
އިއްޔެ ރާއްޖެ ވަޑައިގެން އިންޑީއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާލެ ވަޑައިގަތުމާއި ޖުމްހޫރީ މައިދާން ސަރަހައްދު ހިމެނޭ ގޮތަށް ބޮޑު ސަރަހައްދެއް ބަންދުކުރިއެވެ.
އެއާއި އެކު އިސްލާމީ މަރުކަޒަށް އިއްޔެ އަސުރު ނަމާދަށް މީހުން ވަނުންވެސް އޮތީ މަނާކޮށްފައެވެ. އަސުރު ނަމަދަށް މަރުކަޒުގައި ހުރީ އިމާމާއި އެކު އެންމެ މީހެކެވެ. އެކަމާއި ކަންބޮޑުވުން ފާޅުކޮށް އިސްލާމީ މަރުކަޒިގެ އިމާމު ފޭސްބުކްގައި ޕޯސްޓެއްވެސް ކުރިއެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑްލީޓްކޮށްފައެވެ.
މިކަމާއި ގުޅިގެން ސިފައިން މިއަދު ބުނީ ދިވެހިރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާ ގުޅިގެން 2025 މިއަދުގެ 13:00އިން ފެށިގެން ހަރަކާތް ނިމެންދެން، ޖުމްހޫރީ މައިދާން ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާތީ، އެ ސަރަހައްދަށް އާންމު އުޅަނދުފަހަރު ވަދެނިކުތުމުގައި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށެވެ.
ނަމަވެސް، އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި ފޭބުމަށް އެ ސަރަހައްދުގައި ހިންގަވާފައި އުޅުއްވުމުގައި އެއްވެސް ބޭފުޅަކަށް އެއްވެސް އިރެއްގައި ހުރަހެއް ނޯންނާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.