
މި ސްކީމަކީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާ އެކު އެއްބަސްވެފައިވާ ލޯނު ސްކީމެއް ކަމަށްވާއިރު، މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރުމަށް ދަތިވާ ފަރާތްތަކަށް އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ދޫކުރާ ލޯނުތަކެއް ކަމަށް ބުންޏެވެ.
މި ސްކީމަށް 2025 ވަނަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހު ހަމަވި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޖުމްލަ 2256 ފޯމު ލިބިފައިވާ ކަމަށާއި، އޭގެ ތެރޭގައި "ރަށްވެހި" ސްކީމަށް 1329 ފޯމު، "ސަހަރް" ސްކީމަށް 586 ފޯމު، އަދި "ފަހިމާލެ" ސްކީމަށް 341 ފޯމު ހިމެނޭ ކަމަށް ބުންޏެވެ. މިވަގުތު މި ފޯމުތައް އިވެލުވޭޓް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، މި ޕްރޮގްރާމްގެ ދަށުން ލޯނުތައް 2025 ވަނަ އަހަރުގެ ޖުލައި މަހު ދޫކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ.
މި ލޯނު ސްކީމްގެ އުސޫލުތައް 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 8 ވަނަ ދުވަހު ގެޒެޓްކޮށްފައިވާއިރު، މި އުސޫލުތަކަށް 2025 ވަނަ އަހަރުގެ ފެބުރުވަރީ 17 ވަނަ ދުވަހު ވަނީ އިސްލާހު ގެނެސްފައެވެ. އިސްލާހުގެ ދަށުން، ހުރިހާ ތިން ސްކީމަށްވެސް މިނިސްޓްރީއާއެކު ސޮއިކުރާ ބޭންކުތަކުން ލޯނު ދޫކުރެވޭނެ ކަމަށާއި، މި ޕްރޮގްރާމްގެ ސަބަބުން ހިޔާވަހިކަން ހޯދުމުގައި މާލީ ގޮތުން ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް މަގުފަހިވެ، ގެދޮރުނެތިފައިވާ ޢާއިލާތަކަށް ގެދޮރުގެ ތަނަވަސްކަން ލިބިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ބުންޏެވެ.