
ޔުމްނު އަށް އިންސާފު ހޯދާދިނުމަށް ގޮވާލާ ކޮންމެ ރެއަކު ޒުވާނުން އަންނަނީ މުޒާހަރާކުރަމުންނެވެ. ޒުވާނުން މުޒާހަރާއަށް ނުކުތީ އެ މައްސަލަ ބެލުމުގައި ފުލުހުން އިހްމާލެވެފައިވާކަމަށް ބުނެ އެތައް ފާޑުކިޔުންތަކެއް ފުލުހުންނާއި ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ.
ޒުވާނުން ކުރަމުން އަންނަ މުޒާހަރާތަކުގައި ބައިވެރި ނުވުމަށައި އެތަނަށް ނުދިޔުމަށް އަންގާފައިވާކަމަށް އެޗްއާރުސީއެމްގެ ބައެއް މުވައްޒަފުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން މީޑިއާތަކުން ސުވާލުކުރުމުން އެޗްއާރުސީއެމުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ކޮމިޝަނުން މުޒާހަރާތައް މޮނިޓާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭގެ ތެރޭގައި އޮން-ސައިޓް މޮނިޓަރިން އަދި މީޑިއާ މޮނިޓަރިން ވެސް ހިމެނޭ ކަމަށާއި ޔުމްނު މުޒާހަރާއާއި ގުޅިގެން ފުލުހުން އަމަލުކުރަމުންދާ ގޮތްވެސް ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
މީގެއިތުރުން ދުނިޔޭގެ ނޭޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަންތަކުން (އެންއެޗްއާރްއައި) އަމަލުކުރާ އުސޫލުތަކުގައި ހާވާލާދީ މުވައްޒަފުން މަސްލަހަތު ފުށުއަރާނެ ފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން ދުރުހެލިވެ ތިބެން ޖެހޭ ކަމަށް ބުނެފައިވާކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
އެހެންކަމުން އެޗްއާރުސީއެމްގެ މުވައްޒަފުންނަށް ވެސް މަސްލަހަަތު ފުށުއަރާނެ ފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން ދުރުހެލިވުމަށް އިރުޝާދު ދީފައިވާނެ ކަމަށާއި އޭގެ ތެރޭގައި މާލޭގައި މިހާރު ކޮންމެ ރެއަކު އޮންނަ މުޒާހަރާވެސް ހިމެނޭކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
ޒުވާނުން ކުރަމުންދާ މުޒާހަރާ ކުށްވެރިކޮށް އެޗްއާރުސީއެމުން ވަނީ މީގެކުރިން ބަޔާނެއްވެސް ނެރެފައެވެ.