ads
ބޭންކިން ހިދުމަތް ފަށަން އެމްއެމްއޭއިން ދެ ކުންފުންޏަކަށް ހުއްދަ ދިނުން
ބޭންކިން ހިދުމަތް ފަށަން ދެ ކުންފުންޏަކަށް ހުއްދަ ދީފި
ބޭންކިން ޚިދުމަތް ދިނުމަށް ދެ ކުންފުންޏަކަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފިއެވެ.
Advertisement

މި ހުއްދަ ދީފައިވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީއާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. މިމަހުގެ 19 ވަނަ ދުވަހު މި ހުއްދަ ދީފައިވަނީ ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީއަށް ހުއްދަ ދީފައިވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ބޭންކުގެ ނަމުގައި ޓިއާ 1 ބޭންކަކަށް ބަދަލުކުރުމަށެވެ. އަދި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދީފައިވަނީ ބީއައިސީ ބޭންކް މޯލްޑިވްސްގެ ނަމުގައި ޓިއާ 1 ބޭންކެއް ގާއިމްކުރުމަށެވެ. މި ދެވުނު ހުއްދަތަކާއެކު، ހިދުމަތް ފެށުމުގެ ކުރިން އެމްއެމްއޭއިން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމުން މި ދެ ފަރާތަށް ދިވެހިރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމުގެ ހުއްދަ ދެވިގެންދާނެކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެމްއެމްއޭއިން އިތުރަށް ބުނީ މިއީ މާލީ ހިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް، އަދި ރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ. 

މިގޮތުން ބޭންކިން ދާއިރާއަށް އަންނަ އިތުރު ވާދަވެރިކަމާއެކު، އާންމުންނަށް ލިބޭ ހިދުމަތްތައް އިތުރުވެ، އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެން ދާނެކަމަށް ބެލެވެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް