
މި ކަން ހާމަކުރެއްވީ ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ ބައްދަލުކުރެއްވުމަށްފަހު މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުންނެވެ.
މި ބައްދަލުވުމުގައި، މަސްވެރިކަމުގެ ދާއިރާއާއި ބްލޫ އިކޮނޮމީ އިތުރަށް ތަރައްގީ ކުރުމަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އިތުރަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ހާއްސަކޮށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް މ.މުލަކުގައި ހުންނަ ކޯލްޑް ސްޓޯރޭޖާއި ކޫއްޑޫ، އަދި ރިސާޗް އެންޑް ކޮންޒަވޭޝަންގެ ދާއިރާއިން އިތުރަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ.
ހަމަ މި ދުވަހު، ފިޝަރީޒް މިނިސްޓަރު އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޫ-ހޯ ޔޮންއާ ވެސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން މަސްވެރިކަމުގެ ދާއިރާގައި ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާގައި ދެ ގައުމުގެ އެއްބާރުލުން ހަރުދަނާކުރުމާއި، އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމާ އިތުރުން، ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ދެ ގައުމު ގުޅިގެން ކުރެވެންހުރި މަސައްކަތްތައް އިތުރުކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.