ads
ކަސްޓަމްސް ސަހަރައްދު: ވިޔަފާރިތައް ސަލާމަތް ކުރަން ޖެހިފައި--
ބިރުވެރިކަމުގެ ރަނގަބީލުގެ އަޑު ގަދަވަނީ!
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް19 ގެ ކާރިސާއަކީ ސިއްހީ ކާރިސާއެއްގެ އިތުރުން އިގްތިޞާދީ ކާރިސާއަކަށްވެސް މިވަނީ ވެފައެވެ. އެންމެ ފުރަތަމަ ޗައިނާގެ ވޫހާން ސިޓީގައި މި ބަލި ފެތުރެން ފެށުމާއިއެކު، އެސިޓީއާއިއެކު ޗައިނާގެ ވަރަށް ގިނަ ބޮޑެތި ސިޓީތަކާއި އަވަށްތަކެއް ލޮކްޑައުންކުރިއެވެ. ބޮޑެތި ފެކްޓަރީތަކާ، ހޮޓާތަކާ، ރެސްޓޯރަންޓް، އަދި ފިހާރަތައްވެސް ބަންދުކުރެވި، އިގްތިޞާދީ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ.

އެހެންނަމަވެސް، ގޭތަކުގައި ބަންދުވެފައި ތިބި އެތައް މިލިއަން މީހުންނަށް ކާބޯތަކެތި އަދި އެހެނިހެން ޒަރޫރީ ތަކެތި ޑެލިވަ ކުރެވޭނެ ނިޒާމެއް، އަދި އެފަރާތްތަކަށް ފޯރުކޮށްދެވޭނޭ ގޮތް ދިޔައީ ހަމަޖައްސަމުންނެވެ.  އަދި ލޮކްޑައުން ނިމުމާއިއެކު ފެކްޓަރީތަކާއި ވިޔާފާރިތައްވެސް ވަނީ މަޑުމަޑުން ހުޅުވަން ފަށާފައެވެ. ކުރީގެ ހާލަތައް ރުޖޫއަ ނުވިނަމަވެސް، އިގްތިސާދުވަނީ ހިނގަން ފަށާފައެވެ.

މި ބަލިމަޑުކަމުގެ ސަބަބުން އަސަރުނުކުރާ އެއްވެސް ވިޔަފާރިއެއް އިންޑަސްޓްރީއެއް ނެތެވެ. ހީނަރުނުވާ އެއްވެސް އިގްތިސާދެއް ނެތެވެ. އެއާލައިންތައް ވަނީ ހުއްޓިފައެވެ. އެއަޕޯޓްތަކާއި ފަތުރުވެރިކަމުގެ އެންމެހާ ވިޔަފާރިތައް މިވަނީ ހުއްޓިފައެވެ. ތެލުން ލިބޭ އާމްދަނީއަށް ބަރޯސާވާ ގައުމުތަކުގެ އިގްތިސާދުތައްވެސް މިވަނީ، ތެލުގެ އަގު ވެއްޓުމާއި ގުޅިގެން މުޅީން ހީނަރުވެފައެވެ. މިހެންކަމުން، އެންމެ ފަގީރު ގައުމުތަކުން ފެށިގެންގޮސް އެންމެ މުއްސަނދި ގައުމުތައްވެސް މިވަނީ އިގްތިސާދީ ހީނަރުކަމާއި ކުރިމަތިލާންޖެހިފައެވެ.

ކޮވިޑް19ގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން، މިއަހަރުގެ ތެރޭގައި 30 އަށްވުރެ ގިނަ ގައުމުގައި މީހުން ބަނޑަށްޖެހޭނެ ކަމުގެ އިންޒާރު ވޯރލްޑް ފުޑް ޕްރޮގްރާމްގެ ފަރާތުން ވަނީ ދީފައެވެ. މީގެ ތެރެއިން 10 ގައުމުގައި ޖުމްލަ އެއް މިލިއަން މީހުން މިވަގުތުވަނީ ކާނެއެއްޗެއް ނުލިބި ބަނޑުހައިހޫނުކަމުގެ ހާލަތުގައެވެ. ދުނިޔޭގެ އެކި އިގްތިސާދީ މާހިރުން، އަދި ބައެއް ޖަމިއްޔާތަކުންވެސް ބުނާގޮތުން، ކޮވިޑް19 ބަލިމަޑުކަމުން މަރުވާ މީހުންނަށްވުރެ، އިގްތިސާދީ ހީނަރުކަމުން ބަނޑަށްޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވުމަކީ މިހާރު ބެލެވޭ ކަމެކެވެ.

ރާއްޖޭގައި ކޮވިޑް19 ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަރަށް ހަރުކަށި، އަދި ވަރަށް ބޮޑެތި ފިޔަވަޅުތައް މިވަނީ އަޅާފައެވެ. އަދި ޖެނުއަރީ މަހުން ފެށިގެން ސަރުކާރުން ދިޔައީ މި ކާރިސާއާ ކުރިމަތިލުމަށް ތައްޔާރުވަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ، އަދި ވަޒީރުން ދަނީ ވިދާޅުވަމުންނެވެ. އެހެންނަމަވެސް، މިއަދު މިފެނިގެންދަނީ، ސަރުކާރުން ހަގީގަތުގައި ތައްޔާރުވެފައިވަނީ ހަމައެކަނި ސިއްހީގޮތުން މި ބައްޔާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅި މަންޒަރު އެވެ. 

