު ފުރަތަމަ ކުއާޓަާގައި ފައިދާގެ ގޮތުގައި ލިބުނީ 617 މިލިއަން ރުފިޔާއެވެ. 

އެސްޓީއޯއިން ބުނީ މިއަހަރު ފުރަތަމަ ކުޢާޓާގައި ފައިދާ ދަށްވި މައިގަނޑު ސަބަބަކީ ކުންފުނިން ތެޔޮ ވިއްކާ އަގު ދަށްކުރިކުރުންކަަމަށެވެ. އެހެންނަމަވެސް މުހިންމު ދާއިރާތަކުގެ ވިޔަފާރީގެ މިންވަރު ދެމެހެއްޓިފައިވާކަމަށް އެކުންފުނިން ބުނެއެވެ. 

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި 263 މިލިއަން ރުފިޔާ ވަނީ އެސްޓީއޯއަށް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު 308 މިލިއަން ރުފިޔާ އަދި ކުރީ ކުއާޓާގައި ލިބުނު 300 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެއްކަމަށް އެސްޓީއޯއިން ބުނެއެވެ. 

ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 169 މިލިއަން ރުފިޔާއެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު 195 މިލިއަން ރުފިޔާއާ އަޅާބަލާއިރު %13.5 ދަށް އަދަދެކެވެ.

ފުރަތަމަ ކުއާޓާގެ އާމްދަނީ 

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ޖުމްލަ އާމްދަނީގެ ގޮތުގައި 4.02 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯގެ މާލީ ހިސާބުތަކުން ދައްކައެވެ.. މިއީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ލިބުނު 3.84 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު %4.6 ގެ ކުރިއެރުމެއްކަމަށް އެސްޓީއޯއިން ބުނެއެވެ. 

ކުރީ އަހަރާ އަޅާބަލާއިރު އާމްދަނީ ދަށްވެފައިވަނީ މައިގަނޑު ގޮތެއްގައި މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރގައި މަތިވެފައިވާ ބައިނަލްއަގްވާމީ ތެލުގެ އަގުތައް އާންމު ހާލަތަށް އައުމުގެ ސަބަބުންކަމަށް އެސްޓީއޯއިން ބުނެއެވެ. 

your imageއެފްއެސްއެމްގެ ޕެޓްރޯލް ޝެޑަކުން ސައިކަލަކަށް ޕެޓްރޯލް އަޅަނީ: - ފޮޓޯ:މިހާރު

ކުންފުނިން އަމާޒުކޮށްފައިވަނީ ތެލުގެ ވިޔަފާރިއާއި ހޯލްސޭލް މާކެޓް ފުޅާކުރުމާއި، އަދި މީގެ އިތުރުން އައު މުދާ ތަޢާރަފުކޮށްގެން އާމްދަނީ އިތުރުކުރުމަށްކަމަށް އެސްޓީއޯއިން ބުނެއެވެ. މުހިންމު އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ކުރިއަށްދާއިރު އަދި ޑިޖިޓަލް ޕްލެޓްފޯމްތައް ހަރުދަނާވަމުންދާއިރު، ވަރުގަދަ އަސާސްތަކާއި ޒިންމާދާރު މާލީ މެނޭޖްމަންޓުގެ އެހީގައި، ކުރިއަށް އޮތް ދުވަސްތަކުގައި ކުންފުނިން ކުރިއެރުމުގެ ދުވެލި އަލުން ހޯދުމަށް ތައްޔާރުވެފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް