
ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވުމުގެ މަގު ތަނަވަސްކޮށް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރި އާއި އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާ މިކުރީ، އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެން އުޅުއްވަނިކޮށެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވަން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް ކަމަށެވެ.
2024 ވަނަ އަހަރު އޮކްޓޫބަރު މަހު ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސް ޓަރމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަމަޖައްސާފައެވެ.
1 އޮގަސްޓުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންނަށް، ދިވެހިންނާއި ވިޔަފާރިތަކާއި ބިދޭސީންވެސް ހިމެނޭ ގޮތަށް، ބީއެމްއެލް މޯބައިލް ބޭންކިންގ ބޭނުންކޮށްގެން އޮންލައިންކޮށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެއެވެ.
މި އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނީ ބީއެމްއެލް ބްރާންޗްތަކުންނެވެ. މިގޮތުން އިންޑިއަން ރުޕީ 500 ގެ ނޫޓުން ފެށިގެން މަތީ އަދަދުގެ ނޫޓްތައް ޖަމާކުރެވޭނެއެވެ. އަދި އިންޑިއާ އިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ މިގޮތަށް ހުޅުވާ އިންޑިއަން ރުޕީ އެކައުންޓަށް ޖަމާކުރެވޭނެއެވެ. އަދި އިންޑިއާ އަށް ފައިސާ ފޮނުވުމުގައިވެސް މި އެކައުންޓް ބޭނުންކުރެވޭނެއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 40 ބްރާންޗް، 133 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު، 188 އޭޓީއެމް، ފުޅާ ދާއިރާއެއްގައި އޭޖެންޓް ބޭންކިންގ ޚިދުމަތްތަކާއި، ޒަމާނީ ޑިޖިޓަލް ބޭންކިންގ ހައްލުތަކާއެކު، ބޭންކް އޮފް މޯލްޑީވްސް އަކީ ރާއްޖޭގެ އެންމެ އިސް އިސް މާލީ އިދާރާއެވެ.
ބޭންކުގެ ޚިދުމަތް ލިބޭ ތަންތަން އިތުރުކުރުމާއެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ޗެނަލްތަކާއި ޕާޓްނަރޝިޕްތައް އިތުރަށް ކުރިއެރުވުމަށް ބޭންކުން ނުހަނު ބޮޑު އިސްކަމެއްދެއެވެ.