
މި އަހަރުގެ މިނިވަން ދުވަހާއި ދިމާކޮށް އާ ޓާމިނަލް ހުޅުވާނެކަން ހަމަކުރީ އެމްއޭސީއެލްގެ ޗީފް ޓެކްނޮޮލޮޖީ އޮފިސަރު ޝަފީޒު އަހުމަދުއެވެ.
ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި އޭވިއޭޝަން ފޯރަމްގައި ވާހަކަ ދައްކަވަމުން ޝަފީޒު އަހުމަދު ވިދާޅުވީ، ވީއައިއޭގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހިދުމަތްތަކަަށް ބަދަލު އަންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަފީޒު ވިދާޅުވީ، އާ ޓާމިނަލް ބޭނުން ކުރާނީ އެ ޓާމިނަލާ އެކު، ބަހައްޓާ ހަ އެއިރޯބްރިޖާ އެކު ކަމަށެވެ. އަދި ޓާމިނަލް ހުޅުވުމަށް ފަހު، ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ހިދުމަތެއް އާ ޓާމިނަލަށް ބަދަލުކޮށް ނިންމާނެކަމަށް ޝަފީޒު ވިދާޅުވިއެވެ.
އިންޓަނޭޝަލަން އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތައް ނިންމުމަށް ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރު (261.8 މިލިއަން ރުފިޔާ) ލޯނެއް ދިނުމުގެ އެއްބަަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ވަރަށް ދިގުލައިގެން ދިޔަކަމަށް ގަބޫލުކުރައްވާކަމަށެވެ. އެހެންނަމަވެސް އަމާޒަކީ ވަރަށް އަވަހަށް ނިންމުންކަމަށް އޭނާ ވިދާޅުވިއެވެ.