އެމްއެމްއޭއިން މިހެން ބުނެފައި މިވަނީ އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތް ބީއެމްއެލް އިން ކުރިއަށް ގެންދަނީ ރާއްޖޭގެ ބޭންކިން ގާނޫނާ ހިލާފަށް ކަމަށް ބުނެ އަޑުތައް ފެތުރިފައިވަނިކޮށެވެ.
އެވާހަކަތައް ދޮގުކޮށް އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމަށް ހުށަހަޅާ މުއާމަލާތާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތަށް ބިނާކޮށް އާއްމު އުސޫލުތަކާ އެއްގޮތަށް މި މުއާމަލާތް ހިންގުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތްތަކަށް އެ ބޭންކުން އަމަލުކުރިތޯ ބަލާފައިވާކަމަށެވެ. އަދި މި ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމަށް ކުރަމުންދާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ބޭންކިން ގާނޫނާއި ޚިލާފަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމަށް ކަނޑައަޅާފައި ނުވާނެކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
އެސްޑީއެފްސީގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލަން ކެބިނެޓުން ނިންމީ މިމަހުގެ 20 ވަނަދުވަހުއެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ އެސްޑީއެފްސީގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން، މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު ފިނޭންސް މިނިސްޓްރީން ހުށަހަޅުއްވާފައިވާ ދިރާސާ ކަރުދާހަށް ވަޒީރުން މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.