
ސްޓެލްކޯއިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓުދީ، ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލޭ އާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި، ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓު ދެވިފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން މުޅި މާލެ ސަރަހައްދުން މިއަދު 12:30 ހާއިރު މުޅި ކަރަންޓު ގްރިޑު އެއްކޮށް ނިވުނީ އާތު ފޯލްޓެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުންޏެވެ. މުޅި މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމާއެކު މި ތަންތަނުގެ ސްކޫލުތަކުގެ ކިޔެވުން މެދުކަނޑައިލައި، ދަރިވަރުން ވެސް ވަނީ ގެއަށް ފޮނުވައިލައިފަ އެވެ.
ކުއްލި ގޮތަކަށް މުޅި، މާލެއާއި ހުޅުމާލެއިން ކަރަންޓު ދިޔުމާއެކު ހޮސްޕިޓަލްތައް ފަދަ މުހިންމު ތަންތަނުން ވެސް ކަރަންޓު ދިޔައެވެ. ކަރަންޓު ކެނޑުނު ތަންތަނުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ދިން ކަމަށް ސަރުކާރުން ބުންޏެވެ.
މި ކަން ސީރިއަސް މައްސަަލައެއްގެ ގޮތުގައި ބަލަން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފަ އެވެ.
ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.