
ރައީސް ވަހީދު މިހެން ވިދާޅުވީ އެމެރިކާގެ ނިއުޔޯކުގައި އޮތް މޯލްޑިވްސް ޓޫރިޒަމް އެންޑް އިންވެސްޓުމެންޓު ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފޯރަމްގައި ވާހަކަ ދައްކަވަމުން ރައީސް ޑރ ވަހީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އޮތީ ވަރުގަދަކޮށް ކަމަށާއި ރާއްޖޭގެ އިގްތިސާދަކީ އޭޝިއާ ސަރަހައްދުގެ އެންމެ ވާދަވެރި އަދި އިންވެސްޓަރުންނަށް އެންމެ ބޮޑަށް ހުޅުވާލެވިފައިވާ މާކެޓު ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު 5 އިންސައްތައިގައި މިއަހަރު ކުރިއަރާނެ ކަމަށް އައިއެމްއެފްއިން ވެސް ލަފާކޮށްފައިވާކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރަން ސަރުކާރުން ގެންގުޅޭ ޕްލޭންތަކުގެ ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ 2040 އަންނައިރު ރާއްޖެ އަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށެވެ. އަދި އެއް ދާއިރާއަކަށް ބަރޯސާވެފައި އޮތް ރާއްޖޭގެ އިގްތިސާދު ތަފާތު ކަންކަމަށް ފުޅާކޮށް، ވާދަވެރި އިގްތިސާދަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަންވެސް ޑރ. ވަހީދު ފާހަގަކުރެއްވިއެވެ.
2008 ވަނަ އަހަރުގެ މާލީ ހީނަރުކަމަށް ފަހު، ދުނިޔެއަށް އަންނަ ލޮޅުންތަކުގެ، އަސަރު ބޮޑު ގައުމެއްގެ ގޮތުގައި ބަލާ ދުނިޔޭގެ ޖަމިއްޔާތަކުން ރާއްޖެ ހަވާސާކޮށްލިކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. އެހެންނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ކުރިމަތިވި ހީނަރުކަމުން ރާއްޖެ އަރައިގަތް ހަލުވި ދުވެއްޔާއެކު އެ ހީކުރުންތައް ބާތިލުކުރަން ޖެހުނު ކަންވަސް ޑރ. ވަހީދު ވަނީ ފާހަގަކުރައްވާފައެވެ.
ދިގު މުއްދަތުގެ ހަމަޖެހުން ކަށަވަރުކޮށްދީ، އިތުބާރާއި ހާމަކަން ބޮޑު ގޮތެއްގައި ކަނޑައެޅިފައިވާ، އިންވެސްޓްމަންޓާ ރައްޓެހި މާހައުލެއް ބިނާކުރުމަށް މާލީ އިސްލާހުތައް ރާއްޖެއަށް ތައާރަފުކުރަމުންދާކަން ޑރ. ވަހީދު ވަނީ ފާހަގަކުރެއްވާފައެވެ.