
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުންދިޔަ މުޒާހަރާބާރުގެ ބޭނުންކޮށްގެން ރޫޅާލައި ފުލުހުން ވަނީ ރޭ ދެ ޒުވާނަކު ހައްޔަރުކޮށްފައެވެ.
ފުލުހުން ހައްޔަރުކުރީ އުމުރުން 19 އަހަރުގެ އައިޝަތު ޝިމަން އަހުމަދާއި އުމުރުން 28 އަހަރުގެ އަބްދުﷲ މަހްޒޫމް މާޖިދުއެވެ. މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެ ގަތީ އެއްވެސް އިންޒާރެ ދިނުމަކާ ނުލައިއެވެ.
މިކަމާއި ގުޅިގެން ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާން އަންހެންކުއްޖަކު ޢިމާރާތަކުން ވެއްޓުނު ހާދިސާ އާއި ގުޅިގެން އެމަައްސަލަ ބެލުމުގައި ފުލުހުންގެ އިހްމާލު އޮތް ކަމަށް ބުނެ، ޒުވާނުން ކުދިބަޔަކު ކުރަން ފެށި މުޒާހަރާއާއި ގުޅިގެން، ސަރުކާރުގެ ފަރާތުން ވަނީ އެކަށީގެންވާ ހަރުދަނާ ގޮތެއްގައި އެމައްސަލަ ބަލައި އިންސާފުވެރި ތަހްގީގެއް ކުރެވޭނޭ ހުރިހާ މަގެއް ކޮށައިދީފައިކަމަށެވެ.
ރޭގެ މުޒާހަރާ ފުލުހުން ރޫޅާލީ ގޮތަށް ތާއީދުކުރައްވާ މޭރުމަކުން ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނެގެން ގާނޫނާއި ހިލާފު އެތައް އަމަލެއް ރޭ ޒުވާނުންކޮށްފައިވާކަމަށެވެ.
ފަލާހް ވަނީ ހައްގުތައް ހޯދަން މަސައްކަތް ކުރާއިރު އެމީހުންގެ ހައްގުތައްވެސް ވާނެކަން ހނދާން ކޮށްދެއްވާފައެވެ. އެގޮތުން ހައްގުތައް ހޯދަން ނިކުންނަނަމަ އެހެން މީހުންގެ ހައްގުތަކެއް ވާނޭކަމަށް ގަބޫލުކޮށް، ތިމާގެ ހައްގުތައް ނިމޭ ހިސާބުން އަނެކާގެ ހައްގުތައް ފެށޭނޭކަން ޤަބޫލުކުރަންވާނެކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ. އަދި ސަލާމަތީ ބާރުތަކުން ވެރިކަން ދިފާއުކޮށް ހަމަޖެހުން ގާއިމުކުރާނެކަމަށްވެސް ފަލާހް ވިދާޅުވިއެވެ.
ރޭގެ މުޒާހަރާގައި ފުލުހުން ހާލަތާއި ނު ބައްދަލު ބާތު ބޭނުންކޮށްފައިވާކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ އިތުރުން ދަ ޑިމޮކްރެޓްސްއާއި ސަރުކާރުގައި ބައިވެރިވާ އެމްޑީއޭއިން ވެސް ވަނީ އެކަަން ކުށްވެރިކޮށްފައެވެ. އަދި މުޒާހަރާގައި ހައްޔަރުކުރި ދެ ޒުވާނުން ދޫކޮށްލުމަށް އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއާއި އެމްޑީއޭއިން ވަނީ ގޮވާލާފައެވެ.