
ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައި ބުންޏެވެ. މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކުރި ޖުމްލަ 20.6 ބިލިއަން ރުފިޔާގެ ތެރެއިން 3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ލޯނުތައް ދެއްކުމަށެވެ.
ލޯނު އަނބުރާ ދެއްކުމަށް ކުރި ހޭދަ ފާއިތުވި އަހަރާ އަޅާބަލާއިރު ވަނީ ބޮޑުތަން އިތުރުވެފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކޮށްފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ. މިއީ މިއަހަރު ލޯނު ދެއްކުމަށް ކުރި ހޭދައާ އަޅާބަލާއިރު ބޮޑު އަދަދެއްގެ ތަފާތެކެވެ.
ލޯނު ދެއްކުމަށް ކުރި ހޭދަ އިތުރުވި ނަމަވެސް، ދައުލަތުގެ ކެޕިޓަލް ހަރަދާއި ރިކަރަންޓް ހަރަދު ވަނީ ދަށަށް ގޮސްފައެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ކެޕިޓަލް ހަރަދާއި ރިކަރަންޓް ހަރަދު ހުރީ 15.6 ބިލިއަން ރުފިޔާގައެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 20.3 ބިލިއަން ރުފިޔާގައެވެ. އަދި ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ ހަ ޕަސަންޓު އިތުރުވެފައެވެ.