
މިނިސްޓަރު ހަލީލް ވިދާޅުވީ ދެ ގައުމުގެ ވެރިން ސުލްހަވެރިކަމާއި ވާހަކަދެއްކުމުގެ މަގު ހޮވާފައިވާތީ އެކަމަށް މަރުހަބާ ކިޔުއްވާ ކަމަށެވެ.
އިންޑިއާ އަދި ޕާކިސްތާނުން މިއަދު ހަވީރު 5:00 ގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިއެވެ. މިއީ ދެ ގައުމުގެ މެދުގައި ހިނގި ގަދަފަދަ ހަމަލާތަކަށްފަހު، ގިނައަދަދެއްގެ މީހުން މަރުވެ، ނިއުކްލިއާ ހަތިޔާރު ގެންގުޅޭ ދެ ގައުމުގެ މެދުގައި ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެކަމުގެ ބިރު އުފެދުނު ދަނޑިވަޅެއްގައި ވެވުނު އެއްބަސްވުމެކެވެ. މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިއުލާންކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ. އެމެރިކާގެ މެދުވެރިކަމާއެކު ބޭއްވުނު މަޝްވަރާތަކަށްފަހު، ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު އިސްހާގް ދާރު އަދި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ މި އެއްބަސްވުން ކަށަވަރުކޮށްފައިވެއެވެ.