
'ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު'ގެ ނަމުގައި ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
މި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ 62 މެމްބަރުންގެ ތާއީދާ އެކު އެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވެސް ހިމެނެ އެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.
މަޖިލަށް ބިލު ބަލައިގަނެ މި ބިލު ދިރާސާ ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ރިޔާސަތުން ވަނީ ފޮނުވާފައެެވެ.
މި ބިލުގެ ބަހުސް މަރުހަލާގައި ސަރުކާރަށް ތާއިދުކުރާ މެމްބަރުން ވިދާޅުވީ މީ ރައީސް ޑރ، މުހައްމަދު މުއިއްޒު ރައްޔިތުންނަށް ކަންކަމުގައި ބާރު ދެއްވުމުގެ ގޮތުން ކުރައްވާ އިހްލާސްތެރި މަސައްކަތެއްކަމަށެވެ. އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވީ މީ އަންނަ ރިޔާސީ އިންތިހާނު ނުބައްވާ މި ދައުރު ދިގު ދަންމާލަން ސަރުކާރުގެ ހީލަތްތެރި ރޭވުން ހާސިލްކުރުމުގެ ބޭނުމުގައި ހުށައަޅާފައިވާ ބިލެއްކަމަށެވެ.