ads
އެމްޓީސީސީން ހިންގި ފަސްޓްއެއިޑް ޓްރެއިނިން ޕްރޮގްރާމެއްގެ ތެރެއިން
އެމްޓީސީސީގެ ޖުމްލަ އާމްދަނީ 1.1 ބިލިއަން ރުފިޔާ ދަށަށް
އެމްޓީސީސީގެ 2024 ވަނަ އަހަރުގެ ޖުމްލަ އާމްދަނީ 33 ޕަސަންޓު ދަށްވެ، 2023 ވަނަ އަހަރާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ދަށަށް ގޮސްފައިވާކަން އެ ކުންފުނީގެ އަހަރީ ރިޕޯޓުން ހާމަވެއްޖެއެވެ.
Advertisement

އެ ކުންފުންޏަށް މިދިޔަ އަހަރު ލިބިފައިވަނީ 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ 2023 ވަނަ އަހަރު 3.2 ބިލިއަން ރުފިޔާ ހޯދުމަށްފަހު އައި ބޮޑު ދަށްވުމެކެވެ. 2023 ވަނަ އަހަރަކީ އެމްޓީސީސީއަށް ފާއިތުވި ފަސް އަހަރުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރުކަން ފާހަގަކޮށްލެވެއެވެ.

އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ކޮންސްޓްރަކްޝަން އަދި ޑްރެޖިން ދާއިރާގެ އާމްދަނީ 37 ޕަސަންޓަށް ދަށްވުމެވެ. މިދިޔަ އަހަރު މި ދާއިރާއިން ކުންފުންޏަށް ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރު މި ދާއިރާއިން ލިބުނު 2.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އެއް ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. އެމްޓީސީސީގެ ޖުމްލަ އާމްދަނީގެ 80 ޕަސަންޓު ހޯދަނީ ކޮންސްޓްރަކްޝަން އަދި ޑްރެޖިން ދާއިރާއިން ކަމަށްވާއިރު، މި ދާއިރާއަށް އައި ދަށްވުން ކުންފުނީގެ މުޅި އާމްދަނީއަށް ބޮޑަށް އަސަރުކޮށްފައިވެއެވެ.

ޖުމްލަ އާމްދަނީ ދަށްވުމާއެކު، ކުންފުނީގެ ސާފު ފައިދާވެސް 53 ޕަސަންޓު ދަށްވެ، މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 45 މިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 97 މިލިއަން ރުފިޔާއާ އަޅާބަލާއިރު 52 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އެހެންނަމަވެސް، ޑްރެޖިންގެ އާމްދަނީ ދަށްވި ނަމަވެސް، ޓްރާންސްޕޯޓު ދާއިރާ އާއި ޓްރޭޑިން ދާއިރާއިން ކުރިއެރުންތަކެއް ލިބިފައިވާކަން ކުންފުނިން ފާހަގަކޮށްފައިވެއެވެ. އަދި ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް އެއްފަހަރާ ހިންގަމުންދާތީ، ހަރަދު ކުޑަކުރުމަށް ފިޔަވަޅެއް އަޅަން ދަތިވެފައިވާކަމަށް ކުންފުނީގެ އަހަރީ ރިޕޯޓުގައި ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް