
ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނެއްގެ ދަށުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ލިވަޕޫލާއެކު އެމްއެމްޕީއާރުސީން ހެދި ޑީލުގެ އަގަކީ އަށް މިލިއަން ޕައުންޑްއެވެ. މި ފައިސާ ދައްކާނީ ފިނޭންސް މިނިސްޓްރީކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލިވަޕޫލާއެކު ހަދާފައިވާ އަށް މިލިއަން ޕައުންޑްގެ އެއްބަސްވުމުގެ ދަށުން، މިހާތަނަށް ލިވަޕޫލަށް މިހާތަނަށް ދޫކޮށްފައިވަނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އަދަދުގެ 20 ޕަސެންޓަށްވާ ފައިސާ އެވެ. އެއީ 1.6 މިލިއަން ޕައުންޑެވެ. މިއީ ތިން އަހަރުގެ އެއްބަސްވުމެއް ކަމަށް ވާތީ އަހަރަކަށް ހޭދަވާނީ 2.6 މިލިއަން ޕައުންޑް އެވެ.
އެމްއެމްޕީއާރުސީން ކުރިން ބުނިގޮތުގައި، ޕްރިމިއާ ލީގުގައި ލިވަޕޫލްގެ ހޯމް މެޗުތަކުގައި އެލްއީޑީ ވިޒިޓް މޯލްޑިވްސް ލޯގޯ ފެންނާނެ އެވެ. އަދި ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ރާއްޖޭގެ ޓޫރިޒަމް ބްރޭންޑިން ޖަހައި އެލްއެފްސީގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ވެސް ރާއްޖެ ޕްރޮމޯޓު ކުރާނެ އެވެ. އަދި ޔޫރަޕްގެ އެކި ހިސާބުތަކުގައި މުހިއްމު މާކެޓުތަކުގެ ޓޫރިސްޓުންނަށް އަމާޒު ކޮށްފައިވާ ބިލްބޯޑުތަކުން ރާއްޖެ ދައްކާލަން ހަމަޖެހިފައިވެ އެވެ. އެލްއެފްސީގެ ގްލޯބަލް އޯޑިއަންސްގައި 205 މިލިއަން ފޮލޯވަރުންނާއި ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޯވަރުން ހިމެނެ އެވެ.
މިދިޔަ މާޗު މަހު އިއުލާނުކުރި މި ޑީލާ ގުޅޭ ގޮތުން އެމްއެމްޕީއާރުސީން ކުރިން ބުނެފައިވަނީ ލިވަޕޫލާ އެކު "ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕް" އެއް ގާއިމު ކުރުމުން ގައުމުތަކަށް ރާއްޖެ އިތުރަށް މަޝްހޫރުވެ، ޓޫރިސްޓުން ގެނައުމުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް އަދި އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށެވެ.
މި އެއްބަސްވުމުގެ ސަބަބުން މި އަހަރު، ކުރިން އަންދާޒާކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށާއި އޭރުން ޓޫރިޒަމުން ލިބޭ އާމްދަނީ 100 މިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެ އެވެ.