
ކުށް ކުރާ، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހު ކުރުމަށް ހަދާ ހޯޕް އައިލެންޑާއި މައި ޖަލު އުތުރު ތިލަފަޅުގައި ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދުމަށް ހޯމް މިނިސްޓްރީން ހުޅުވާލީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.
މި ދެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށައެޅުމަށް ކުރިން ހޯމް މިނިސްޓްރީން ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހާ ހަމައަށެވެ. އެހެންނަމަވެސް މިހާރު އެ މުއްދަތު މިމަހުގެ 18 ވަނަދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
އުތުރު ތިލަފަޅުގައި ތަރައްގީ ކުރަން ނިންމާފައިވާ "ހޯޕް އައިލޭންޑް" އާއި މައި ޖަލު ހަދައިދޭ ބަޔަކަށް ދ. ވާނީ އާއި ދެ ފަޅު ދޭ ގޮތަށް ވަނީ ނިންމާފައެވެ. މި ދެ މަޝްރޫއު ހިންގަން އެދޭ ފަރާތްތަކަށް ހަތަރު ގޮތަކަށް ޕްރޮޕޯޒަލް ހުށައެޅިދާނެކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އުތުރު ތިލަފަުގައި ހަދާ ޖަލަކީ 6،000 މީހުންގެ ޖާގައިގެ ޖަލެއްކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެއިތުރުން އެތަނަކީ އެންމެ ވަރުގަދަ ސެކިއުރިޓީ ފީޗާސްތަކާއެކު ގާއިމުކުރާނެ ޖަލެއްކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. މައި ސެންޓަރަލް ޖަލު ހެދުމަށްފަހު ދެން ހުރި ޖަލުތައް ބަންދުކުރަން ނިންމާފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ހޯމް މިނިސްޓްރީން ބުނީ ހޯޕް އައިލެންޑެއްގެ ގޮތުގައި ވަކި ރަށެއް ހަދަނީ ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމަށްކަމަށެވެ. ހޯމް މިނިސްޓްރީން ބުނީ ހޯޕް އައިލެންޑް ހަދާނީ 15 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި އެތަން ތަރައްގީ ކުރާ މަރުކަޒަކީ 700 މީހުންނަށް ދިރިއުޅެވޭ ގޮތަށް ތަރައްގީ ކުރާތަނެއްކަމަށެވެ،