
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީއާއި ޗައިނާ ސަރުކާރާ ދެމެދުގައެވެ. އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ ރާއްޖޭގައި ރުއްތަކަށް ދިމާވެފައިވާ ކޮކަނަޓް ހިސްޕައިން ބީޓަލް ރުކުމަޑި މެނޭޖްކުރުމަށް އެޅޭ މުހިންމު އަދި އިސްތިރާތީޖީ ފިޔަވަޅެއް ކަމަށެވެ.
މި ޕްރޮޖެކްޓްގެ މައިގަނޑު މަގްސަދަކީ ރާއްޖެއަށް ބޯޑަރު ހުރަސްކޮށް އެތެރެވެފައިވާ ރުކާއި ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓު ކޮންޓްރޯލްކުރުން ކަމަށް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނީޒް އެކެޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) ގެ ތަޖުރިބާކާރުންގެ ވަފުދެއް ރާއްޖެ އައިސް ވަނީ މި ޕްރޮޖެކްޓާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރުމަށްފަހު ހަނިމާދޫ އެގްރިކަލްޗަ ސެންޓަރަށްވެސް ޒިޔާރަތްކޮށްފައެވެ. އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން ބުނީ ރާއްޖޭގައި ގަސްތަކަށް ޖެހޭ ތަފާތު ވައްތަރުގެ ބަލިތައް ދެނެގަނެވޭނެ ލެބޯޓްރީއެއް މިހާތަނަށް ގާއިމުވެފައި ނެތުމާ ގުޅިގެން އެފަދަ ލެބޯޓްރީއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައި ކަމަށެވެ.