
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް ޑރ. މުއިއްޒު ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އޭރު ކޮމިޝަންގައި ހިމެނި ތިން މެމްބަރުންގެ ތެރެއިން ޑރ. މުހައްމަދު ހަބީބް ކޮމިޝަނުން އިސްތިއުފާދެއްވުމުން އަލުން ކޮމިޝަނަށް ބަދަލު ގެންނަވާ ޖެހިގެން އައި ދުވަހު އެކުލަވާލިއެވެ.
ރިޔާސީ ކޮމިޝަނުން މިއަދު ވަނީ އެކްސް އެކައުުންޓެއް ހުޅުވާފައެވެ. އަދި ކޮމިޝަނުން ވަނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅުނު މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ޕޯޓަލެއް ހަދާ އެ ފުރުސަތު މިއަދު ހުޅުވާލާފައެވެ.
ކޮމިޝަނުން ބުނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން، އެއްވެސް މަޢުލޫމާތެއް، ފޮޓޯ / ވީޑިއޯ ނުވަތަ އެނޫންވެސް އެއްވެސް ލިޔުމެއް ހިއްސާކުރަން ބޭނުންނަމަ މި ޕޯޓަލް ފޮނުވުމަށް ކޮމިޝަނުން ވަނީ އެދިފައެވެ. އަދި ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރަން ބޭނުންވާނަމަވެސް މި ޕޯޓަލް މެދުވެރިކޮށް ކުރެވޭނެކަމަށް ރިޔާސީ ކޮމިޝަނުން ބުނެއެވެ.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން އަލަށް އެކުލަވާލި ރިޔާސީ ކޮމިޝަން މެމްބަރުން
- ޑރ. މުހްއްމަދު މުނައްވަރު، ގ. ހަސަންކާރިގެ
- ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަހްމަދު މުހްއްމަދު، ވ. އަލްމާން
- ޑރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
- ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
- އާމިނަތު އީނާސް، ހ. ހަބަރު
އެ ކޮމިޝަންގެ މަސައްކަތް މިހާރު ރަސްމީކޮށް ފަށައިގެން ކުރިއަށްދާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޮމިޝަނުންވަނީ އެ ހާދިސާ ހިނގި ތަނަށް މި ހަފްތާތެރޭ ގޮސް، އެތަނުގެ ކަންކަން ހުރި ގޮތް ބަލައި އޮޅުންފިލުވަން ފަށާފައެވެ. މި ކޮމިޝަނުގެ މެންބަރުންގެ މަސައްކަތްތަކަށް އެހީތެރިވުމަށް ކަމާގުޅުން ހުރި އިދާރާތަކުގެ ތަޖުރިބާކާރު ޓީމެއްވެސްވަނީ އެކުލަވާލާފައެވެ.