އިގްތިޞާދީ ގޮތުން އަންނާނޭ ހީނަރުކަމަށް، އެއްވެސް މިންވަރަކަށް ތައްޔާރުވެވި، ފިޔަވަޅު އެޅިފައެއް ނެތެވެ. މިގޮތުން، ހުރިހާ ރިސޯޓްތައް ބަންދުކުރަންޖެހި، އެއްވެސް ބޭރުފައިސާގެ އާމްދަނީއެއް ނުލިބޭ ހާލަތަކަށް ތައްޔާރުވެވިފައެއްނެތެވެ. އަދި ބޭރުން ކާބޯތަކެތި ނުލިބޭ ހާލަތެއްގައި، ގައުމުގެ ހަތަރު ލައްކަ މީހުން ކައިގެން ބޮއެގެން ހައެއްކަ މަހު ހިފަހައްޓާލެވޭނެ ވަރެއް ނެތެވެ. އެކި ރަށްރަށުގައި ހެއްދޭ މޭވާ އާއި ތަރުކާރީ، މާލެއާއި އެހެނިހެން ރަށްރަށަށް ފޯރުކޮށްދެވޭނެ ނިޒާމެއް ނުވަތަ ޕްލޭނެއް ގެންގުޅޭ ތަނެއް ނުފެނެ އެވެ. އެންމެ ކުޑަ މިނުން، މާލޭގައި މީހުން ލޮކްޑައުންގައި ތިބޭއިރު ގޭގެއަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ޕްލޭނެއްވެސް ނެތެވެ.

ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުވެސް އޮތީ މިފަދަ ހާލަތެއްގައި ސަޕްލައި މެނޭޖްކުރެވޭނޭ ފަދަ ގާބިލްކަމެއްގައެއްނޫނެވެ. ދުނިޔޭގެ އެންމެފަހުގެ ޓެކްނޮލޮޖީގެ އެހީގައި، އެންމެ އާދައިގެ ފެންވަރުގައިވެސް އިތުބާރާއިއެކު އޮންލައިން ސޮޕިން ހެދޭ ފެންވަރުގެ ކުންފުންޏެއް ވެސް ނެތެވެ. ކަސްޓަމަ ސާވިސްއަށް އަހުލުވެރިކަމެއް ނެތެވެ.

މާރިޗް މަހުގެ ތެރޭގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރެވުނެވެ. އަދި ސްކޫލްތަކާއި، މިސްކިތްތަކާއި، ރެސްޓޯރެންޓް ހޮޓާތައްވެސް ވަނީ ބަންދުކުރެވިފައެވެ. މީގެ މާނައަކީ ސަރުކާރުގެ އަދި ދައުލަތުގެ އެންމެ މުހިއްމު މުއައްސަސާތަކުގެ އެންމެން ޗުއްޓީގައި ގޭގައި ތިބުމެއް ނޫނެވެ. މިފަދަ ބޮޑު ކާރިސާއެއް ގައުމަށް ކުރިމަތިވަމުން އަންނައިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އަދި އިގްތިސާދީ އަދި އިޖްތިމާއީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ޕްލޭންތަކާއި، ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި، ޓީމުތައް ދާންޖެހޭނީ ރެޔާއި ދުވާލު މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް، ސިއްހީ ހިދުމަތާއިގުޅޭ މީހުންނާއި، ސިއްހީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭ ޓީމުތަކުގެ އިތުރުން، ސަޕްލައި ޗެއިން މެނޭޖްކުރުމާއި، އިގްތިސާދީ ކާރިސާއާ ގުޅޭ ޓީމުތަކެއް ހަރަކާތްތެރިވި ބާވައެވެ؟

ޕޮލިހުންނާއި ސިފައިން ވޭތުވެދިޔަ އެތައް ހަފްތާއެއް ވަންދެން އެކި އެކި ކަރަންޓީން ފެސިލިޓީތައް ބެލެހެއްޓުމުގައި އުޅެ މިއަދު އެތިބީ ވަރުބަލިވެފައެވެ. ބ. އަތޮޅުން، އ. އަތޮޅުން، އަދިވެސް އެކިއެކި ހިސާބުގައި ހުރި ކަރަންޓީން ސެންޓަރުތަކާ މާލެ އާ ދެމެދު ދަތުރު ކުރުމާއި، އެހެނިހެން އެތައް ކަމެއްގައި ސިފައިން ހަރަކާތްތެރިވެއްޖެއެވެ. މިއަދު މިޖެހުނީ އަނެއްކާ ގޭގެއަށް ޑެލިވަރީކޮށްދިނުމުގައި އުޅޭށެވެ.

ނަތީޖާއަކީ ކޮބައިތޯއެވެ؟ ކުރިއަށް އޮތް ދުވަސްތަކުގައި ބަލިނުޖެހި ގޭގައި ތިބޭ މީހުންނަށް ދުނިޔޭގައި ތިބޭވޭނޭ މިންވަރަށް ގައުމަށް ކާބޯތަކެތި ލިބޭނެތޯއެވެ؟ މާލޭގައި އުޅޭ ދޮޅުލައްކައަށްވުރެ ގިނަ މީހުންނާއި، ރަށްރަށުގައި އުޅޭ ދެލައްކައަށްވުރެ ގިނަ މީހުންނަށް ކާބޯތަކެތި ލިބޭނޭ ނިޒާމެއް ގާއިމްކުރެވޭނެ ތޯއެވެ؟ އަވަސް ފުރުސަތެއްގައި މިފަދަ ނިޒާމެއް ގާއިމް ނުކުރެވިއްޖެނަމަ، މީހުން ގޭގައި މަޑުން ތިބެ ޖެހޭނީ ބަނޑުހައިހޫނުކަމާއި ކުރިމަތިލާންތޯއެވެ؟  ބޭރަށް ނިކުމެއްޖެނަމަ، ކޮރޯނާ ވައިރަހާ ކުރިންމަތިލާންތޯއެވެ؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް