
ރައީސް މިހެން ވިދާޅުވީ ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް 488 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދޫކުރެވިފައިވާކަމަށާއި، މިއީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ވެފައިވާ ވައުދުތަކުގެ ތެރެއިން އެއް ވައުދެއް ކަމަށެވެ. މި ވައުދު ފުއްދިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށާއި، އެއްވެސް ދުވަހެއް މެދުނުކެނޑި ބަރާބަރަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.
މަސްވެރިންނަށް ފައިސާ ދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި ބީއެމްއެލްއާއި މިފްކޯ އަދި ފިނޭންސް މިނިސްޓްރީއާއެކު އެއްބަސްވުންތަކެއް ހެދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ކުރީ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަން ރުފިޔާ ނުދައްކާ އޮތްކަމަށާއި، މިކަމުގެ ސަބަބުން ގަވާއިދުން މަސްވެރިންނަށް ފައިސާ ދިނުމުގައި ލަސްތަކެއް ދިމާވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތްތަނުގައިވެސް މަސްވެރިންނަށް ބަރާބަރަށް ދުވަހުން ދުވަހަށް ފައިސާ ދޫކުރަމުން ގެންދަވާނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.